ނުރައްކާތެރި ބަލިތަކާއެކު ބިދޭސީން އެތެރެވަނީ: ބަލާނެ ބަޔަކު ނެތް!

ޖުލައި 19، 2020: ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް އެކި ވަޒީފާތަކަށް، އެކި މަސައްކަތްތައް ކުރުމަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ބިދޭސީންނެއް ވޯކް ޕާމިޓުގައި ހިޖުރަކުރެއެވެ. މިއިން ކޮންމެ މީހަކު ރާއްޖެއިން އެތެރެވާއިރު އެންމެ އެކަށީގެންވާ މިންވަރަށް، ބަލައި ކަށަވަރުކުރަންޖެހޭ މައުލޫމާތުތައް ކަށަވަރުކުރޭތޯ މިހާރު މިއޮތީ ސުވާލު އުފައްދަން ޖެހިފައެވެ.

ރާއްޖެ އެތެރެވާ ބިދޭސީން، ދިވެހިންގެ ތެރެއަށް ދޫކުރާ ފަހުން އެ މީހުންގެ ފަރާތުން މި ފެންނަނީ މީގެ އެތައް އަހަރެއް ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ނުރައްކާތެރި ބަލިތަކެވެ. މި ދައްކަނީ ކުޑަކުޑަ ކަމެއްގެ ވާހަކައެއް ނޫނެވެ. އާދައިގެ ބޮލުގެ ރިހުމަކާއި ހުމެއް ފެނިގެން އުޅޭ ވާހަކައެއް ނޫނެވެ.

https://sun.mv/186080

މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ފައިފަލަ ބައްޔާއި، މެލޭރިއާ މި ފަހުން އަނެއްކާ ވެސް ފެނިއްޖެއެވެ. ހިމަބިހި ވެސް ފެނިއްޖެއެވެ. އެ ނޫން ވެސް ބަލިތައް، މެޑިކަލެއް ނެތި ރާއްޖެ އެތެރެވާ ބިދޭސީންގެ ފަރާތުން ފެތުރެން ފަށައިފިއެވެ.

މި ދައްކަނީ ކަން ފަސޭހަކޮށްލައިގެން އަޅައިނުލާ ތިބިއްޖެނަމަ އަނެއްކާ ވެސް މުޅި ރާއްޖެ ނުރައްކާތެރި ބަލިމަޑުކަމެއްގައި ހަފުސްވެ ނިމިދާނެ ކަމެއްގެ ވާހަކައެވެ.

އެތައް ހާސް ބިދޭސީންނެއް ރާއްޖެ އެތެރެވާއިރު ހަމައެކަނި އެ މީހުންގެ އުފަން ތާރީޚާއި ރަށް ބަލައިލުމަކުން ނުފުދެއެވެ. މެޑިކަލް ނަތީޖާ ހޯދައި، އެއީ މެޑިކަލީ ފިޓު ބައެއްތޯ ހަރުކަށި ކަމާއެކު ޔަގީންކުރަން އެބަޖެހެއެވެ. މިއަދު މިއިން ކަމެއް ރަނގަޅަށް ކުރަނީއެއް ނޫނެވެ. ކުޑަމިނުން މިކަން ކުރަން ބާރުއަޅަން ވިސްނާނެ ބަޔަކު ވެސް ތިބީއެއް ނޫނެވެ.

https://sun.mv/176208

ފަސް އަހަރު، ބިދޭސީ ކޯޓާ އިތުރުވީ ރެކޯޑު އަދަދުގައި

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ ފާއިތުވި ފަސް އަހަރުގެ ތަފާސް ހިސާބުތަކުން ފެންނަން އޮތް ސާފު ހަގީގަތަކީ މިދިޔަ ފަސް އަހަރުގެ ތެރޭ ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ޓަކައި ކޯޓާ ދޫކޮށްފައިވަނީ އާދަޔާ ޚިލާފު މިންވަރަކަށް ކަމެވެ. އެގޮތުން 2018ވަނަ އަހަރު އެކަނި ވެސް 97،263 ކޯޓާ ވަނީ ދޫކޮށްފައެވެ. މިއީ 2013އިން ފެށިގެން މިއަދާ ހަމައަށް އަޅައިކިޔާނަމަ ވޭތުވެދިޔަ 11 އަހަރުގެ ތެރޭ އެންމެ ގިނައިން ކޯޓާ ދިން އަހަރެވެ.

ހަ އަހަރު ތެރޭ ބިދޭސީން އެތެރެވުމުގެ ކޯޓާ ދީފައިވާ އަދަދު

  • 2018- 97،263
  • 2019- 26،535
  • 2020- 7،774
  • 2021- 32،318
  • 2022- 54،759
  • 2023- 33،254

މި އަދަދުތަކުން ހާމަވަނީ ބިދޭސީން ރާއްޖެ އެތެރެވުމަށް ކޯޓާ އަބަދުވެސް ދެވެމުން އައި މިންވަރު އެއް ހަމައެއްގައި ނުހިފެހެއްޓި ހުރިކަމެވެ. އަދި ބިދޭސީން ރާއްޖެއަށް އެތެރެވުމުގެ ދޮރު އިންތިހާއަށް ހުޅުވިފައި އޮތްކަމެވެ.

ވޯކް ޕާމިޓުގައި ރާއްޖެ އައި މީހުންގެ އަދަދުތަކަށް ބަލާނަމަ އެ އަދަދުތައް ވެސް އިންތިހާއަށް ގިނައެވެ.

ހަތަރު އަހަރު ތެރޭ ވޯކް ޕާމިޓުގައި ރާއްޖެއަށް ދަތުރުކުރި ދިވެހިން

  • 2020- 9،678
  • 2021- 25،990
  • 2022- 54،640
  • 2023- 53،841

މި އަދަދުތައް ބެހިގެން އަންނަނީ އެންމެ ގިނައިން ރާއްޖެއަށް ބިދޭސީން އެތެރެވި ގައުމުތަކާއި އެހެނިހެން ގައުމުތަކަށެވެ. އެގޮތުން އަވަށްޓެރި އިންޑިއާއި، ބަންގްލަދޭޝާއި ސްރީލަންކާގެ އިތުރުން ނޭޕާލަކީ އެންމެ ގިނައިން ރާއްޖެއަށް އެކި މަސައްކަތްތައް ކުރަން މީހުން ހިޖުރަ ކުރާ ގައުމުތަކެވެ.

މި ގައުމުތަކަކީ ބޮޑެތި ބަލިތައް ފެތުރޭ، އެ ކަމުގެ ނުރައްކާ ހުރި ގައުމުތަކެވެ. އެގޮތުން މި ފަހުން ރާއްޖެއިން ބިދޭސީންތަކެއްގެ ފަރާތުން ފެނުނު ފައިލޭރިއާ ނުވަތަ ފައިފަލަ ބައްޔަކީ ލަންކާއާއި ބަންގްލަދޭޝްއިން ނައްތައިލެވިފައިވާ ބައްޔެއް ނަމަވެސް އެއީ އިންޑިއާގައި ނުރައްކާ މިންވަރަކަށް ފެތުރޭ ބައްޔެކެވެ.

މި ނޫނަސް ޓިއުބާކިއުލޯސިސް (ޓީބީ) އާއި އެޗްއައިވީ އެއިޑްސް، މެލޭރިއާ ފަދަ ބަލިތަކަކީ އެ ގައުމުތަކުގައި އާންމު ބަލިތަކެވެ.

މިހައި ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެ އެތެރެވާއިރު މިއިން އެއްވެސް ބައްޔެއް ހުރިތޯ ބަލާކަށް އެއްވެސް ޓެސްޓެއް ހަދާކަށް ނުޖެހެއެވެ.

ބިދޭސީން އެތެރެވާއިރު މެޑިކަލް ހެދުން މަޖުބޫރެއް ނޫން!

މިހާރު ވެސް ބިދޭސީން ރާއްޖެ އެތެރެވާއިރު މެޑިކަލް ހެދުމާ ގުޅޭ ގޮތުން އުސޫލެއް އޮވެއެވެ. ނަމަވެސް އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ، މެޑިކަލް ހެދުމުގެ މި އުސޫލަކީ މިހާރު މަޖުބޫރު ކަމަކަށް ނުވުމެވެ.

މިހާރު މެޑިކަލް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީން އަންގައިފިނަމަ ނުވަތަ ބޭނުންވެއްޖެ ނަމައެވެ. ނަމަވެސް ކުރިން ވޯކްޕާމިޓަށް ހުށަހަޅައިގެން ރާއްޖެ އެތެރެވާ ބިދޭސީއަކަށް ވިސާ ޖަހައިދިނުމުގެ ކުރިން މެޑިކަލް ހުށަހެޅުމަކީ މަޖުބޫރު ކަމެކެވެ. ވިސާ ލިބޭނީ މެޑިކަލުން ފާސްވުމުންނެވެ.

ފެބްރުއަރީ 24، 2021: ރާއްޖޭގައި ލިޔެކިޔުން ނެތި ދިރިއުޅޭ ބިދޭސީން ކޮވިޑް-19 ވެކްސިން ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިދޭސީން ރާއްޖެ އެތެރެވުމުގެ މަރުހަލާގައި ކަން ހިނގާ ގޮތް "ސަން"އަށް ކިޔައިދެމުން ޓްރެވަލް އެޖެންސީއެއްގެ އިސް ވެރިއަކު ވިދާޅުވީ ކޮވިޑު19އާ ގުޅިގެން ދިން ބައެއް ލުއިތަކާއެކު މިހާރު އެ އުސޫލަށް އަމަލުނުކުރާ ކަމަށެވެ. ހަމަ ކޮންމެ މީހަކަށް ވެސް މެޑިކަލްއަކާ ނުލައި ވޯކް ޕާމިޓެއް ހައްދައިލެވޭކަމަށެވެ.

"މާލެ އައިސް މި އޮންނަނީ 14 ދުވަސް ތެރޭ ވިސާ ޖަހަން ޖެހޭނެ ކަމަށް. އެ މުއްދަތުގައި ވިސާއަށްލާއިރު މި އޮންނަނީ މެޑިކަލާއި ޕާސްޕޯޓް ކޮޕީއަކާއެއްކޮށް ހުށަހަޅަން. އެކަމު މިހާރު މެޑިކަލަކީ ބޭކާރު އެއްޗެއް. އުސޫލު ރަސްމީކޮށް ހުއްޓައިނުލައި. އެކަމު ކޮވިޑަށްފަހު އަދި ތަންފީޒު ނުކުރޭ،" މައްސަލައިގެ ބާވަތުން ނަން ނުޖަހަން ޝަރުތުކޮށް އޭނާ ކިޔައިދެއްވިއެވެ.

އޭނާ ވިދާޅުވީ، މެޑިކަލް ހެއްދުމަކީ ކޮންމެހެން މަޖުބޫރު ކަމަކަށްނުވުމުން އެއްވެސް އެޖެންސީއަކުން ބިދޭސީން ރާއްޖެ އެތެރެކުރާއިރު އެ ކަން ކުރަން ބޭނުން ނުވާކަމަށެވެ. ސަބަބަކީ ނުބަލައި ކަމަކަށް، މެޑިކަލެއް ހެއްދުމަށް ހިނގާ ޚަރަދަކީ 'ބޭކާރު' ޚަރަދެއްކަމަށް އެ އެޖެންސީތަކަށް ވެސް ގަބޫލުކުރެވޭތީއެވެ.

ބިދޭސީންތަކެއް މަގުމަތީގައި-- ސަން ފޮޓޯ -- ފަޔާޒު މޫސާ

"މަޖުބޫރު ނުކުރާނަމަ ކީއްކުރާކަށްތޯ ކޮންމެހެން ބޭކާރު ޚަރަދެއް ކުރަންވީ. މިހާރު ރާއްޖެއަށް އެންމެ ގިނައިން މި އަންނަނީ އިންޑޮނޭޝިއާއާއި ނޭޕާލް ކުދިން ރެސްޓޯރެންޓުތަކަށް. ބިދޭސީން އަންނައިރު އެއިޑްސްފަދަ ބައްޔެއް ހުންނަ ކުއްޖަކު ވެސް އައިސްދާނެ ހަމަ. ކިހިނެއްތޯ ޔަގީންކުރާނީ،" އޭނާ ބުންޏެވެ.

މެޑިކަލް ހެއްދުމުގައި މި އޮތް ދޯދިޔާ އުސޫލާ ގުޅޭގޮތުން އެހެން އެޖެންސީއެއްގެ އިސް ވެރިއަކު މައުލޫމާތު ހިއްސާކުރި ގޮތުގައި މެޑިކަލެއް ހަދަން އަންގައި، އޭގެން ބިދޭސީ މީހާ ފިޓުނޫންކަމަށް ދައްކައިފިނަމަ ވެސް ސަރުކާރުން އަމަލުކުރާ ރަނގަޅު ގޮތެއް ނޯވެއެވެ. މެޑިކަލް ރިޖެކްޓުވުމުން ދެން ޖެހެނީ އެޗްޕީއޭއަށް ދާށެވެ. އެ ތަނުން ސާފު ޖަވާބެއް ނުލިބި ދެތިން މަސް ހޭދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު އެ ކަމަކަށް ރާއްޖެއިން ފަރުވާކުރުމަށް އަންގަފާނެއެވެ. ނުވަތަ އޭގެ ދެ ތިން މަސްފަހުން ރާއްޖެއިން ފުރަން އަންގަފާނެއެވެ. އޭނާ ފުރުވައިލުމާ ހަމައަށް ވެސް ހަމަ އެހައި ދިގު މުއްދަތެއް ނަގައެވެ.

"މި ހުރިހާ ދުވަހު އެ މީހާ މާލޭގައި ނޫންތަ މި އުޅެނީ. އަނެއްހެން ހަރުދަނާ އުސޫލެއް ނޯވޭ. ވަރަށް ދޯހަޅިކޮށް މި އޮތީ. ހަމަ ރަނގަޅުކުރަންޖެހޭ، ހަރުދަނާ ކުރަންޖެހޭ ކަމެއް މި މެޑިކަލްގެ ކަންތަކަކީ،" އޭނާ ކިޔައިދިނެވެ.

ކަޓު ލިބެންޏާ ފޭކް މެޑިކަލް، މަކަރުވެރިކަން އިންތިހާއަށް!

އިކޮނޮމިކް މިނިސްޓްރީގެ އުސޫލުތައް ބުނާ ގޮތުން ރާއްޖެއަށް ވޯކް ޕާމިޓުގައި އެތެރެވާ ބިދޭސީން، ވިސާއަށް އެދެންޖެހޭ 14 ދުވަސް ތެރޭ، ހުށަހަޅާ މެޑިކަލް ވާންވާނީ ރާއްޖެއިން ދޫކުރާ މެޑިކަލް ސެޓްފިކެޓަކަށެވެ. އެއީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފައިވާ ވަކި ހޮސްޕިޓަލްތަކަކާއި، ކްލިނިކްތަކަކުން ހައްދަންޖެހޭ އެއްޗެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފައެވެ.

މެޑިކަލް ދިނުމުގެ ހުއްދަ އޮތް ތަންތަން --

އެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ ތެރޭގައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި، ހުރިހާ އަތޮޅު ހޮސްޕިޓަލެއް ހިމެނެއެވެ. އަދި 26 ޕްރައިވެޓް ކްލިނިކަކާއި ހޮސްޕިޓަލް ހިމެނެއެވެ.

މެޑިކަލެއް ހެއްދުމަށް ކުރާ ހޭދައަކީ އާންމުކޮށް 350 އެއްހައި ރުފިޔާއެވެ. ނަމަވެސް މިއީ ވެސް ދެ ތިން މަހެއް ތެރޭ މުއްސަނދިވާން ބޭނުންނަމަ މާ ރަނގަޅު ވިޔަފާރިއެކެވެ. ސަބަބަކީ ރާއްޖޭގައި މި ކަމުގައި ވެސް އޮތް 'ކަޓު' ނެގުމުގެ މޮޅު އުކުޅެވެ.

ބިދޭސީއެއް ރާއްޖެ އައުމުން، އެ މީހަކަށް މެޑިކަލް ހެއްދުމަށް ކުރާ ހޭދައަކީ އެ ބިދޭސީއަކު ރާއްޖެ އެތެރެކުރާ އެޖެންސީއަކުން ކުރަންޖެހޭ ކަމެކެވެ. ބިދޭސީއަކު ރާއްޖެ ގެނެސް އަލުން އެ މީހަކު ފުރުވައިލުމަށް އިންތިޒާމު ހަމަޖެއްސުމާއި އެ ނޫން ކަންކަން ތަކުރާރުކުރުމަކީ ގިނަ ފަހަރު މި ފަދަ އެޖެންސީތަކަށް ބޮޑު ބުރައެކެވެ.

އެހެންވެ، އެ މީހުން ރާއްޖެއިން ނުގެންގޮސް ވާނެ ކޮންމެ ގޮތެއް ވެސް އޮތިއްޔާ އެ ގޮތެއް ވަރިހަމަކަމަށް ބަލައެވެ. އެހެންވެ، ކުޅެން ނިންމަނީ މެޑިކަލް ސެޓްފިކެޓާއެވެ. އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފައިވާ އަމިއްލަ ކްލިނިކުތަކުގެ ތެރެއިން މިއީ ފައިދާ ބޮޑުކޮށް ކުރާ ވިޔަފާރިއެކެވެ.

"ބައެއް ކްލިނިކުތަކުން އެބަހުރި 3،000 ރުފިޔާ ދިނީމާ މީހާ ނުގޮސް ވެސް މެޑިކަލް ހަދައިދޭ ކްލިނިކުތައް ވެސް. މިއީ ހަމަ މޮނީޓަރު ކުރެވެން ޖެހޭ ކަންކަން،" މެޑިކަލް ހެދުމުގައި ޝާމިލުވާ މީހަކު "ސަން"އަށް ކިޔައިދިނެވެ.

ނަމަވެސް މި ކްލިނިކުތައް މޮނީޓަރު ކުރާނެ އެކަށީގެންވާ އުސޫލެއް ވެސް ބަޔާންކޮށްފައި ނޯވެއެވެ. މި ތަންތަން އޮޑިޓްކުރެވި، މި ކަންކަމުގެ މައުލޫމާތު އާންމުކުރެވިފައެއް ވެސް ނެތެވެ.

މި ރިޕޯޓަށް އިމިގްރޭޝަނާއި، ސިއްހީ އިދާރާގެ ބަހެއް ހޯދުމަށް ޓަކައި އެކި ގޮތްގޮތުން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް ލިބޭގޮތްވަނީ ނުވެފައެވެ.

ހައްތަހާ ވެސް މައްސަލައެވެ. ހުސް ކަންބޮޑުވުމެވެ. ރާއްޖެ އެތެރެވެ ދިވެހީންގެ ތެރޭ ބިދޭސީންތަކެއް ދިރިއުޅެން ވަޒަންވެރިވާއިރު އެ މީހުންގެ ސިއްހީ ހާލަތު ހުރި ގޮތް ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އުސޫލު އޮތަކަސް އެ ތަންފީޒުނުކުރާނަމަ އޭގެ ބޭނުމެއް ނެތެވެ. މިހާރުން މިހާރަށް އެންމެ މުހިންމީ ރާއްޖެ އެތެރެވާ ބިދޭސީންނަށް ވިސާ ދިނުމުގެ ކުރިން މެޑިކަލް ހުށަހެޅުން މަޖުބޫރުކުރުމެވެ.

comment ކޮމެންޓް