މުޅި ރާއްޖެއަށް އިރުވައި މޫސުމުގެ ވިއްސާރަ، މެންދުރާ ހަމައަށް ހުދު ސަމާލު

މާލެއަށް ބޯކޮށް ވާރޭ ވެހެނީ: މިއަދު މުޅި ރާއްޖެއަށް ވެސް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޅި ރާއްޖެއަށް ވެސް މިހާރު ކުރަމުން އަންނަ އިރުވައި މޫސުމުގެ ވިއްސާރައިގައި މިއަދު މުޅި ރާއްޖެއަށް ވެސް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، މެންދުރު 1:30 އާ ހަމައަށް ހުދު ސަމާލެއް ނެރެފިއެވެ.

މިއަދު ފަތިހުން ފެށިގެން މުޅި ރާއްޖެއަށް ވެސް އަންނަނީ ވިއްސާރަކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) މިއަދު ވަނީ، މުޅި ރާއްޖެއަށް ވެސް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، މެންދުރު 1:30 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވަނީ ރީނދޫ ސަމާލެއް ވެސް ނެރެފައެވެ.

މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވެސް އިރުވައި މޫސުމުގެ ވިއްސާރަކުރަމުން އަންނައިރު، ކަނޑުތައް ވެސް ގަދައެވެ. ވިއްސާރައިގެ ސަބަބުން އައްޑުއާއި ފުވައްމުލައް ސިޓީގެ ބައެއް ގޭގެއަށް ވެސް ވަނީ ފެންވަދެ، އެކިވަރުގެ ގެއްލުންތައް ވެފައެވެ.

މި އަހަރު މޫސުން ރަނގަޅުނުވެ، ދިގުލައިގެން ގޮސްފައިވަނީ މި ސަރަހައްދުގެ އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކެއްގެ ސަބަބުން ކަމަށް މީގެ ކުރިން މެޓު އޮފީހުން ވަނީ ބުނެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އާ އަހަރާ ދިމާކޮށް މިރެއަށް ތާވަލުކުރި މިއުޒިކް ޝޯއާއި ހަވާ އެރުވުން ވެސް ވަނީ ތާރީޚެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

comment ކޮމެންޓް