ނޫސްތަކަށް ފިޔަވަޅު އަޅަންވާނީ އެމްއެމްސީން، ސަރުކާރަކުން ނޫން: އެމްޖޭއޭ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަޖިސްޓާ ނުކޮށް ހިންގާ ނޫސްތަކަކީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ރެގިއުލޭޓް ކުރެވޭނެ ނޫސްތަކެއް ކަމަށާއި ވެބްސައިޓްތަކުގެ މައްސަލައެއް އުޅޭ ނަމަ, އެކަން ބަލައި ފިޔަވަޅު އެޅުމަކީ އެމްއެމްސީއަށް ގާނޫނުން ލާޒިމުކުރާ ކަމެއްކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން މިއަދު ބުނެފިއެވެ.

ސަރުކާރަށް ފާޑުކިޔާ ލިޔުންތައް ޝާއިއުކުރަމުންދިޔަ ދެ ވެބްސައިޓެއް ސަރުކާރުން ބްލޮކް ކުރުމާ ގުޅިގެން އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ނޫސްތައް ރެޖިސްޓްރީނުކުރާ މައްސަލައިގެ ތެރެއަށް ސަރުކާރުން ވަދެ ބަސް ކިޔައި ފިޔަވަޅު އެޅުމަކީ ގާނޫނީ ނިޒާމު ތަރުތީބުކޮށްފައިވާ ގޮތް ނޫން ކަމަށެވެ.

އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި ސަރުކާރުން އެޅި މި ފިޔަވަޅަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް އެޅި ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

އެމްޖޭއޭގެ ބަޔާނުގައި ވަނީ، މިފަދަ ފިޔަވަޅެއް އަޅާފައިމިވަނީ މިކަން ކުރުމުގެ އުސޫލެއް އާންމު ކުރުމަކައިނުލާ ކަމަށެވެ. އަދި ހަރުދަނާ ދެފުށް ފެންނަ އުސޫލެއް ނެތި އިންޓަނެޓް ސެންސަޝިޕް ސަރުކާރުން އެކްސަސައިޒް ކުރުމަކީ އެމްޖޭއޭއިން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި އެކަމާ ދެކޮޅު ހަދައި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"ސަރުކާރުން އެއްވެސް އުސޫލެއް ނެތި އަޅަމުންދާ މި ފިޔަވަޅު ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޖަމިއްޔާއިން ގޮވާލަމެވެ،" އެ ބަޔާނުގައިވެއެވެ.

މި ފިޔަވަޅުތަކަކީ ޑިމޮކްރަަސީއާ ބީރައްޓެހި ފިޔަވަޅުތަކެއްކަން ފާހަގަކޮށް ބަޔާނުގައި ވަނީ، މިކަން ސިފަކުރާނީ ނޫސްތަކަށާއި ނޫސްވެރިން އަދި ޖުމްލަކޮށް ހުރިހާ ރައްތިތުންނަށް ވެސް ސަރުކާރުން ދިން ވަރަށް ބޮޑު ނުރައްކަލުގެ ރަނގަބީލެއްގެ ގޮތުގައި ކަމަށެވެ. އަދި، މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެތައް އަހަރެއްް ފަހަތަށް ސޮސްސާލައިގެންދާ ފަދަ ބިރުވެރި ނިންމުމެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށެވެ.

އެމްޖޭއޭއިން ސަރުކާރަށް ގޮވާލާފައިވަނީ ގާނޫނުން އެމްއެމްސީއަށް ހަވާލުކޮށްފައިވާ ޒިންމާ އެންމެ ރަނގަޅު ގޮތުގައި އަދާކުރުމަށް އެ ކައުންސިލް ބާރުވެރިކުރުވައި, އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އަދި، ޑިސްއިންފޮމޭޝަންއާއި މިސްއިންފޮމޭޝަންއާ ދެކޮޅަށް މަސައްކަތް ކުރުމަށް ތާއިދުކުރާ ކަމަށާއި، ނަމަވެސް ވެބްސައިޓްތައް ބްލޮކްކުރުމަކީ އެކަމަށް އޮތް ފަރުވާއެއް ކަމަށް ނުދެކޭކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"މިކަން ހައްލު ކުރުމަށް އޮތް އެންމެ ރަނގަޅު މަސައްކަތަކީ ދޮގު މައުލޫމާތު ދެނެގަންނަން އާންމުން ހޭލުންތެރިކުރުމާއި ފެކްޓް-ޗެކިން މަސައްކަތް ޕްރޮފެޝަނަލްކަމާ އެކު ކުރުމަށް ސަރުކާރުން މީޑިއާއަށް އެހީވުމެވެ،" އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

ސަރުކާރުން ރޭ ވަނީ، ސަރުކާރާ ދެކޮޅު ދެ ވެބްސައިޓެއް ބްލޮކްކޮށްފައެވެ. އެ ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް