ގެޒެޓު ކުރި އާ ގަވާއިދާއެކު، ޕެސެންޖާ ލައިނާތަކުގެ ފީތައް ކުޑަކޮށްފި

މީގެ ކުރިން ރާއްޖެ އައި ކްރޫޒްޝިޕެއް ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދު ފަހަރުތައް ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރު ކުރުމާ ގުޅޭ ގޮތުން މިއަދު ގެޒެޓު ކުރި އާ ގަވާއިދާއެކު، ޕެސެންޖާލައިނާތައް ރާއްޖެ އައުމަށް ދައްކަން ޖެހޭ ފީތައް ކުޑަކޮށްފިއެވެ.

އާ ގަވާއިދުގައި ވަނީ، ރާއްޖެ އަންނަ އުޅަނދުފަހަރުގެ ތެރެއިން ހަތް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ރާއްޖެ އަންނަ އުޅަނދުފަހަރުތަކުން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި ޕެސެންޖާ ލައިނާތަކުގެ ފީ އެއްގެ ގޮތުގައި ރާއްޖޭގައި މަޑުކުރާ ކޮންމެ ދުވަހަކަށް 850 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

އެހެން ނަމަވެސް މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ނަގައިފައިވާނަމަ ކުރިން ޓޫރިސްޓު އުޅަނދުތަކުން ދައުލަތަށް ނަގާ 100 ޑޮލަރުގެ ފީ މިހާރު އެ އުޅަނދުތަކުން ދައްކާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން އެ ހުއްދަ ނަގައިފައިވާނަމަ ކުރީގެ ގަވާއިދުގައި ކޮނެމެހެން ނަގަންޖެހޭ ޗާޓާ ލައިސެންސް ވެސް މިހާރު ނަގާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން ގަވާއިދާ ޚިލާފުވާ އެޖެންޓުންނަށް އަޅާ ފިޔަވަޅުތަކަށްވެސް އަލަށް ނެރުނު ގަވާއިދުގައި ވަނީ ކޮންމެވެސް ވަރަކަށް ބަދަލު ގެނެސްފައެވެ.

އެގޮތުން ދެ ފަހަރަށް ވުރެ އިތުރަށް ގާނޫނާ ޚިލާފު ވެއްޖެ ނަމަ، އަލަށް ނެރުނު ގަވާއިދުގައި 6000 ޑޮލަރުން ޖޫރިމަނާ ކުރުމަށްފަހު، އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސެންސް ނުވަތަ ހުއްދަ ވެސް ބާތިލު ކުރާނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު ގަވާއިދުގައި، 6000 ޑޮލަރުން ޖޫރިމަނާ ކުރި ނަމަވެސް ދޫކޮށްފައިވާ ލައިސެންސް ނުވަތަ ހުއްދަ ބާތިލެއް ނުކުރެއެވެ.

ޓޫރިސްޓު އުޅަނދުތަކާ ގުޅޭ އާ ގަވާއިދެއް ގެޒެޓު ކުރުމާއެކު، ވޭތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ނެރުނު ގަވާއިދު ވަނީ އުވާލައިފައެވެ.

މިދިޔަ ސަރުކާރުން ނެރުނު ގަވާއިދާމެދު މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އެޖެންޓްސް (މާޔާ) އިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގަވާއިދުގެ ސަބަބުން އިންޑަސްޓްރީއަށް ހުއްޓުމެއް އައިކަން ވެސް އެ އެސޯސިއޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް