ވެހިލާއިރަށް ފެނު އަޑިއަށް: މި ނޫން ހާލެއް ނެތް؟

މާލޭގައި ފެންބޮޑުވެފައި: މާލޭ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ވަނީ ބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއީ އަޅުގަނޑުމެން ދެމަފިރިންނާއި ތުއްތު ދެ ކުދިން އުޅެން އޮތް ތަން،" ފައިގެ ކުޑަހުޅު ނިވާވާ ވަރަށް، ނަޖިސްވެ ތަޣައްޔަރުވެފައިވާ ފެނުން ބަރާވެފައި އޮތް ކޮޓަރިއެއްގައި ހުރެ އެ ދެމަފިރިން ކިޔައިދިނެވެ.

ދެމަފިރިންނާއި ތުއްތުތުއްތު ދެ ކުދިން ދިރިއުޅެމުންދިޔައީ ކުޑަކުޑަ ކޮޓަރިއެއްގައެވެ. ކުރިމަތީގައި ބަދިގެއަކަށް ކުޑަ ތަންކޮޅެއް ރައްކާކޮށްފައި ހުއްޓެވެ. އެ ތަނުގައި ވެސް އޮތީ ފެން ބޮޑުވެފައެވެ. ނަޖިސް ފެނުން، އެ މީހުން ދާންމަތި ފޯކޮށްލުމުން އެ މީހުން އެ ތިބީ ކޮޅަށެވެ. އަލަމާރި ވެސް ހުރީ ފޯވެ، ބޭނުން ނުކުރެވޭވަރު ވެފައެވެ.

މިއީ ހުސްއެކަނި އެ ދެމަފިރިންނަށް ޖެހުނު ހާލެއް ނޫނެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނާ ގޮތުގައި މާލޭގެ 110 ގެއަކަށް ފެން ވަދެ، އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.

ކޮޓަރި ނަޖިސް ފެނުން ފުރިފައި -- ފޮޓޯ/ އެކްސް

އިއްޔެ ހާލުގައި ޖެހުނު ގޭގެއަށް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ހާލު ބައްލަވައިލެއްވުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި 96 ގެއެއްގެ މީހުން ވަގުތީ ހިޔާއަށް ބަދަލުކުރަން ވަނީ ޖެހިފައެވެ. އެ މަސައްކަތް ރޭ ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް އިއްޔެ ކުރި އިރުވައި މޫސުމުގެ ވިއްސާރައިގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ. ބުޅަލުގެ ނަޖިހާއި ޑަސްބިން ކޮތަޅާއި ބަލި މީހާގެ ކުޅުން މުޑުދާރުވެފައި ހުރި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، އެ ފެންތައް ގޭގެއަށް ވަންނަމުން ދިޔައެވެ.

މާލެއަށް މި ނޫން ގޮތެއް ނެތް؟

މާލެއަށް ފެންފޮދެއް ވެހިލައިފިއްޔާ ފެންބޮޑުވާނެއެވެ. ދެން ހަމަ ޖެހޭނީ އެއް ކޯރުން އަނެއް ކޯރުން ދުއްވާށެވެ. އެއިރަކު މަގާމެއް ހުންނަވާ ބޭފުޅެއް ވިއްޔާ އެއްވެސް ޖެހިލުމެއް ނެތި ގޯސްކޮށްލަނީ ވިއްސާރައެވެ. ފެން ނުހިނދެނީއެއް ނޫނޭ، މާ ބޯކޮށް ވެހުނީއޭ ވިދާޅުވެފައި އެ ބޭބޭފުޅުންގެ އަގުބޮޑު އިސްތަށިފުޅުން މި ކަމެއް ނައްޓަނައްޓައި ތިއްބަވާތާ މިހާރު މާލެއަށް މިވީ ދުވަހެއް ވީއެވެ.

އިއްޔެ މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ދެމައިން ނަޖިސް ފެންގަނޑު ހުރަސްކޮށްފައި އައިޖީއެމްއެޗަށް ވަންނަނީ -- ސަން ފޮޓޯ/ މުހައްމަދު މާވީ

ޗަސް ބިމުގައި މާލޭ މީހުން ހިނގާފައި އުޅުނު ޒަމާނުގައި ވެހިލައިފިއްޔާ އޮންނަނީ ފެންބޮޑުވެފައެވެ. އޭގެ ފަހުން، ޗަސް ބިންތައް އެންމެ ފަހުގެ ޒަމާނީ ތާރަށް ބަދަލުވީއިރު ވެސް ބަދަލުނުވެ އޮތީ ފެންބޮޑުވުމެވެ. އަދިވެސް ހަމަ ވެހިލައިފިއްޔާ ފެން ބޮޑުވެއެވެ. ބަދަލުވީ ކަމަކީ، ކުރިން ކޯރު ހެދުނީ ޗަކަ ބިމުގައި ކަމެވެ. މިހާރު ކޯރު ހެދެނީ އެންމެ ޒަމާނީ ތާރުގައެވެ.

މީހުން އަރައި، ބަރާވެ، ބަންޑުންވަމުންދާ މާލޭގައި މިހާރު ވެސް 200,000 އާ ގާތްކުރާ އަދަދަކަށް މީހުން އުޅެއެވެ. އެއީ، އަދި ދާއިމަށް މި ތަނުގައި މަޑުކޮށްގެން ތިބޭ މީހުންނެވެ. މިއީ މުޅި ދުނިޔޭގައި ވެސް މި ވަރުގެ ކުޑަކުޑަ ތަންފުކެއްގައި މިހާ މީހުން ބަރާވެފައި އޮތް ހަމައެކަނި ސިޓީއެވެ. މިތާ މީހުން 'ދިރި ތެޅެނީ'އެވެ.

އެންމެ ފުރަތަމަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލެ ތަރައްގީކުރީއިރު ވިސްނީ މި ތަނުގައި އުޅޭނީ 25،000 އެއްހައި މީހުން ކަމަށެވެ. މުޅި މާލެއަކީ ތަރުތީބެއް ނެތް ތަނެކެވެ. މި ތަނަށް ދިމާވެފައި އޮތް ހުރިހާ މައްސަލައެއް ވެސް ގޮސް ގުޅޭނީ ލާމަރުކަޒުކުރުމާއެވެ.

ފެން ހިންދާ ނިޒާމަށް ނުކަތާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭގައި ފެން ހިންދުމަށް ސްޓޯމް ވޯޓާ ޑްރެއިނޭޖު ސިސްޓަމްތަކެއް ގާއިމުކުރިއެވެ. އެ ސިސްޓަމް ފަރުމާ ކޮށްފައިވަނީ ވާރޭ ހުއްޓައިލާތާ ތިން ގަޑިއިރުގެ ތެރޭގައި ފެންގަނޑު އެއްކޮށް ހިންދޭނެ ގޮތަށް ކަމަށް އޭރު ސަރުކާރުން ބުންޏެވެ. މިހާރު ވެސް މާލޭގައި އެ ބޭނުންކުރަނީ އެ ސިސްޓަމެވެ.

އެކަމަކު، އެ ފެން ހިންދާ ނިޒާމަކުން ނުކަތައެވެ. ފެން ބޮޑުވީމާ، ޕަމްޕުތައް ޖައްސައެވެ. އެ ޕަމްޕުތައް މަސައްކަތް ވެސް ކުރާ ކަމަށް މިދިޔަ ސަރުކާރުން ވެސް ބުންނެވެ. މައްސަލައަކީ ޕަމްޕުތަކަށް ވެސް ނުކެތުމެވެ. މާލެއަށް އެކަށިގެންވާ ވަރަށް އެކަން ކުރެވިފައިނެތީއެވެ. އެއްގޮތަކަށް ވެސް ވެހުން ވާރޭ ގިނައީ ކަމަށް ނިންމައިގެން ނުވާނެއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ؛ އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު މާވީ

"ސްޓޯމް ވޯޓާ ނިޒާމުގެ ފުލް ސްޓްރެންތުގައި އެބަ ވޯކް ކުރޭ. އެހެންނަމަވެސް މި ވަރުގެ ކަމަކަށް އެކަށިގެނެއް ނުވޭ،" ގޭގެއަށް ޒިޔާރަތްކުރެއްވުމަށް ފަހު ރޭ ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ވެސް މާލޭގައި ފެންބޮޑުވާ މައްސަލަ ބޮޑުވެ، މާ ބޮޑަށް ސަރުކާރަށް ފާޑުކިޔުން އަމާޒުވުމުން އޭރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި މުހައްމަދު އަސްލަމް އޭރު ވިދާޅުވީ، މާލޭގެ މަގުތައް ފުރަތަމަ ހެދިއިރު އެއްވެސް ވަރަކަށް ފެންހިންދުމާ މެދު ވިސްނާފައި ނެތީ ކަމަށެވެ. އެހެންވެ، މިހާރު މާލެ މި އޮތީ ހައްދުން ނައްޓައިފައެވެ. ބަންޑުންވެފައެވެ.

"މާލޭގައި ޖާގައެއް ނެތް. އެހެން ފެން ހިންދަން، ހުސް ޖާގައެއް މާލެއަކު ނެތް. އެހެންވީމަ އޮހޭ ހުރިހާ ފެނެއް މި ޖެހެނީ ބޭރު ކުރަން. އޭތި އަމިއްލަ ޒާތުގައި ފްލޯ އައުޓްވާ ގޮތަކަށް ނޫން ފަހުން މާލެ ހިއްކައި މި ކަންކަން ކޮށްފައި ހުރީ،" ހައުސިން މިނިސްޓަރުކަމާ ހަވާލުވުމަށް ފަހު، 2019 ގައި އަސްލަމް ވިދާޅުވިއެވެ.

މާލެ ހެދީއަކީ އެއް ކަމަކަށް ވެސް ވިސްނައިގެނެއް ނޫނެވެ. އަޅައިފި އަތަކަށް މަރެވެ.

ޑިސެމްބަރ 5، 2018: މާލޭގައި ފެންބޮޑުވެފައި: މިއީ ޒަމާނުއްސުރެ ހައްލުނުވި މައްސަލައެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގުތައް ހަދާފައި އޮތީއަކީ ވެސް އެ ވިސްނުމެއްގައެއް ނޫނެވެ. މާލޭގެ ބޭރު މަގު ވެސް އޮތީ މާ އުސްކޮށެވެ. އެހެންވެ، މާލޭން ފެން ބޭރުވާނެ އެއްގޮތެއް ވެސް ނެތެވެ. ހުރިހާ ފެނެއް ބަރާވެފައި އޮންނަނީއެވެ. އެހެންވީމާ، ފެން ހިންދާ ނިޒާމަކަށް ނުވެސް ކަތާނެއެވެ.

ހައްލަކީ ކޮބާ؟

މާލޭ މީހުން މި ހާލެއްގައި ތެޅޭތާ އުމުރުން އެވީ ދުވަހެއްވީއެވެ. ކޮންމެ ސަރުކާރަކުން ވެސް މާލެއަށް ވެފައި އޮތް ގޮތާއި، ދެން ކަންކުރާންވީ ގޮތް ބުނެދެއެވެ. ލައްކަ ސަޅި ވެސް ކަނޑައެވެ. އެކަމަކު، ދައުރު ނިންމާފައި ގެއަށް ދާއިރު ވެސް މައްސަލަ އޮންނަނީ އޮތް ގޮތަށެވެ. އެއަކަށް ދާއިމީ ހައްލެއް ނުލިބިއެވެ. ހިތް ނޯވެގެން ފެން ބޮޑުވީމާ ފެން ހިންދަން ސިފައިން ނެރުމަކުން ޖެހޭ ހާލަކަށް ތަސައްލީއެއް ނުލިބެއެވެ.

އެ މީހުން ރޭ ދިރިތެޅެން ޖެހުނު ހާލު އެންމެ ގާތުން ފެނިވަޑައިގަންނަވާނީ ރައީސް މުއިއްޒަށެވެ. އެ މަނިކުފާނަކީ ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ވިއްސާރައިގައި ގެއްލުންވި ގޭގެއަށް ރައީސް މުއިއްޒު ޒިޔާރަތްކުރައްވާ އެ މީހުން ހާލުއަހުވާލު ބައްލަވައިލައްވަނީ: އެ މަނިކުފާނު ވިދާޅުވީ ފެން ހިންދާ ނިޒާމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑުމެން މި ވިސްނަނީ، ވިސްނުމެއް ނޫން ނިންމާފައި ވެސް އޮތް ކަމަކީ، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހުރިހާ މަގެއް ހެދުން. ހުރިހާ މަގެއް ހަދާއިރުގައި އަޑީގައި ވަރަށް ވަރުގަދަ ސްޓޯމް ވޯޓާ ނިޒާމެއް ގާއިމުކުރަން. ވަރަށް ފަލަ ހޮޅިތަކެއް ލާފައި، ވަރަށް ވަރުގަދަ ޕަމްޕިން ނިޒާމެއް ލާފައި،" ރައީސް ރޭ ވިދާޅުވިއެވެ.

"ވަރަށް ވަރަށް އެކްސްޓްރީމް ކޭސްތަކުގައި ދުނިޔޭގެ ތަރައްގީވެފައި ހުރި ގައުމުތަކުގައި ވެސް ގެއްލުންވޭ. އެކަމު، މިއަށް ވުރެ މާ ބޮޑުތަނުން އިރާދަކުރެއްވިއްޔާ ރަނގަޅުކުރުން އަޅުގަނޑުމެންގެ މަސައްކަތް ރޭވިފައި އޮތް ގޮތަކީ،"

އެ މަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވީއިރު އެއް ދުވަހެއްގައި ހަމަ މި ސުވާލު ކުރީމެވެ. އެތައް ވެރިކަމެއް ފެނި، ނިމި ގޮސްފައިވާއިރު މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީ ކީއްވެތޯއެވެ. ފުރަތަމަ ވެސް އެ ދުވަހު، އެ މަނިކުފާނު ވިދާޅުވީ، ހެޔޮ ނިއަތް ނެތީ ކަމަށެވެ. މަގުތައް ހަދާއިރު ސިޔާސީ މަގުސަދުތަކެއް އޮންނަނީ ކަމަށެވެ. އެ ދުވަހު އެ ވިދާޅުވި ހެޔޮ ނިއަތުގައި، ކެރިކޮޅެއް ވެހިލައި ކޮންމެ ފަހަރަކު މާލޭ މީހުން ތެޅެން ޖެހޭ ހާލަށް ތަސައްލީއެއް ގެނެސްދިނުމުގެ ފުރުސަތު އެ މަނިކުފާނަށް މިއަދު އެބައޮތެވެ. އުންމީދަކީ އެއީއެވެ.

comment ކޮމެންޓް