ޒުވާން ޚަޠީބުންނަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް؛ މިހާތަނަށް 70 ފޯމް

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވަނީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، ސްކޫލު ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާ ކިއުމުގެ ހުއްދަ ދޭން ނިންމައި ކުރި އިއުލާނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ވަނީ، ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް 10، 11، 12 ނިންމާފައިވާ ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ޒުވާނުންނަށް، އިމާމުވެ ހުކުރުކޮށް ޚުޠުބާކިޔުމުގެ ހުއްދަ ދޭން ނިންމައިފައެވެ. އެގޮތަށް ނިންމައި ކުރި އިއުލާނަށް މިހާތަނަށް 70 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލި އެ ފުރުސަތާ ގުޅޭގޮތުން ގިނަ ބަޔަކު ގުޅައި، މައުލޫމާތު ސާފުކޮށް، ފޯމު ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުން ދާ ކަންވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިއީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޚަޠީބުންނާއި، އިމާމުން ލިބުމުގެ ދަތިކަމަށް ޙައްލެއް ލިބޭނެ ކަމެކެވެ.

comment ކޮމެންޓް