22 ވަޒީރުންނަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ސަރުކާރުން ބުނީ ވަޒީރުންނަށް ރުހުންދިނުމާއި އޮނިގަނޑުގެ މަސައްކަތް އަބަދު ވެސް ކުރަނީ ވަކިވަކިން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދޭން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއިން ފާސްކޮށްފިއެވެ.

މަޖިލިސް ޗުއްޓީއަށް ވެސް ގޮސްފައިވަނިކޮށް މިއަދު ބޭއްވި ކޮމިޓީގައި ވަޒީރުންނަށް ރުހުން ދިނުމާމެދު ވަކިވަކިން ވޯޓަށް އަހަން އެމްޑީޕީއިން ވާހަކަ ދެއްކި ނަމަވެސް އެގޮތަށް އެއްވެސް މެންބަރަކު ހުށަހަޅާފައެއް ނުވެއެވެ.

ބާވީސް ވަޒީރުންނަށް އެއްކޮށް ރުހުން އޮތް ކަމަށް ކޮމިޓީއިން ފާސްކުރަން ހުށަހެޅުއްވީ އެމްއެންޕީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެއެވެ.

ދިހަ މެންބަރުން ހާޒިރުވި އެ އިސްލާހަށް ވޯޓަށް އެހުމުން ސަރުކާރަށް ތާއީދު ކުރައްވާ ފަސް މެންބަރުން ވޯޓް ދެއްވީ އެ ގޮތަށް ފާސްކުރުމަށެވެ. ދެން މުގައްރަރިރު ވޯޓަށް އެއްސެވީ އެގޮތަށް ފާސް ކުރަން ނުފެންނަ ކަމަށް ފެންނަ މެންބަރުން ވޯޓް ދިނުމަށެވެ. އެމްޑީޕީގެ މެންބަރުން ނިންމީ އެއްވެސް ކޮޅަކަށް ވޯޓް ނުދިނުމަށެވެ.

އެއާއެކު ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހް ވިދާޅުވީ 22 މެންބަރުންނަށް ރުހުން ދޭން ކޮމިޓީއިން ފާސްވެއްޖެ ކަމަށެވެ.

ކޮމިޓީ ފެއްޓެވުމުގެ ގޮތުން މުގައްރިރު ފަލާހް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން ފޮނުވާފައިވާ ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެ ސިޓީ ފޮނުއްވީ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް އިސްމާއިލް (އިބްރާ)އެވެ.

އެ ސިޓީގައި އިބްރާ އެދިލައްވާފައިވަނީ އޭނާގެ ވިޔަފާރިއަށް ގެއްލުންތަކެއް ދީފައިވާތީ ކަމަށް ތުހުމަތުކޮށް ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި ބަންޑާރަ ނައިބު އަޙްމަދު އުޝާމަށް ރުހުން ނުދިނުމަށެވެ.

އެ ސިޓީ ކޮމިޓީއަށް ހުށަހެޅުއްވުމުން ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އެދިލެއްވީ އެ މައްސަލައާ މެދު ގޮތެއް ނިންމުން ފަހަށް ބޭއްވުމަށްފަހު ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށެވެ.

އެއާއެކު އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއު ވަނީ އަވަސް އަރުވާނުލައި ރަނގަޅަށް ބެލުމަށްފަހު ވަޒީރުންނަށް ރުހުން ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މެންބަރުންގެ މެދުގައި ބަހުސްތަކެއް ކުރެއްވުމަށް ފަހު އެންމެ ފަހުން ގަނޑުކޮށް ވޯޓަށް އަހައި ނިންމީ 22 ވަޒީރުންނަށް ވެސް ރުހުން ދިނުމަށެވެ.

ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ދިޔައިރު، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައެވެ.

ވަޒީރުންނަށް ރުހުންހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ މަހު 20 ގައެވެ.

ކުރިން މި މަހު 18ގައި ވަޒީރުންނަށް ރުހުންދޭން ތަޅުމަށް އެޖެންޑާކުރި ނަމަވެސް، އެ ދުވަހު ކޮމިޓީން އެކުލަވައިލި ރިޕޯޓު އެއްކޮށް ފުރިހަމަނުވާތީއާއި ވުޒާރާތަކުގެ މެންޑޭޓު ފާސްކޮށްފައިނުވާތީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލާށެވެ.

ކޮމިޓީގައި މައްސަލަ އަލުން އެޖެންޑާކުރިއިރު، ކުރިން އެމްޑީޕީގައި ތިއްބެވި 12 މެމްބަރަކު ޕާޓީ ބަދަލުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ޕީއެންސީއަށް ސޮއި ކުރައްވައިފައެވެ.

ވަޒީރުންނަށް ރުހުން ނުދެވި، ދިގުދެމިގެންދާތީ ގިނަ ބަޔަކު އަންނަނީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެކަމަކު، އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ މިހާރު ވެސް ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުންނުދޭން ގޮވައިލަމުންނެވެ.

comment ކޮމެންޓް