މިއަދު ރައީސް ޑރ. މުޙައްމަދު ބައްދަލުކުރެއްވި ސިޔާސީ ޕާޓީތަކުގެ ހުރިހާ ލީޑަރުން ވެސް ސަރުކާރު ހިންގުމުގައާއި ގައުމީ މަސައްކަތްތަކުގައި ފުރިހަަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވައިފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސްވަނީ މިއަދު ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި، އެމްޑީއޭގެ ރައީސް ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދުގެ އިތުރުން އެމްއެެންޕީގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމާ ވަކިވަކިން ބައްދަލުކުރައްވައިފައެވެ.
ރައީސް އޮފީހުންވަނީ ޕާޓީތަކުގެ އިސްވެރިންނާއެކު ކުރިއަށް ދިޔަ މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ދެކެވުނު ވާހަކަފުޅުތަކުގެ މައުލޫމާތު ހާމަކޮށްފައެވެ.
އެގޮތުން އެ އޮފީހުން ބުނީ މި ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާއާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށްކަމަށެވެ.
ހަމައެއާއެކު ގައުމުގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމާއި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެކިއެކި މަޝްރޫއުތަަކަށް އެ ޕާޓީތަކުގެ ފަރާތުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވެސްވަނީ ދީފައެވެ.
"އަދި ގައުމުގެ ދާޚިލީ ކަންކަމުގައާއި ޚާރިޖީ އެކިއެކި ކަންކަމުގައި ގައުމީ މަސްލަހަތު އިސްކުރައްވައި، ސަރުކާރަށް އެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ،" ރައީސް އޮފީހުން ބުނެފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުވަނީ ސަރުކާރު ހިންގެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި އިތުރު ބައްދަލުވުންތައް ވެސް ސިޔާސީ ވެރިންނާއެކު ކުރިއަށްގެންދާވެނަކަމަށް ވިދާޅުވިކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މަޖިލީހުގައި ތިއްބަވާ މި ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވިއިރު މި ވަގުތު ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ވެސް މަޖިލީހުގައި އެބައޮތެވެ.
އަދި ސަރުކާރުގެ ވެރިންގެ މުސާރަތައް ބޮޑުކުރަން ކޮމިޓީން ވެސް ނިންމައިފައިވަނީ މި ދަނޑިވަޅުގައެވެ.