ﷲ އެއްވެސް މީހަކު މަގުފުރައްދަވާތަ؟

އިސްލާމީ މަރުކަޒުގައި ހުކުރުކުރަނީ -- ފޮޓޯ / ޖަޒީރާ އެމްވީ

މިންބަރުތަކާއި ޢިލްމުވެރިންގެ ތަޤުރީރުތަކުން ތަކުރާރުކޮށް މި ޢިބާރާތް އަޑު އިވިފައި ހުންނާނެއެވެ. "ﷲ އިރާދަކުރައްވާ އަޅަކު، މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ތެދުމަގު ދައްކަވަތެވެ." ލިޔުންތަކާއި ތަޤުރީރުތަކުގައި މި ޢިބާރާތް ބޭނުންކުރަނީ ކީރިތި ޤުރުއާނަށް ބިނާކޮށެވެ. އެގޮތުން، އިބުރާހީމު ސޫރަތުގެ ހަތަރުވަނަ އާޔަތާއި، ނަޙްލު ސޫރަތުގެ 93 ވަނަ އާޔަތާއި އަދި ފާޠިރު ސޫރަތުގެ އަށްވަނަ އާޔަތުން ބައެއްގެ ލަފުޒީ ތަރުޖަމާއެއްކުރުމުން އޮންނާނީ މިފަދަ މާނައެކެވެ. ސުވާލަކީ ޙަޤީޤަތުގައި ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އިރާދަ ކުރައްވާ މީހަކު މަގުފުރައްދަވަނީހެއްޔެވެ؟ މަގުފުރެދޭމީހާގެ އެއްވެސް އިޚްތިޔާރެއް އެކަމުގައި ނެތީހެއްޔެވެ؟ އެހެންވިއްޔާ އެކަލާނގެ ޤަޞްދުގައި މަގުފުރައްދަވާފައި، ޤިޔާމަތްދުވަހުގައި ޙިސާބު ބައްލަވައި އެ މީހަކަށް ޢަޛާބު ދެއްވަނީ ކީއްވެގެންހެއްޔެވެ؟

އިސްވެދިޔަ ބޮޑު ސުވާލުގެ ޖަވާބުގައި އެންމެ ފުރަތަމަ ވެސް ބުނަންޖެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވެސް މީހަކު ތެދުމަގުން އެއްކިބާއެއް ނުކުރައްވައެވެ. އެހެނެއްކަމަކު އެ މީހަކު މަގުފުރެދެނީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "... ފަހެ، ހަމަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. ފަހެ، އެއުރެންގެ މައްޗަށް ހިތާމަކުރެއްވުމުގައި، ކަލޭގެފާނުގެ نفس ހަލާކުވިޔަނުދެއްވާށެވެ! ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."(ފާޠިރު: 8) މި އާޔަތާއި އަދި މިނޫންވެސް އާޔަތްތަކުން އެނގޭގޮތުގައި؛ އިންސާނާ ކުރާ އަދި ކުރާނެ ހުރިހައިކަމެއް ﷲ ދެނެވޮޑިގެންވެއެވެ. އެމީހަކީ މަގުފުރެދިގެންދާނެ މީހެއްކަން ނުވަތަ ތެދުމަގުގައި ހުންނާނެމީހެއްކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި އޭނާ އުޅެން ޤަޞްދުކުރާ މަގަކަށް އެމީހަކަށް އެކަލާނގެ މަގު ދައްކަވާނެއެވެ. ނުބައިކޮށް އުޅެން ބޭނުންވާ މީހާއަށް ނުބައި މަގެވެ. އަދި ރަނގަޅަށް އުޅެން ބޭނުންވާ މީހާއަށް ރަނގަޅު މަގެވެ. އެކަލާނގެ އިރާދަކުރެއްވި އަޅަކު މަގު ފުރައްދަވާނެކަމަށާއި ތެދުމަގު ދައްކަވަން އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވާނެކަމަށް އެ އޮތް ބަސްފުޅުގެ މާނައަކީ މިއެވެ.

ޤަޞަޞް ސޫރަތުގެ 56 ވަނަ އާޔަތުގައި އަންގަވާފައިވާ ގޮތުގައި؛ އެމީހެއްގެ އަމިއްލަ އިޚްތިޔާރުން ކުރާ ޢަމަލުތަކުން، ތެދުމަގު ލިބޭނެމީހުންނަކީ ކޮބައިކަން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އަމިއްލަ އިޚްތިޔާރުން، އަމިއްލައަށް ކުރާ ހެޔޮ ޢަމަލުތަކުން ތެދުމަގު ހޯދައިފިމީހާއަށް އެ ހިދާޔަތު އިތުރުކޮށްދެއްވާނެކަމަށްވެސް އަންގަވާފައިވެއެވެ. وَالَّذِينَ اهْتَدَوْا زَادَهُمْ هُدًى وَآتَاهُمْ تَقْوَاهُمْ (މުޙައްމަދު: 17) "ތެދުމަގު ލިބިގެންވާ މީހުންނަށް، އެކަލާނގެ ތެދުމަގު އިތުރުކުރެއްވިއެވެ. އަދި އެއުރެން تقوى ވެރިވެ، ރައްކާތެރިވުމުގެ މަގު އެކަލާނގެ އެއުރެންނަށް ފަހިކޮށްދެއްވިއެވެ." قُلْ إِنَّ اللَّهَ يُضِلُّ مَن يَشَاءُ وَيَهْدِي إِلَيْهِ مَنْ أَنَابَ (ރަޢުދު: 27) "... ހަމަކަށަވަރުން، اللَّه އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ حضرة އަށް އެނބުރި އަންނަ މީހަކަށް ތެދުމަގު ދައްކަވަތެވެ." މިއާޔަތުގައި އެވަނީ މީހަކު އަމިއްލައަށް ﷲ ގެ ޙަޟުރަތަށް ރުޖޫޢަވާ ވާހަކައެވެ. އޭނާ އަމިއްލައަށް އެކަލާނގެއަށް ރުޖޫޢަވެއްޖެނަމަ އެމީހަކަށް ތެދުމަގު ދައްކަވާނެކަމަށެވެ. ޤުދުސިއްޔަ ޙަދީޘަކުން އެނގޭގޮތުގައި؛ މީހަކު ﷲ ތަޢާލާއާ ކުއްތަންވީ ވަރަކަށް އެކަލާނގެ އެމީހަކާ އެއަށްވުރެ ބޮޑަށް ކުއްތަންވެވޮޑިގަންނަވައެވެ."(متفق عليه)

ތެދުމަގުން އެއްކިބާވަނީ އަމިއްލައަށްކަން އެނގޭ ގިނަ ދަލީލުތައްވެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. فَلَمَّا زَاغُوا أَزَاغَ اللَّهُ قُلُوبَهُمْ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ (ޞައްފު: 5) "... ފަހެ، އެއުރެން (حق ން) އެއްކިބާވިހިނދު، اللَّه އެއުރެންގެ ހިތްތައް (ތެދުމަގުން) އެއްކިބާ ކުރެއްވިއެވެ. فاسق ވީ މީހުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ." މި އާޔަތުން ސާފުކޮށް އެނގޭގޮތުގައި އެބައިމީހުން ޙައްޤުން އެއްކިބާވީ ނުވަތަ މަގުފުރެދުނީ އަމިއްލައަށެވެ. އެބައިމީހުން އަމިއްލައަށް އެގޮތަށް ޢަމަލުކުރުމުން، އެމީހުންނަށް އެކަލާނގެ ތެދުމަގު ނުދައްކަވާނެކަމަށް އެންގެވީއެވެ. وَمَن يَعْشُ عَن ذِكْرِ الرَّحْمَٰنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ (ޒުޚުރުފު: 36) "رحمن ވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ شيطان އެއް ފާކުރައްވާހުށީމެވެ. ފަހެ، شيطان އާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ." އަދިވެސް ވަޙީކުރައްވާފައިވެއެވެ. "އަދި ކިއެއްތަ! އެއުރެން كافر ވުމުގެ ސަބަބުން އެ ހިތްތަކުގައި اللَّه ސިއްކަގައްސަވާފައިވެއެވެ. ފަހެ، އެއުރެންކުރެ މަދުބަޔަކު މެނުވީ إيمان އެއް ނުވާނެތެވެ."(ނިސާ: 155) އެބައިމީހުންގެ ހިތްތަކުގައި ސިއްކަ ޖެއްސެވީ އެބައިމީހުން އަމިއްލައަށް ކާފިރުވުމުންނެވެ. އެއްވެސް ޙާލެއްގައި ﷲ ތަޢާލާ އެމީހުން ކާފިރުންކަމުގައި ލެއްވީއެއްނޫނެވެ. ޤިޔާމަތް ދުވަހުގައި ޢަޛާބަށް ހުށަހެޅެންޖެހެނީވެސް އެމީހަކު އަމިއްލައަށް ކުރި ޢަމަލުތަކެއްގެ ސަބަބުންކަމަށް އަންގަވާފައިވެއެވެ. "އެއީ ތިބާގެ ދެއަތުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ.(ޙައްޖު: 10)

ބަޔާންވެ ދިޔަ ދަލީލުތަކުން އެނގުނުގޮތުގައި؛ މަގުފުރެދިގެން ދިއުމަކީ ކޮންމެ މީހަކުވެސް އަމިއްލައަށް ކުރާ ކަމެކެވެ. ﷲ ތަޢާލާ އެއްވެސް މީހަކު ތެދުމަގުން އެއްކިބާއެއް ނުކުރައްވައެވެ. އެކަން އޮތީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައެވެ. އެމީހަކު އެ އިޚްތިޔާރުކުރާ ނުވަތަ ކުރާނެ މަގާއި އޭނާގެ އެންމެހައި ކަންކަން ވެގެންދާނެގޮތް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ހަމަ މިއާއެކު އެމީހަކު އެ އިޚްތިޔާރުކުރާ މަގަކަށް އެކަލާނގެ އެމީހަކު ގެންދަވާނެތެވެ. ވުމާއެކު، ﷲ އަށް އުރެދި ނުބައިކޮށް އުޅެމުން، މިއީ ތިމަންނާއަށް އިރާދަކުރެއްވި ގޮތޭ ބުނުމުގެ ފުރުޞަތެއް އެއްވެސްމީހަކަށް ނޯންނާނެއެވެ. އެއީ އިހު އުޅުނު ކާފިރުންވެސް ބުނި ބަހެވެ. އެމީހުންނާބެހޭގޮތުން ޤުރުއާނުގައި އައިސްފައިވެއެވެ. "شريك ކުޅަ މީހުން ބުނާނެތެވެ. اللَّه އިރާދަކުރެއްވިނަމަ ތިމަންމެން، އަދި ތިމަންމެންގެ ކާބަފައިންވެސް، شريك އެއް ނުކުޅައީހެވެ. އަދި ތިމަންމެން އެއްވެސް އެއްޗެއް حرام ކޮށެއްވެސް ނުހެދީމުހެވެ. ހަމައެފަދައިން، އެއުރެންގެ ކުރީގެ މީހުން، ތިމަންރަސްކަލާނގެ عذاب ގެ ރަހަ ލިބިއްޖައުމަށްދާނދެން (رسول ން) ދޮގުކުޅައޫވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އަހުރެމެންނަށް ނެރެދައްކައިދޭނޭ އެއްވެސް علم އެއް، ތިޔަބައިމީހުންގެ ކިބައިގައި ވޭހެއްޔެވެ؟ ތިޔަބައިމީހުން تبع ވަނީ، ހީއަކަށް ކަމުގައި މެނުވީ ނުވެއެވެ. އަދި ތިޔަބައިމީހުން ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ ނުވެއެވެ."(އަންޢާމު: 148)

ވީމާ، ޚުޠުބާއާއި ތަޤުރީރުތަކުގައި "ﷲ އިރާދަކުރައްވާ އަޅަކު، މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ތެދުމަގު ދައްކަވަތެވެ." މި ޢިބާރާތް އޭގެ އިތުރު ތަފުސީލެއްނުދީ ގެނައުމަކީ އެދެވިގެންވާ ގޮތެއްކަމަކަށް ނުފެނެއެވެ. އެއީ ﷲ ތަޢާލާއާމެދު ނުވަތަ އިސްލާމްދީނާމެދު މީހުންގެ ހިތުގައި ނުބައި ވިސްނުމެއް އުފެދިދާނެކަމެކެވެ. އެގޮތުން، ތެދުމަގު ލިބުން ނުވަތަ މަގު ފުރެދުމަކީ އިންސާނާއަށް އެއްވެސް އިޚްތިޔާރެއް ލިބިގެންނުވާ، ﷲ ތަޢާލާ އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ނިންމަވާ ކަމެއްގެ ގޮތުގައި ހީވެދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް