ޕީއެސްޖީގައި ސީޒަން ނިމެންދެން އެމްބާޕޭ މަޑުކުރަން އޮންރީ އެދިއްޖެ

ޕީއެސްޖީގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ -- ފޮޓޯ/ ގެޓީ

ފްރާންސް ތަރި ކިލިއަން އެމްބާޕޭ، މި ސީޒަން ނިމެންދެން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގައި މަޑުކުރުމަށް ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ތިއެރީ އޮންރީ އެދިއްޖެއެވެ.

އުމުރުން 24 އަހަރުގެ އެމްބާޕޭ ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކްލަބަކީ ރެއާލް މެޑްރިޑެވެ. ރެއާލުން ދެ ފަހަރެއްގެ މަތިން އެމްބާޕޭ ގެންދިއުމަށް މަސައްކަތްކޮށްފައިވާ އިރު، ޓްރާންސް އަގެއް ދައްކައިގެން އަންނަ ޖެނުއަރީ ޓްރާންސްފާގައި އޭނާ ހޯދުމުގެ ފުރުސަތު އެ ކްލަބަށް އެބައޮތެވެ. ނަމަވެސް އެމްބާޕޭއަށް މިވަގުތު އެންމެ ރަނގަޅުވާނީ ޕީއެސްޖީއާ އެކު ސީޒަން ފުރިހަމަކުރުން ކަމަށް އޮންރީ ވަނީ ބުނެފައެވެ.

"އަހަރެން މިއީ އެމްބާޕޭ ނަމަ، ޕީއެސްޖީގައި މަޑުކުރާނަން. ފެށި ކަމެއް ނިންމަން ވެސް ޖެހޭނެ. ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އޮއްވައި، ކްލަބު ދޫކޮށްލަންވީ ކީއްވެ؟. އެމްބާޕޭގެ ހިތުގައި ޕީއެސްޖީއާ މެދު ހާއްސަ މަގާމެއް އޮންނާނެ. އަހަރެން ބޭނުންވަނީ ސީޒަން ނިމެންދެން އޭނާ ކްލަބުގައި ހުންނަން،" 'ސީބީއެސް ސްޕޯޓްސް'ގައި ވާހަކަދައްކަމުން އޮންރީ ބުންޏެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކް މިސީޒަނުގެ ނިޔަލަށް ހަމަވާ އިރު، އެ ކްލަބުން ވަނީ ކޮންޓްރެކްޓް އާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މިހާތަނަށް އޭނާ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް އެއްބަސްވެފައެއް ނުވެއެވެ. އެހެންކަމުން ސީޒަން ނިމުމުގެ ކުރިން ކޮންޓްރެކްޓް އާނުކޮށްފި ނަމަ، ޕީއެސްޖީން އެމްބާޕޭ ދޫކޮށްލަން ޖެހޭނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

މީގެ ކުރިން ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، ރެއާލުން އެމްބާޕޭ ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ނިމުމެއް ގެނައުމަށް އެ ކްލަބުން ވަނީ ނިންމައިފައެވެ. ސަބަބަކީ އޭނާގެ މުސާރައާ އެކު ބޮޑު ހަރަދެއް ކުރަން ޖެހޭތީ އާއި އުމުރަށް ބަލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް