ފައިސާ ލިބޭ ލިސްޓުން އެމްއެންޕީ އުނިވެ، ޕީއެންސީ ހިމެނިއްޖެ

ޕީޕީއެމް/ޕީއެންސީގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު: ވެރިކަން ކުރާ ޕީއެންސީއަށް ވަނީ 10،000 އަށްވުރެ ގިނަ މެންބަރުން ރަސްމީކޮށް ހަމަކޮށްފައި --- ފޮޓޯ/ ޕީޕީއެމް

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު 10،000 މެންބަރުން ހަމަވެފައިވަނީ ވެރިކަންކުރާ ޕީއެންސީ ހިމެނޭހެން ހަ ޕާޓީއެއްގެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

އެ ކޮމިޝަނުގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މެންބަރުންގެ އަދަދަށް ބަލައި، 10،000 މެންބަރުންނަށް ވުރެ ގިނައިން މެންބަރުން ތިބޭ ޕާޓީތަކަށް މެންބަރުންގެ އަދަދަށް ބަލައިގެން ދައުލަތުގެ ބަޖެޓުން 0.01 އިންސައްތަ ފައިސާ ދޫކުރަން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓު ފާސްކުރުމުގެ ނިޔަލަށް 10،000 މެންބަރުން ހަމަވެފައިވަނީ ހަ ޕާޓީއެއްގައި ކަމަށެވެ. އެއީ:

  • އެމްޑީޕީ
  • ޕީޕީއެމް
  • ޖުމްހޫރީ ޕާޓީ
  • އަދާލަތު ޕާޓީ
  • އެމްޑީއޭ
  • ޕީއެންސީ

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުކޮށް، ޖުމުލަ 49.9 ބިލިއަން ރުފިޔާގެ ބަޖެޓެއް އިއްޔެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މި އަހަރު ވެސް ޖުމުލަ 36.9 މިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ވަނީ ދޫކޮށްފައެވެ. އެއީ:

  • އެމްޑީޕީ: 14،212،790.92 ރުފިޔާ
  • ޕީޕީއެމް: 9،544،204.46 ރުފިޔާ
  • ޖޭޕީ: 5،680،521.16 ރުފިޔާ
  • އެމްޑީއޭ: 2،591،106.24 ރުފިޔާ
  • އެމްއެންޕީ: 2،434،979.29 ރުފިޔާ
  • އަދާލަތު ޕާޓީ: 2،412،485.93 ރުފިޔާ

މި އަހަރު 10،000 މެންބަރުން ހަމަވި ޕާޓީތަކުގެ ތެރެއިން އަންނަ އަހަރު އެ އަދަދަށް މެންބަރުން ނެތީ އެމްއެންޕީގައެވެ. މި އަހަރު އެ ޕާޓީގައި 10،000 އަށްވުރެ ގިނަ މެންބަރުން ތިބި ނަމަވެސް ރިޔާސީ އިންތިޚާބުގައި ވެސް އެ ޕާޓީއަށް ލިބުނީ 1,907 ވޯޓެވެ.

މިހާތަނަށް ޕީއެންސީއަށް ފައިސާ ލިބިފައެއް ނުވެއެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ކުރީގައި ޕީއެންސީގައި ތިބީ 3،022 މެންބަރުންނެވެ.

comment ކޮމެންޓް