ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ 500އަށް ވުރެ ގިނަ އިމާމުންނާ އެކީ ފަށައިފިއެވެ.
މި މަހާސިންތާ ފައްޓަވައިދެއްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ފަސް ސެޝަންތަކަކަށް ބަހައިލައިގެން މިމަހާސިންތާ މިއަދުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މަހާސިންތާގައި 208 އިމާމުން ހާޒިރުވެގެން ބައިވެރިވެފައި ވާއިރު، 300 އިމާމުން ވަނީ އޮންލައިންކޮށް ބައިވެރި ވެފައެވެ.
މަހާސިންތާ ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިމާމުންގެ އޮނިގަނޑުގެ މަސައްކަތާ ގުޅިގެން ގިނަ އިމާމުންގެ ހިތްތަކުގައި ސުވާލު އުފެދިފައި ވާނެކަމަށެވެ.
"އިމާމުންގެ އޮނިގަނޑު އަދިވެސް އޮތީ ހަމަ އޮތްތަނުގައި. އެއަކަށް އެއްވެސް ހައްލެއް ނާދޭ. އެކަމަކު ވެސް އަޅުގަނޑުމެން މި ވުޒާރާގައި ތިއްބާ އެ އޮނިގަނޑުގެ މަސައްކަތް ފުރަތަމަ ފެށީވެސް. އެހެންވީމައި އެ އޮނިގަނޑުގެ ކަންކަން ނިންމުމަށް ވެސް ކިހާ ބޮޑު ޝައުގުވެރިކަމެއް އަޅުގަނޑުމެންގެ އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އިމާމުންގެ އޮނިގަނޑުގެ މަސައްކަތް ނިންމަވާނެކަމުގެ ޔަގީންކަން މިނިސްޓަރު މިއަދު ވަނީ އިމާމުންނަށް ދެއްވާއިފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެންމެ އުފާކުރާ ކަމަކީ މިއަދުގެ މަހާސިންތާއިން ޒުވާން ޚަތީބުން ފެނުން ކަމަށެވެ.

"އިމާމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް އިންޝާﷲ އަޅުގަނޑުމެން ކުރާނަން. މަހާސިންތާގެ އެއް މަގުސަދަކީ އެކަންކަމާ މެދުގައި މަޝްވަރާކޮށް ތިބޭފުޅުންގެ ފަރާތުން އަންނަ ހުށަހެޅުންތައް އަޑުއަހައި އެއާ އެއްގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް ރޭވުން،" މިނިސްޓަރު ވިދާޅުވިއެވެ.
މި މަހާސިންތާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ:
- އިމާމުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމަށްޓަކައި އެކުވެރި މާހައުލެއްގައި ތައާރަފުވެލުން
- އިމާމުންނަށް ދިމާވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި އެފަދަ މައްސަލަތަކަށް ހައްލު ހޯދާނެ ގޮތް އުނގަންނައިދިނުން
- މިސްކިތް ބެލެހެއްޓުމުގައި ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ގޮތާއި މުޖުތަމައުގެ އެކިއެކި ކަންކަމަށް އިމާމުންގެ ބައިވެރިވުން މުހިންމުކަން އިމާމުންނަށް އަންގައިދިނުން
- މިސްކިތަކަކީ އަޅުކަންކުރުމަށް މީހުން އަރާހިތްވާ ތަނަކަށް ހެދުމަށް އިމާމުންނަށް ކުރެވިދާނެ ކަންކަން އަންގައިދިނުމުގައި އިމާމުންގެ ދައުރަކީ ކޮބައިކަން ބުނެދިނުން