އިރުވައި ވިއްސައިރައިގައި މުޅި މާލެ ފެނު އަޑީގައި

މާލޭ އަމީނީ މަގުގައި ފެންބޮޑުވެފައި -- ފޮޓޯ: ސަން/ މުޙައްމަދު ނާއިލް ޙަފީޒް

މުޅި ރާއްޖެއަށް މިހާރު ކުރަމުން އަންނަ އިރުވައި މޫސުމުގެ ވިއްސާރައިގައި، މެެދުކެނޑުމެއް ނެތި ބޯކޮށް ވެހެމުން އަންނަ ވާރޭގައި މުޅި މާލެ ތެރެ ފެނު އަޑިއަށް ގޮސްފިއެވެ.

މިއަދު ފަތިހުން ފެށިގެން، މާލެ، ހުޅުމާލެ، ވިލިމާލެއަށް ވެސް އަންނަނީ ވާރޭ ވެހެމުންނެވެ.

އެއާއެކު ހުޅުމާލޭގައި ވެސް ވަނީ ފެންބޮޮޑުވެފައެވެ. އަދި ހައިވޭގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވެއެވެ.

މީގެ އިތުރުން މާލޭ، އަމީނީ މަގާއި، ބޭރު މަގާއި، މަޖީދީ މަގުގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވެއެވެ. އޭގެ ސަބަބުން ބައެއް ގޭގެއަށް ފެން ވަދެފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

https://sun.mv/186749

މިހާރު ބޯކޮށް ކުރަމުން އަންނަ ވިއްސާރައިގައި އައްޑުއާއި، ފުވައްމުލަކުގެ ގިނަ ގެތަކަށް ފެން ވަދެ ގިނަ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި އަހަރު މޫސުން ރަނގަޅުނުވެ، ދިގުލައިގެން ގޮސްފައިވަނީ މި ސަރަހައްދުގެ އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކެއްގެ ސަބަބުން ކަމަށް މީގެ ކުރިން މެޓު އޮފީހުން ވަނީ ބުނެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އާ އަހަރާ ދިމާކޮށް މިރެއަށް ތާވަލުކުރި މިއުޒިކް ޝޯއާއި ހަވާ އެރުވުން ވެސް ވަނީ ތާރީޚެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

comment ކޮމެންޓް