ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކްރޫޒް ލައިނާއެއްގެ ދަތުރު ކެންސަލްކުރުމާއެކު، އެ ކަން އެހެންވީ، އެކަށީގެންވާ ވަރަށް ވުރެ ބޮޑު ޓެކްސްއެއް ދައްކަންޖެހޭ ގޮތަށް ގަވާއިދަށް ގެނައި ބަދަލާއި ގުޅިގެން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޗް އެޖެންޓްސް (މާޔާ)އިން ބުނެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. .
އެ އެސޯސިއޭޝަނުގެ ކަންބޮޑުވުންތައް ހާމަކުރީ 'އެމްއެސް ފްރެޑް އޮލްސެން ބޮލެޓް' ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދެ ދަތުރެއް ކެންސަލް ކުރުމާ ގުޅިގެންނެވެ.
ހާހަކަށްވުރެ ގިނަ ފަތުރުވެރިންނާއެކު އެ ކްރޫޒްލައިނާއިން މީގެ ކުރިން އޮތީ ހއ. އަތޮޅަށް މާދަމާ ފުރަތަމަ ދަތުރު ކުރާ ގޮތަށެވެ. އަދި އަންނަ ހޯމަ ދުވަހު އައްޑުއަށް ދެވަނަ ދަތުރު ކުރުމަށް އޮތީ ހަމަޖެހިފައެވެ.
ނަމަވެސް އެ ދަތުރުތައް މިހާރު ކެންސަލް ކޮށްފައިވާ ކަމަށް މާޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން މާޔާގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ކްރޫޒް ލައިނާގެ ދަތުރުތައް ކެންސަލްކޮށްފައި ވަނީ ސެޕްޓެމްބަރު 14 ވަނަ ދުވަހު ނެރުނު ގަވާއިދާއެކު 16 ޕަސެންޓު ޓެކްސް ނަގަން ފެށުމުންކަން ވަރަށް ސާފު ކަމަށެވެ.
"ކްރޫޒް ލައިނާތަކަކީ ވަރަށް ކުރީއްސުރެ އެ ފަރާތްތަކުގެ ރޫޓުތައް ވިއްކައިފައި ހުންނަ ބައެއް. ކޮންމެ ގޮތެއް ވިޔަސް އެ ބޭފުޅުން ވިއްކައިފައި ހުރީ ޓެކްސްތައް އޭގައި ނުހިމަނާ. ދެން ކުއްލިއަކަށް ރާއްޖެއަށް 16 ޕަސެންޓު ޓެކްސް ނަގަންވީމަ އެ ބޭފުޅުންނަށް ބޮޑު ގެއްލުމަކަށް ވާނީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކޮވިޑަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން އޭރު އައުމަށް ހަމަޖެހިފައިވާ ކްރޫޒްލައިނާތައް ކެންސަލް ކުރި ނަމަވެސް މީގެ ކުރިން ކްރޫޒްލައިނާތައް ކެންސަލް ނުކުރާ ކަމަށެވެ. އަދި މިހާރު ބައެއް އޮޕަރޭޝަންތަކުގެ ކެންސަލޭޝަންތައް ވަރަށް ގިނައިން އަންނަކަން ފާހަގަވާކަމަށް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން މިދިޔަ ހުރިހާ ސީޒަންއެއްގެ މިދުވަސްވަރާ އަޅާ ބަލާއިރު މި އަހަރު ވަރަށް ބޮޑަށް ތަފާތުވެއްޖެކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
"ގަވާއިދު ހެދުމުގެ މަސައްކަތްކުރިއިރު ވެސް އެންމެ ބޮޑަށް އެދެމުން ދިޔައީ މިހާ ބޮޑު އިންޑަސްޓްރީއަކަށް މިހާ ބޮޑު ޓެކްސްއެއް އެޕްލައިވާއިރު ކޮންމެވެސް ކަހަލަ ގްރޭސް ޕީރިއަޑެއް، ހަ މަސްވިޔަސް ދެއްވަން. ދެން ގަވާއިދު ނެރުނީ ވެސް އެއްވެސް ގްރޭސް ޕީރިއަޑެއް ވެސް ނުދީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެކަމަށް ހައްލެއް ހޯދުމަށް އޭރު ގަވާއިދު ނެރުނުއިރު އޭރުގެ ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުންނާ ވެސް ވާހަކަދެއްކެވިކަމަށާއި އަދި މިހާރުގެ ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުންނާ ވެސް ވާހަކަ ދައްކަވަމުން އަންނަ ކަމަށެވެ.
ކުރިއަށް ހުރި ދުވަސްތަކުގައި ދެން ކްރޫޒްލައިނާތައް ގެނައުމަކީ ވަރަށް ބޮޑަށް އުނދަގޫވާނެ ކަމެއް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެންމެ މަދުވެގެން ވެސް އެކަމުގެ ގެއްލުން ކުރިއަށް އޮތް ފަސް އަހަރަށް ފެންނާނެ ކަމަށެވެ.
"އެހާ ދަތި އުނދަގުލުން އެފަދަ ވެސަލްތައް ރާއްޖެ އަންނައިރު އަދި އެހާ ނެގެޓިވް މެސެޖެއް ދެވޭ ފަދަ ގަވާއިދުތަކާ ހުރެ ވަރަށް ދަތިވާނެ މި އިންޑަސްޓްރީ ރާއްޖޭގައި ހިފަހައްޓަން. ދެން އަވައްޓެރި ގައުމުތަކަށް ވެސް ވަރަށް ބޭނުންވާނެ މިފަދަ ވެސަލްތައް. އެ ބޭފުޅުން މި ކަހަލަ ދަނޑިވަޅުގަ މަސައްކަތް ކުރާނެ އެ ހޯދަން،" ނަޝީދު ވިދާޅުވިއެވެ.
ކްރޫޒް ލައިނާތައް ރާއްޖެ އައުމަކީ ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭ ކަމެކެވެ. ނަމަވެސް، ރާއްޖެ އައުމުގައި މި ކްރޫޒް ލައިނާތަކަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ރަނގަޅު ބަނދަރެއް ނެތުމާއި ޓޫރިސްޓުންނަށް އެދެވޭ ހިދުމަތްތަކެއް ދެވޭނެ އިންތިޒާމުތަކެއް ނެތުން ހިމެނެއެވެ.