ފާރު ވެއްޓި އަނިޔާވި އެކަކުގެ ހާލު ސީރިއަސްވެ މާލެއަށް

ފާރެއް ވެއްޓި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ-- ފޮޓޯ/ އެމްއެންޑީއެފް

ޅ. ދިއްފުށިމާދޫއަށް މިއަދު ދަތުރު ގޮސް އުޅެނިކޮށް ފާރެއް ވެއްޓި، އަނިޔާވި އެކަކުގެ ހާލު ސީރިއަސްވެ މާލެއަށް ގެނައުމަށް ތައްޔާރުވަމުން އަންނަކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

މި ހާދިސާގައި އަނިޔާވީ ދަތުރު ގޮސް އުޅުނު 57 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނަކަށް ކަމަށް އެމްއެންޑީއެފުން މީގެ ކުރިން މައުލޫމާތުދިނެވެ.

އަދި އިތުރު ފަރުވާއަށް އެ މީހުން މިއަދު ހެނދުނު ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ފާރެއް ވެއްޓި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ -- ފޮޓޯ/ އެމްއެންޑީއެފް

އަނިޔާވި މީހުންގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެ ހޮސްޕިޓަލުން 'ސަން'އަށް ބުނީ އަނިޔާ ލިބުނު އެކަކުގެ ހާލު ސީރިއަސްވެ މާލެއަށް ގެންދިޔުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށެވެ.

އަދި ދެން އަނިޔާވެގެން އިތުރު ހަތަރު ވަރަކަށް މީހުން އެ ހޮސްޕިޓަލަށް ގެނައި ކަމަށާއި ނަމަވެސް މިހާރު އެ މީހުންނަށް ފަރުވާ ދިނުމަށްފަހު ޑިސްޗާޖު ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދިނެވެ.

https://sun.mv/186698

އެމްއެންޑީއެފުން ބުނީ، މި ހާދިސާ އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައިވަނީ، މިއަދު ފަތިހު 5:19 ހާއިރު ކަމަށެވެ.

ރިޕޯޓު ލިބުމާ އެކު އެމްއެންޑީއެފުން އެކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ މީގެ ކުރިން ބުނެފައެވެ.

ނަމަވެސް އަނިޔާ މީހުންނަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް