އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ އިމާމުންނާއި ޚަތީބުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިއަހަރު 818 އިމާމުން ތަމްރީނު ކޮށްފިއެވެ.
އިމާމުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އެންމެ ފަހު ބެޗްގެ ތަމްރީނުތައް މިއަދު ވަނީ ފަށާފައެވެ.
މި ބެޗްގެ ތަމްރީނު ނިމުމާއެކު މި އަހަރު ޕްލޭން ކުރި ގޮތައް ރާއްޖޭގެ އެންމެހައި މިސްކިތްތަކުގެ އިމާމުން ތަމްރީނުކޮށް ނިމޭނެކަން އިސްލާމިކް ވަނީ ފާހަގަކޮށްފައެވެ.

އަދި މި ތަމްރީނު ގައި، ފިޤުހާއި، ހަދީސް، ތަފްސީރު، މުޖުތަމަޢު ބިނާކުރުމުގައި މިސްކިތްތަކުގެ ދައުރާއި، އިމާމުންނާ ބެހޭ ވަޒީފާގެ ޤަވާޢިދުތައް ފަދަ ދާއިރާތަކުން އާ މައުލޫމާތާއި ތަމްރީނު ވަނީ ދީފައެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 77 އިމާމުން ބައިވެރިވެ ހަފުތާއެއްހައި ދުވަހުގެ މުއްދަތަކަށް މި ޕްރޮގްރާމް ދިގުދެމިގެން ދިޔައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންގެ މަހާސިންތާއެއް ވެސް މިއަހަރު ވަނީ ބާއްވާފައެވެ. މި މަހާސިންތާ ބާއްވާފައި ވަނީ 500އަށް ވުރެ ގިނަ އިމާމުންނާއެކު މިދިޔަ ސެޕްޓެމްބަރު މަހުއެވެ.