އަނިޔާއާ ގުޅިގެން ބްރެޒިލް ތަރި ނޭމާއަށް އަންނަ އަހަރުގެ ކޮޕާ އެމެރިކާ ގެއްލޭނެކަން ކަށަވަރުވެއްޖެއެވެ.
ސައުދީ އަރަބިއާގެ އަލް ހިލާލްގެ ނޭމާގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ ބްރެޒިލް ގައުމީ ޓީމަށް ކުޅެމުން ދަނިކޮށް، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ އަނިޔާއާ ގުޅިގެން އޭނާ ވަނީ މިދިޔަ މަހުގެ ތެރޭގައި ސާޖަރީއެއް ހަދައިފައެވެ.
ސާޖަރީއަށް ފަހު ކޮޕާ އެމެރިކާގައި ވާދަކުރެވޭނެ ވަރަށް ނޭމާ ފިޓުވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، ސާޖަރީ ކުރިއަށްގެންދިޔަ ބްރެޒިލް ޓީމުގެ ޑޮކްޓަރު ރޮޑިރިގޯ ލަމާ މިހާރު ވަނީ އެ މުބާރާތުގައި ނޭމާއަށް ނުކުޅެވޭނެކަން ކަށަވަރުކޮށްދީފައެވެ.
"އެ ވާހަކަ ދައްކަން ވެސް އަދި މާ އަވަސް. ރިކަވަރީއަށް ކުރަން ޖެހޭ މަސައްކަތްތައް އަވަސް އަރުވާލައިގެން ރިސްކެއް ނެގުން ރަނގަޅެއް ނުވާނެ. އަހަރެމެން މި މަސައްކަތްކުރަނީ އަންނަ ސީޒަނަށް ނޭމާ ފިޓުވޭތޯ. އެއީ އަންނަ އަހަރުގެ އޮގަސްޓަށް،" ބްރެޒިލް ޓީމުގެ ޑޮކްޓަރު ލަމާ ބުންޏެވެ.
ބްރެޒިލް ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ނޭމާއާ ނުލައި އެ މުބާރާތް ކުޅެން ޖެހުމަކީ އެ ޓީމަށް ބޮޑު ހިތާމައަކަށް ވެގެންދާނެއެވެ. ނަމަވެސް ބްރެޒިލް ޓީމުގެ އެޓޭކުގައި މިހާރު ވެސް މޮޅެތި ކުޅުންތެރިން ގިނައެވެ. އެގޮތުން ވިނީޝިއަސް ޖޫނިއާ، ރޮޑްރީގޯ، ގެބްރިއަލް ޖެސޫސް، ލޫކަސް ޕަކޭޓާ، ގެބްރިއެލް މާޓިނެލީ އަދި ރިޗާލިސަން އަކީ ބްރެޒިލްގެ އެޓޭކުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެކެވެ.
އަންނަ އަހަރުގެ ޖޫން މަހު ފަށާ ކޮޕާ އެމެރިކާގައި ބްރެޒިލުން ގްރޫޕު ސްޓޭޖުގައި ނުކުންނަން ޖެހޭނީ ކޮލަމްބިއާ އާއި ޕެރަގުއާއީގެ އިތުރުން ކޮސްޓަ ރީކާ ނުވަތަ ހޮންޑޫރަސްއާ ދެކޮޅަށެވެ.