ސަރުކާރުގެ 22 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ނިންމަން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާ ބޭއްވޭނެ ދުވަހެއް ނޭނގޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މަޖިލީސް ޗުއްޓީއަށް ގޮސްފައި އޮއްވައި މިދިޔަ މަހު 30 ގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީން ވަނީ 22 ވަޒީރުންނަށް ވެސް ރުހުންދޭން ފާސްކޮށްފައެވެ.
އާ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުންދޭން މިދިޔަ މަހު 18 ގައި ފުރަތަމަ ތަޅުމަށް އެޖެންޑާކުރިއެވެ. އެކަމަކު، އެ ދުވަހު ވުޒާރާތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ފާސްނުކުރާ ކަމަށް ބުނެ، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ. އޭގެ ފަހުން އެ މައްސަލަ ނިންމީ މިދިޔަ މަހު 30 ގައެވެ.
ހަމަ އެ ދުވަހު، އެމްޑީޕީން ވަނީ ވަޒީރުންނަށް ރުހުންދޭން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ސޮއި ހަމަކުރަން ފަށައިފައެވެ.
އެމްޑީޕީގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު މިއަދު "ސަން"އަށް ވިދާޅުވީ، މިހާރު ދައުރުން ބޭރު ޖަލްސާއަށް ސޮއި ހަމަވާނެ ކަމަށެވެ. އެކަމަކު، ވަރަށް ގިނަ މެންބަރުން ޗުއްޓީގައި މި ވަގުތު ތިއްބެވީ ރާއްޖެއިން ބޭރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، ޖަލްސާ ބޭއްވޭނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ.
ވަޒީރުންނަށް ރުހުންހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ ނޮވެމްބަރު 20 ގައެވެ.
ބާވީސް ވަޒީރުންނަށް އެއްކޮށް ރުހުން އޮތް ކަމަށް ކޮމިޓީން ފާސްކުރަން ހުށަހެޅުއްވީ އެމްއެންޕީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެއެވެ.
ދިހަ މެންބަރުން ހާޒިރުވި އެ އިސްލާހަށް ވޯޓަށް އެހުމުން ސަރުކާރަށް ތާއީދު ކުރައްވާ ފަސް މެންބަރުން ވޯޓު ދެއްވީ އެ ގޮތަށް ފާސްކުރުމަށެވެ. ދެން މުގައްރަރިރު ވޯޓަށް އެއްސެވީ އެގޮތަށް ފާސް ކުރަން ނުފެންނަ ކަމަށް ފެންނަ މެންބަރުން ވޯޓް ދިނުމަށެވެ. އެމްޑީޕީގެ މެންބަރުން ނިންމީ އެއްވެސް ކޮޅަކަށް ވޯޓު ނުދިނުމަށެވެ.
އެހެންވެ، އާ ސަރުކާރުގެ 22 ވަޒީރުންނަށް ވެސް ރުހުންދޭން ކޮމިޓީން އެ ދުވަހު ވަނީ ފާސްކޮށްފައެވެ.