ކޭޕާކް ޚިޔާނާތް: މަންޑޭއާއި ޖައިޝާންއަށް 201 ދައުވާ

ކޭޕާކްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) --

ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ކޭޕާކު ފުލެޓުތަކުގެ ޚިޔާނާތުގެ މައްސަލައިގައި ހަސަން މަމްދޫހް (މަންޑޭ)އާއި އޭނާއާ އެކު މަސައްކަތް ކުރި ޖައިޝާން ސައީދުގެ މައްޗަށް 201 ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ، ފުލުހުން އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ގެއްލުން ލިބުނު ކަމަށް ކަނޑައަޅާފައިވާ 51 މީހުންނާ ގުޅިގެން އިއްޔެ ކަމަށެވެ.

މަންޑޭއަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ:

  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ތިން ދައުވާ
  • ޓެކުމުގެ ކުށުގެ 50 ދައުވާ
  • އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާ
  • މަނީ ލޯންޑްރިންގެ ކުށުގެ އެއް ދައުވާ

ޖައިޝާންގެ މައްޗަށް ކުރީ:

  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ
  • ޓެކުމުގެ ކުށުގެ 20 ދައުވާ
  • ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާ
  • އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާ
  • މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ އެއް ދައުވާ

ޕީޖީ އޮފީހުން ބުނީ އެ ދައުވާތަކުގެ ތެރެއިން މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 95 ޕަސެންޓް ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަނޫން ސޮއިކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާތީ ކަމަށެވެ.

ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްއިން އެއް އެޕާޓްމަންޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން ފައިސާ ޓަކައިގަނެފައިވާތީ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އޮޅުވާލުމުގެ ދައުވާކޮށްފައިވަނީ އެއް އެޕާޓްމަންޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކިއިރު އެކަން އެޕާޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ކޭ-ޕާކް ރެޒިޑެންސްގެ 23 އެޕާޓްމަންޓެއް 50 މީހުންނަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ކަމަށެވެ. އެގޮތުން ބައެއް އެޕާޓްމަންޓް ހަ މީހުންނަށްވެސް ވިއްކާފައި ހުރި ކަމަށް ޕީޖީން ފާހަގަކުރިއެވެ.

އެ ދައުވާތަކާ ގުޅިގެން ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް މި ދައުވާތަކުގައި އެދިފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.

ކޭޕާކުގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކާ ފައިސާ ނެގި މައްސަލަ ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފައެވެ.

ކޭޕާކް މައްސަލައިގައި މީގެ ކުރިން މަންޑޭ ހައްޔަރުކުރިއެވެ. އެކަމަކު، މިހާރު އޭނާ ދޫކޮށްލާފައި ހުރީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުއެވެ. މަންޑޭގެ އިތުރުން ޖައިޝާންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.

އެ މައްސަލައިގެ ތަހުގީގަށް މިދިޔަ މަހުގެ 19ގައި ވަނީ މަންޑޭގެ އެޕާޓްމެންޓެއް އެއް އަހަރުގެ މުއްދަތަށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިދިޔަ މަހު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އަށް މިލިއަނެއްހާ ރުފިޔާގެ އަގުބޮޑު އެ ޕެންޓުހައުސްގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގު ބޮޑު މުދާތައް ހުރިކަމަށެވެ.

https://sun.mv/185470

އެ މުދާ އަނބުރާ ހޯދަން މަންޑޭގެ ފަރާތުން ހައިކޯޓަށް މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވެއެވެ.

އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.

އެ ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މަންޑޭ ވަނީ މިހާރު އުފެދިފައިވާ މައްސަލައާ ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައެވެ.

comment ކޮމެންޓް