ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ނިސްބަތް, އޭގެ ކުރީ ހަތަރު ހަފުތާއާ އަޅައިބަލާއިރު 52 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯއިން ބުނީ އެ މުއްދަތުގައި 850،000އަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވި ނަމަވެސް އެ ބަލި ޖެހިގެން ވޭތުވެ ދިޔަ 28 ދުވަހުގެ ތެރޭގައި މަރުވި މީހުންގެ ނިސްބަތް ވަނީ އަށް ޕަސެންޓް ދަށްވެފައެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުޅި ދުނިޔޭގައި 772 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ، ހަތް މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ފާހަގަކުރެއެވެ.
އޭގެއިތުރުން ކޮވިޑް-19އަށް ޕޮޒިޓިވްވެގެން 118،000އަށްވުރެގިނަ މީހުން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވެއެވެ. އިންޓެންސިވް ކެއާ ޔުނިޓް ނުވަތަ އައިސީޔޫ ގައި 1600އަށް ވުރެ ގިނަ މީހުން އެނދުމަތިކޮށްފައިވާ ކަމަށާއި މުޅި ދުނިޔޭގައި ޖުމްލަ އެނދުމަތިކޮށްފައިވާ މީހުންގެ ނިސްބަތް 23 ޕަސެންޓް އިތުރުވެފައިވާއިރު، އައިސީޔޫގައި އެނދުމަތި ކުރި މީހުންގެ ނިސްބަތް 51 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން 9،200އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، މިއީ އޭގެ ކުރީ 28 ދުވަހުގެ މުއްދަތާ އަޅާބަލާއިރު، އިތުރު އަދަދެކެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އިންޑޮނޭޝިއާއިންނެވެ. އެއީ 3،725 މީހުންނެވެ. ދެވަނައަށް 3،241 ކޭސްއާއެކު އިންޑިއާ ހިމެނޭއިރު ތިންވަނައިގައި އޮތް ތައިލެންޑުން 2،120 މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.