ޑާކްރެއިންގެ އާ ޕްރޮޖެކްޓެއް، ބިބީ

ރާއްޖޭގެ ބޮޑު ފިލްމު ޕްރޮޑަކްޝަން ކުންފުނި "ޑާކްރެއިން އެންޓަޓެއިންމެންޓް"ގެ އާ ޕްރޮޖެކްޓު "ބިބީ"ގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ.

ޑާކްރެއިންއިން މިހާރު މަސައްކަތްކުރަމުން އަންނަނީ ބިބީ ކިޔާ ޕްރޮޖެކްޓެއްގައެވެ. މި ޕްރޮޖެކްޓުގެ ޝޫޓިން ވަނީ ދާދި ފަހުން ފަށާފައެވެ.

ބިބީއާ ގުޅޭގޮތުން ޑާކްރެއިންއިން މާ ގިނަ މައުލޫމާތުތަކެއް އާންމުކޮށްފައެއްނުވެއެވެ. ނަމަވެސް މި ޕްރޮޖެކްޓުގެ ޑިރެކްޝަންގެ މަސައްކަތް ކުރާނީ ޝަހުދާ މަމްދޫހެވެ.

މި ޕްރޮޖެކްޓުގެ ޕްރޮޑިއުސަރުންގެ ގޮތުގައި އައިޝަތު ފުވާދު އާއި މުހައްމަދު އަލީ (މޮގާ) ހިމެނޭއިރު ކެމެރާ ކުރުމުގައި ހަރަކާތްތެރިވާނީ އަހުމަދު ޒިފާފް (ޒިއްޕެ) އެވެ.

ޑާކްރެއިންއިން ބިބީގެ މަސައްކަތް ފަށާފައިވާއިރު މިދިޔަ އޮކްޓޯބަރު މަހުގައި ވެސް ވަނީ މުޅީން އާ ހަ ޕްރޮޖެކްޓެއް އިއުލާނުކޮށްފައެވެ. އެގޮތުން މަސައްކަތްތައް އެކި މަރުހަލާގައިވާ ހަ ޕްރޮޖެކްޓުގެ ނަންތައް ވެސް ވަނީ ޑާކްރެއިންއިން އާންމުކޮށްފައެވެ. އެއީ؛

  • އަލިފާން
  • ފެށުމާއި ނިމުން
  • ލައިފް ސަޅި
  • ލޭ
  • ވާރޭ
  • އަވަ

ޑާކްރެއިންއިން ހާމަކޮށްފައިވާ ގޮތުގައި މި ހުރިހާ ފިލްމުތަކެއްގެ މަސައްކަތް ހުރީ ޕްރީ ޕްރޮޑަކްޝަންގައެވެ. އެއާ އެކު އަމަލީ މަސައްކަތްތައް ފެށުމުގެ ކުރީން ރޭވުމާއި ކުރިއަށް ހުރި އެހެން މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.

އަލަށް އިއުލާނުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން އެއްވެސް ފިލްމެއްގެ ކާސްޓެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ކާސްޓުންނާއި އިތުރު މައުލޫމާތުތައް އާންމުވެގެން ދާނެއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓުން ވަނީ ރާއްޖޭގައި އެންމެ ވަރުގަދަ ފިލްމުތައް އުފައްދާ އެއް ޕްރޮޑަކްޝަން ހައުސްއަށް މިހާރު ވެފައެވެ. އެކަން މި އަހަރު ވަނީ ވަރަށް ރަނގަޅަށް ހާމަކޮށްފައެވެ.

comment ކޮމެންޓް