މުސާރަ ބޮޑުކުރުމާ ރައީސް ދެކޮޅު، އެމްޑީޕީން އުޅެނީ ނަފުރަތު އުފައްދަން: ސަރުކާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ ސަރުކާރުގެ ބަހެއް ނެތި، އާންމުންގެ މެދުގައި ސަރުކާރާ މެދު ނަފުރަތު އުފައްދަން ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

އިއްޔެ، މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ މުސާރަތައް އަދި، މަޖިލީސް މެންބަރުންގެ މުސާރަތައް ވެސް ބޮޑުކުރަން ފާސްކޮށްފައެވެ. މުސާރަތައް ބޮޑުކުރަން ނިންމުމާ އެކު ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

އެކަން ސާފުކޮށްދެއްވަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ އިސްވެރިންގެ މުސާރަތައް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ ރައީސްގެ އެދިވަޑައިގަތުމަކައި ގުޅިގެން ނޫން ކަމަށެވެ.

އަދި، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ވެސް ޝަހީބު ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއް ވެސް ހޯއްދެވުމަކައިނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ކޮމިޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށްކަމުގައި ދެކެން،" އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ މަޖިލީހުން ކަނޑައަޅައި މުސާރަތައް ބޮޑުކުރަން ފާސްކޮށްފައެވެ. އެގޮތުން، މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ރައީސާއި ނައިބު ރައީސްގެ މުސާރަ ވެސް ބޮޑުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެކަމަކު، މުސާރަތައް ބޮޑުކުރަން މަޖިލީހުގެ ތަޅުމުން އަދި ފާސްކޮށްފައެއް ނުވެއެވެ.

އިއްޔެ ބޮޑުކުރަން ނިންމި މުސާރަތައް:

  • މަޖިލިސް މެންބަރުންގެ މުސާރަ، އެލަވަންސާ އެކު 82،500 ރުފިޔާއިން 100،000 ރުފިޔާއަށް
  • ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 100،000 ރުފިޔާއިން 120،000 ރުފިޔާއަށް ބޮޑުކުރުން
  • ނައިބު ރައީސްގެ މުސާރަ 75،000 ރުފިޔާއިން 93،000 ރުފިޔާއަށް ބޮޑުކުރުން
  • ވަޒީރުންގެ މުސާރަ 66،000 ރުފިޔާއިން 74،000 ރުފިޔާއަށް ބޮޑުކުރުން

މީގެ އިތުރުން ވެސް ގަވަރުނަރު، އޮޑިޓާ ޖެނެރަލް، އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މުސާރަ ވެސް 74،000 ރުފިޔާއަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ.

ސިޔާސީ ބޭބޭފުޅުންގެ މުސާރަތައް ބޮޑުކުރަން ނިންމުމާ އެކު އާންމުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އެހެންވެ، ސަރުކާރުން މިއަދު ވަނީ އެއީ ސަރުކާރުން އެދިގެން ކުރިކަމެއް ނޫންކަން ކަށަވަރުކޮށްދީފައެވެ.

އެކަމަކު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވީ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ މުސާރަތައް ބޮޑުކުރުމަކީ ޕޭހަމަނައިޒޭޝަންގެ ތެރެއިން އަންނަ އަހަރު ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ. އެހެންވެ، އަންނަ އަހަރަށް ކުރަން ނިންމާފައިވާ ކަންކަން މަޖިލީސް ރިސެސްއަށް ދިއުމުގެ ކުރިން ކުރަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުން ބޮޑުކުރަން ނިންމީ ހަމައެކަނި ސިޔާސީ ބޭފުޅުންގެ މުސާރައެއް ނޫނެވެ. ފަނޑިޔާރުންނާއި ގާޒީންގެ މުސާރަ ބޮޑުކުރަން ވެސް އިއްޔެ ކޮމިޓީން ވަނީ ނިންމައިފައެވެ. އެގޮތުން ފަނޑިޔާރުންގެ މުސާރަތަކަށް ގެންނަން ކޮމިޓީން ނިންމި ބަދަލުތައް:

  • އުއްތަމަފަނޑިޔާރުގެ މުސާރަ 74،125 ރުފިޔާއިން 91،000 ރުފިޔާއަށް
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މުސާރަ 72،000 ރުފިޔާއިން 89،000 ރުފިޔާއަށް
  • ހައިކޯޓުގެ އިސް ފަނޑިޔާރުގެ މުސާރަ 57،300 ރުފިޔާއިން 70،000 ރުފިޔާއަށް
  • ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރަ 55،300 ރުފިޔާއިން 68،000 ރުފިޔާއަށް
  • ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މުސާރަ 50،300 ރުފިޔާއިން 62،000 ރުފިޔާއަށް
  • ކްރިމިނަލް ކޯޓުގެ ގާޒީންގެ މުސާރަ 49،400 ރުފިޔާއިން 60،000 ރުފިޔާއަށް
  • ސިވިލް ކޯޓުގެ އިސް ގާޒީގެ މުސާރަ 48،620 ރުފިޔާއިން 62،000 ރުފިޔާއަށް
  • ސިވިލް ކޯޓުގެ ގާޒީންގެ މުސާރަ 47،650 ރުފިޔާއިން 60،000 ރުފިޔާއަށް
  • ފެމިލީ ކޯޓުގެ އިސް ގާޒީގެ މުސާރަ 48،375 ރުފިޔާއިން 62،000 ރުފިޔާއަށް
  • ފެމިލީ ކޯޓުގެ ގާޒީންގެ މުސާރަ 47،375 ރުފިޔާއިން 60،000 ރުފިޔާއަށް
  • ޖުވެނައިލް ކޯޓުގެ އިސް ގާޒީގެ މުސާރަ 48،650 ރުފިޔާއިން 62،000 ރުފިޔާއަށް
  • ޖުވެނައިލް ކޯޓުގެ ގާޒީންގެ މުސާރަ 47،650 ރުފިޔާއިން 60،000 ރުފިޔާއަށް
  • ޖުޑީޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓެއްގެ މުސާރަ 33،350 ރުފިޔާއިން 43،000 ރުފިޔާއަށް
  • މެޖިސްޓްރޭޓު ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންގެ މުސާރަ 31،400 ރުފިޔާއިން 41،000 ރުފިޔާއަށް
  • އެހެން މެޖިސްޓްރޭޓުންގެ މުސާރަ 31،400 ރުފިޔާއިން 41،000 ރުފިޔާއަށް

ކޮމިޓީން ވަނީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވެސް ނިންމާފައެވެ. އެއީ،

  • މޭޔަރުންގެ މުސާރަ 46،000 ރުފިޔާއަށް
  • ޑެޕިއުޓީ މޭޔަރުންގެ މުސާރަ 40،500 ރުފިޔާއަށް
  • ސިިޓީ ކައުންސިލް މެންބަރުންގެ މުސާރަ 35،000 ރުފިޔާއަށް
  • އަތޮޅު ރައީސުންގެ މުސާރަ 33،000 ރުފިޔާއަށް
  • ރަށު ރައީސުންގެ މުސާރަ 25،500 ރުފިޔާއަށް
  • ރަށު ނައިބުންގެ މުސާރަ 20،000 ރުފިޔާއަށް
  • ރަށު މެންބަރުންގެ މުސާރަ 18،000 ރުފިޔާއަށް

އިންތިޚާބީ މަގާމުތަކާއި ޖުޑިޝަރީގެ މުސާރަތައް ބޮޑުކުރަން އިއްޔެ މާލިއްޔަތު ކޮމިޓީން ނިންމީ، އެ ކޮމިޓީއަށް އިއްޔެ ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

comment ކޮމެންޓް