ޔޫރޮޕާ ލީގު ގްރޫޕް ބީގައި ބްރައިޓަން އެންޑް ހޯވް އެލްބިއަންއިން އޮލިމްޕިކް މާސޭގެ މައްޗަށް ކުރި ހޯދައި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަހޯދައިފިއެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި، ދެވަނަ ހާފުގެ ކުޅުން ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމެން ދަނިކޮށް މެޗުގެ ހަމައެކަނި ލަނޑު ބްރައިޓަންއިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 88 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދީފައިވަނީ ޖާއޮ ޕެޑްރޯއެވެ.
މެޗުގައި މާސޭއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ މާސޭއަށެވެ. އެ ޓީމުން ފޮނުވައިލި ދެ ހަމަލާއެއް ވަނީ ބްރައިޓަންގެ ގޯލު ދަނޑިއަށް އަމާޒުވެފައެވެ.
މި ނަތީޖާއާ އެކު ބްރައިޓަންއަށް ވަނީ ގްރޫޕް ބީގައި ކުޅުނު ހަ މެޗުން 13 ޕޮއިންޓް ލިބި ކުރިން އެއް ވަނައިގައި އޮތް މާސޭ ފަހަތަށް ޖައްސައިލާ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މެޗުން ބަލިވުމުން މާސޭ ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މި މުބާރާތުގެ ދެވަނަ ބުރުގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.
މި ގްރޫޕުގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ އަޔެކްސް އެމްސްޓަޑަމްއާއި އާއީކޭ އެތެންސް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 3-1 އިން ކާމިޔާބު ކޮށްފައިވަނީ އަޔެކްސްއެވެ. މިއާ އެކު އަޔެކްސް ވަނީ ގްރޫޕްގެ ތިންވަނައަށް ކުރިއަށް ޖެހިލައި ޔޫރޮޕާ ކޮންފަރެންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭ އޮފްއިން ޖާގަހޯދައިފައެވެ.