ރައީސް ވެރިކަން ހޯއްދެވީ ދެ މިލިއަން ރުފިޔާ ހަރަދު ކުރައްވައިގެން

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެމްޕޭންގެ ފަހު ހަރަކާތުގެ ތެރެއިން

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ހަރަދު ކުރެއްވީ ދެ މިލިއަނެއްހާ ރުފިޔާ ކަމަށް، އެ މަނިކުފާނުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ރައީސް މުއިއްޒު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވި މާލީ ބަޔާނުގައި ބުނެފައިވަނީ އިންތިޚާބަށް ލިބުނު ފައިސާގެ ޖުމުލަ އަދަދަކީ 2،115،000 ރުފިޔާ ކަމަށެވެ. ހިސާބުތައް ދައްކާގޮތުން ރައީސް އަމިއްލަފުޅަށް ހަރަދެއް ކުރައްވާފައެއް ނުވެއެވެ.

އިންތިޚާބަށް ލިބުނު ފައިސާ އާއި ލިބުނު ތަކެތީގެ ޖުމުލަ އަގު 21،344،367 ރުފިޔާއަށް އަރާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

އިންތިޚާބާ ގުޅިގެން ރައީސް މުއިއްޒަށް ކުރައްވާފައިވާ ހަރަދު އަރަނީ 100،450 ރުފިޔާއަށެވެ. ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ހަރަދު ކޮށްފައިވަނީ 1،899،000 ރުފިޔާއެވެ.

އެހެންކަމުން މާލީ ބަޔާން ބުނާ ގޮތުން އިންތިޚާބަށް ރައީސް މުއިއްޒު ޖުމުލަ ހަރަދު ކުރެއްވީ 1،999،450 ރުފިޔާއެވެ. ކެމްޕެއިން ނިމުނުއިރު ބާކީހުރީ 115،550 ރުފިޔާއެވެ.

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާގޮތުން، 129،159 ވޯޓާ އެކު 54.04 ޕަސެންޓް ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު ހޯއްދެވިއެވެ. ދެވަނަ ދައުރަކަށް ވާދަ ކުރެއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގަތީ 109،868 ވޯޓާ އެކު 45.96 ޕަސެންޓެވެ.

comment ކޮމެންޓް