އެމްއެފްޑީއޭ އެކްޓިވް ވެއްޖެ، ހަތަރު ތަނަކަށް ނޯޓިސް ދީފި

އިމިގްރޭޝަނުން ހިންގި ރެއިޑެއްގެ ތެރެއިން: ހެލްތް މިނިސްޓްރީން ބުނީ މާލެއިން ކާބޯތަކެތީގެ ޚިދުމަތްދޭ ހަ ތަނެއް ބަލައިފާސްކުރިއިރު، އޭގެ ތެރެއިން ހަތަރު ތަނަކަށް ނޯޓިސް ދީފައިވާ ކަމަށް --- ފޮޓޯ/ އިމިގްރޭޝަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އެކްޓިވްވެ، މާލޭގައި ސާފުތާހިރުކަމުގެ މިންގަނޑާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ހަތަރު ތަނެއް ބަންދުކުރުމަށް މިއަދު ނޯޓިސް ދީފިއެވެ.

އެމްއެފްޑީއޭއިން މި ތަންތަން ބަލައި ފާސްކުރީ، ކާބޯތަކެތީގެ ރައްކާތެރިކަމާއި އާންމު ސިއްހަތާ ގުޅޭ މައްސަލަތަކުގެ ޝަކުވާ، އެ އިދާރާއަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ހެލްތު މިނިސްޓްރީއަށް ލިބުމުންނެވެ.

އެގޮތުން، އިދާރާތައް ގުޅިގެން މުޅި ޖުމުލަ ހަ ތަނެއް ބަލައިފާސްކުރިއެވެ.

މާލެއިން ބަލައިފާސްކުރި ކާބޯތަކެތީގެ ޚިދުމަތްދޭ ހަ ތަން

  • މެންބަރު ހޮޓެލް / މ. ކަފަގަސްދޮށުގެ
  • 1979 ޝޮޕް /
  • ދޮންމަނިކް / މ. ހުއިވަނި
  • ކެފޭ ކޯނަރު / މ. ހަނީ ސަކުލް
  • ދަ ކެބިން ( ޓޭކްއަވޭ ) / މ. ހަނީ ސަކުލް
  • މއ. ހަނީ ސަކަލް ( ގޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ ބަދިގެއެއް )

މީގެ ތެރެއިން އާންމު ސާފުތާހިރުކަން ދަށްވުމުގެ ސަބަބުންނާއި އާންމު ޞިއްޙަތަށް ނުރައްކަލެއް އައިސްދާނެ ކަމަށް ފާހަގަކުރެވޭތީ މެމްބަރު ހޮޓެލް، ދަ ކެބިން، ހަނީ ސަކުލް އަދި މއ. ހަނީ ސަކުލް ގައި ރަޖިސްޓްރީ ނުކޮށް ހިންގަމުން އައި ބަދިގެއަށް ވަނީ ނޯޓިސް ދީފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އަދި، މި ތަންތަނުގައި ހަރުކޮށްފައިވާ ނޯޓިސް ނައްޓައި، ޚިދުމަތް ކުރިއަށް ގެންދެވޭނީ ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް ފަހު އެކަން އެންގުމުން، ބަލައި ފާސްކޮށް ކަށަވަރު ކުރުމަށްފަހުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން، އާންމު ސިއްހަތަށް ނުރައްކާވާގޮތަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުން ގެންދިޔަ 10 ތަނެއް ހުޅުމާލެއިން ވެސް ވަނީ މިދިޔަ ހަފުތާގައި އިންސްޕެކްޓްކޮށް ވަނީ ނޯޓިސް ދީފައެވެ.

ހެލްތު މިނިސްޓްރީން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަށް ތަނެއް ބަލައިފާސްކޮށް، އެ ތަންތަނުގައި ފެނާ ކަރަންޓުގެ އެއްވެސް ޚިދުމަތެއް ނެތި، އާންމު ސާފުތާހިރުކަން ދަށްކޮށް މަސައްކަތް ކުރަމުން ދާތީ، ނޯޓިސް ދީފައިވާ ކަމަށެވެ.

މިކަމަކީ އާންމު ޞިއްޙަތަށް ނުރައްކާވެދާނޭ ޙާލަތެއް މެދުވެރި ވެދާނޭކަމަށް ފާހަގަކުރެވޭ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި، ގެސްޓް ހައުސްގެ ގޮތުގައި މާލޭގައި ބިދޭސީން ދިރިއުޅޭ ކާބޯތަކެތީގެ ޚިދުމަތްދެމުންދިޔަ ދެ ތަނެއް ވެސް ވަނީ މި އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ބަންދުކޮށްފައެވެ.

އެ ތަންތަން ފާހަގަވެފައިވަނީ ސާފުތާހިރުކަން ކުޑަ ތަންތަނުގެ ގޮތުގައެވެ. މި ދެ ތަން ހިންގަމުން އައީ މ. އެކިފަރު އަދި ހ. ބިއަންކާ ގޭގައެވެ.

ސަރުކާރުން އަންނަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނާއި، އާންމު ސާފުތާހިރުކަމުގެ މިންގަނޑުން ބޭރުން ކާބޯތަކެތި ތައްޔާތުކޮށް، އެ ތަކެތީގެ ވިޔަފާރި ކުރަމުންދާ މީހުންނާ މެދު ފިޔަވަޅު އަޅަމުންނެވެ.

comment ކޮމެންޓް