ދިވެހި ހަރުބަހެއްގައި ބުނެއުޅެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެކެވެ. އިނގިރޭސި ބަހުގައި ވެސް ބުނެއުޅެއެވެ. "ޕްރިވެންޝަން އިސް ބެޓާ ދޭން ކިއޯ"އެވެ. މާނައަކީ، ކަމެއް ދިމާވެދާނެކަމަށް ރައްކާވެތިބެ، އެކަމަކުން ސަލާމަތްތެރިވުމަށް ކުރިއާލައި ފިޔަވަޅު އެޅުމުގެ މުހިއްމުކަމެވެ.
ކުއްލި ހާލަތްތައް ކޮންމެ މީހަކަށް ވެސް އަދި ކޮންމެ ޤައުމަކަށް ވެސް ދިމާވެދާނެއެވެ. ކޮވިޑް19ގެ އާލަމީވަބާ އަކީ އޭގެ އެއް ހެއްކެވެ. ނަމަވެސް، އެ ކުއްލި ހާލަތަކަށް ވާސިލްވުމުގެ ކުރިން، އެކަމަކުން ދިފާއުވުމަށް އަމިއްލައަށް ދުރާލާ އެޅިފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލު ކުރެވެއެވެ.
ސިއްހީ ނުރައްކާތައް އެއް ދުވަހަށްވުރެ އަނެއް ދުވަހު މިދަނީ ގިނަވަމުންނެވެ. ކޮވިޑެވެ. ޑެންގޫއެވެ. ފައިލޭރިއާއެވެ. ހަކުރު ބައްޔާއި ކޮލެސްޓްރޯލެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އާސަންދައިގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ތިން އަހަރު ރާއްޖޭގައި ހިތާއި ހިތުގެ ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކަށް އެކަނި ވެސް 57،709 މިހުން ފަރުވާ ހޯދާފައިވެއެވެ.
ފުއްޕާމެއާ ގުޅުންހުރި ބަލިތަކަށް 35،806 މީހުން ފަރުވާ ހޯދާފައިވާއިރު ހަކުރު ބައްޔަށް 30،803 މީހުން އަދި ކިޑްނީއާ ގުޅުންހުރި ބަލިތަކަށް 11،635 މީހުން ފަރުވާ ހޯދާފައިވެއެވެ. ހަމައެއާ އެކު، ކެންސަރުގެ ބަލިމަޑުކަމަށް ފަރުވާހޯދި 3،294 މީހުން ތިބި ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
ސުވާލަކީ، އާސަންދައިގެ ދަށުން ހިލޭ ކޮންމެ މީހަކަށް ވެސް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭގޮތް ހެދުމަކީ ކިހާ މުހިއްމުކަމެއް ބާވައެވެ؟
ސިއްހީ މާހިރުން ހާމަކުރައްވާ ގޮތުގައި މެޑިކަން ޗެކަޕް ހަދަން ޖެހެނީ، ފުރާއަށް ނުރައްކާވާ ބޮޑެތި ބަލިތައް އަވަހަށް ދެނެގަތުމަށެވެ. އަވަހަށް ދެނެގަނެ، އަވަހަށް ފަރުވާ ހޯދުމަށެވެ. ހަމައެހެންމެ، ބޮޑެތި ބަލިތަކަށް ފަހު ސްޓޭޖްތަކުގައި ކުރަންޖެހޭ ފަރުވާގެ ހަރަދު ކުޑަކުރުމަށެވެ. ސިއްހީގޮތުން ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށެވެ.
މެޑިކަލް ޗެކަޕްތަކުގެ އެހީގައި ހަށިގަނޑުގައި ހުންނަ ކުދިކުދި މައްސަލަތައް ވެސް އިތުރަށް ބޮޑުވިޔަނުދީ، މޮނީޓާ ކުރެވެއެވެ. އެގޮތުން، ލޭގައި ޕްރެޝަރު ހުންނަ މިންވަރާއި، ހަކުރު، ސަރުބީގެ ލެވަލްތައް އަހަރަކު ދެ ފަހަރު ދެނެގަނެވި، އެ ބަލިތަކުން ދިފާއުވުމަށް އަމިއްލަ ހަށިގަނޑު އަބަދު ވެސް މޮނީޓާ ކުރެވޭނެއެވެ.
އެމެރިކަން ކެންސާ ސޮސައިޓީން ލަފާ ކުރާ ގޮތުގައި ނިމިދިޔަ 2023 ވަނަ އަހަރު 297،790 މީހަކަށް އުރަމަތީގެ ކެންސަރު ޖެހުނެވެ. އެއީ، 2022 ވަނަ އަހަރަށް ވުރެ 9,940 ކޭސް އިތުރު އަދަދެކެވެ.
މެޑިކަލް ޗެކަޕްގެ އެހީގައި އުރަމަތީގެ ކެންސަރު އަވަހަށް ދެނެގަތުމަށް އަންހެނުންގެ މެމޮގްރާމް ވެސް ހަދައެވެ. އަދި، ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ އެއްވެސް ނުރައްކަލެއް އޮތްތޮ ދެނެގަތުމަށް ފިރިހެނުންގެ ޕްރޮސްޓޭޓް އެގްޒާމެއް ވެސް ހަދައެވެ. މިއީ ހައްތަހައި ވެސް ސިއްހީ ގޮތުން ބޭނުންތެރި ފިޔަވަޅުތަކެކެވެ.
ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު ބުނީ، މިހާރު އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ. އަދި، އެހެން އުމުރުފުރާތަކަށް ވެސް މި އަހަރުގެ އެޕްރީލް އަދި ޖުލައި މަހު މި ހިދުމަތް ފެށޭނެއެވެ.
އެންސްޕާއިން މިއަދު ބުނީ، މިހާރު އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ. އަދި، ދެވަނަ މެޑިކަލް ޗެކަޕެއް ހަދަން ޖެހޭ މީހުންނަށް ޑޮކްޓަރެއްގެ ލިޔުމާ އެކު މެޑިކަލް ދެވަނަ މެޑިކަލް ޗެކަޕެއް ވެސް އާސަންދައިގެ ދަށުން ހެދޭނެއެވެ.
މިހާރު ހަމައެކަނި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުނަސް،
- އޭޕްރީލް 1 އިން ފެށިގެން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
- އޭޕްރީލް 1 އިން ފެށިގެން 19 އަހަރުން ދަށުގެ ކުދިންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
- ޖުލައި 1 އިން ފެށިގެން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
މިހާރު މެޑިކަލް ޗެކަޕް ހެދޭ އުމުރުފުރާގެ ބޭފުޅުން މެޑިކަލް ޗެކަޕް ހަދަން ބޭނުންވާ މަރުކަޒަކުން މެޑިކަލް ޗެކަޕަށް އެދި ނަންނޯޓު ކުރެވޭނެއެވެ. އެޕޮއިންޓްމަންޓު ހަމަޖެހުމުން، އެ މަރުކަޒަކުން ބުނާ ތާރީޚެއްގައި ދިއުމުން މެޑިކަލް ޗެކަޕް ހެދޭނެއެވެ. އެކަމަކު، އަދި މެޑިކަލް ޗެކަޕް ހެދޭނީ ހަމައެކަނި ސަރުކާރުގެ ހޮސްޕިޓަލްތަކުންނެވެ.
މެޑިކަލް ޗެކަޕް ހަދަން އެޕޮއިންޓްމަންޓު ހަދަން ގުޅާނީ، 7226614 ނަންބަރަށެވެ.
އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު ވިދާޅުވީ، މި ޚިދުމަތް ފުޅާވެގެން އަންނައިރު ޑިމާންޑާ އެއްވަރަށް ޚިދުމަތްދިނުމަށް އެ ހޮސްޕިޓަލުގައި ހާއްސަ ކްލިނިކެއް ވެސް ތައްޔާރުކުރަން ރާވާފައިވާ ކަމަށެވެ. އަދި، ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް އެ ކަމަށް ހާއްސަ ކްލިނިކެއް ތައްޔާރުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވާންޖެހޭ ހުރިހާ ތައްޔާރީއެއްގެ ތަފުސީލު ހޮސްޕިޓަލުން އެ ބޭފުޅުންނަށް އަރުވާނެ. އެއަށް ފަހު އެ ބޭފުޅުންގެ އެޕޮއިންޓްމަންޓު ހަމަޖެހިފައި އޮންނަ ދުވަހު ވަޑައިގެންފައި ހެލްތު ޗެކަޕަށް ހާއްސަކުރެވިފައިވާ ބަޓަނެއް އިންނާނެ. އޭގެން ޓޯކަންއެއް ނަންގަވާފައި ކައުންޓަރަށް ވަޑައިގެންނެވީމާ މެމޯއެއް ހައްދަވައިގެން އެ ބޭފުޅުން ގައިޑް ކޮށްދެއްވާނެ ހެލްތު ޗެކަޕް އޮންނަ ތަނަށް،" އޭނާ ވިދާޅުވިއެވެ.
އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދަން ފެށުން އިފްތިތާހުކުރަން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ މައުލޫމާތުތަކުގެ އަލީގައި ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުން ކަމަށެވެ.
އެންސްޕާއިން އެކުލަވާލައިފައިވާ އުސޫލުގެ ތެރެއިން ވަކިވަކި އުމުރުފުރާތަކަށް ޚާއްސަކޮށް އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ މެޑިކަލް ޗެކަޕް ޕެކޭޖުތައް، އެ އުމުރުފުރާގެ ކޮންމެ މީހަކަށް އަހަރަކު އެއް ފަހަރު ބޭނުން ކުރެވޭނެއެވެ. ނަމަވެސް، ޑޮކްޓަރުގެ ލަފާގެ މަތިން އެއް މެޑިކަލް ޗެކަޕް ހަދާފައިވާ ފަރާތްތަކަށް އަހަރުގެ ތެރޭގައި ދެވަނަ މެޑިކަލް ޗެކަޕެއް ވެސް ހެދޭނެ ކަމަށް އެ އުސޫލު ބަޔާން ކުރެއެވެ.
މެޑިކަލް ޗެކަޕް ފުރިހަމަ ކުރިކަމަށް އާސަންދައިން ބަލަނީ، ޕެކޭޖުގައި ހިމެނޭ ހުރިހާ ޚިދުމަތެއް ލިބިގަތުމުންނެވެ. މެޑިކަލް ޗެކަޕްގެ ނަތީޖާ އެންސްޕާއިން ކަނޑައަޅާ ގޮތެއްގެ މަތިން، ޚިދުމަތްދޭ މަރުކަޒުތަކުން އެ ކުންފުންޏާ ހިއްސާ ކުރާނެއެވެ.
މި ޚިދުމަތްތައް އާސަންދަ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމެވީ، މި މަހުގެ ފަސްވަނަ ދުވަހުއެވެ. ދަރިމައިވުމުގެ ފަރުވާ އާސަންދައިން ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ވެސް ނިންމަވާފައިވާ ކަމެކެވެ.