ސަލާހުއްދީން ސްކޫލުގެ ކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަނީ

ކުއްޖާގެ ބޯ ކޮށާލާފައި --- ފޮޓޯ/ އާއިލާ

ހުޅުމާލެ ސަލާހުއްދީން ސުކޫލު ގްރޭޑް އެކެއްގައި ކިޔަވަމުންދާ ކުއްޖަކަށް އެ ކުލާހުގައި އުޅޭ ކުދިންގެ ފަރާތުން ބުލީކުރުމާއި ޖިސްމާނީ އަނިޔާތައް ކުރިމަތިވާ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބަލަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި މިކަމުގައި ފިޔަވަޅުއަޅަން ޖެހޭ ފަރާތްތަކަށް އެކަމުގެ ހައްގު އަދަބު ދޭނެ ކަމަށެވެ.

ސަލާހުއްދީން ސުކޫލުގެ ބަހެއް މި މައްސަލައިގައި މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެ ކުއްޖާގެ އާއިލާއިން "ސަން"އަށް މައުލޫމާތު ހިއްސާކުރިގޮތުގައި އެ ކުއްޖާއަށް ކުލާހު ކުދިންގެ ފަރާތުން އުނދަގޫތަކާ ކުރިމަތިވާތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. އެކަމަކު، ސްކޫލުން މި މައްސަލައާ ގުޅިގެން އެދެވޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

ކުއްޖާގެ ސްޓޭޝަނަރީސް ބިންދާފައި --- ފޮޓޯ/ އާއިލާ

އާއިލާއިން ބުނީ އިއްޔެ އެ ކުއްޖާ ސުކޫލުން އައިރު ވެސް ހުރީ ސޯޓާއި ބޮލުގެ ތަންކޮޅެއް ކޮށާލާފައި ކަމަށެވެ.

"މިކަން މި ހިސާބަށް ދިޔުމުން ކުލާސް ޓީޗާރާ ވަގުތުން ބައްދަލުކުރިން. އެކަމަކު ކުލާސް ޓީޗަރު ބުނީ ކުއްޖާގެ ބޯ ކޮށައިލީ އާޓް ގަޑީގައި ކަތުރުން އަމިއްލައަށް ކަމަށް. އަދި ސޯޓު ވެސް ހަލާކު ކޮށްފައި އެ ހުރީ އަމިއްލައަށް ކަމަށް،" އަސަރާ އެކު އިއްޔެގެ ހާދިސާ އާއިލާއިން ހިއްސާކުރިއެވެ.

އަދި، ސްކޫލުގެ އިސްވެރިންނާ ބައްދަލުކުރުމުން ވެސް މި ކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށް އާއިލާއިން ބުންޏެވެ.

ކުއްޖާގެ ސޯޓުގެ ތަންތަންކޮޅު ހަލާކުކޮށްފައި--- ފޮޓޯ/ އާއިލާ

މި ހާދިސާ ހިނގިއިރު ކުލާހުގައި ޓީޗަރެއް ނެތް ކަމަށް އާއިލާއިން ބުންޏެވެ. އަދި، އެ ކުއްޖާއަށް އަނިޔާކުރި ކުއްޖާ ވެސް އެ ކަން ކުރި ކަމަށް އެއްބަސްވެ، އާއިލާއަށް ގުޅައި މާފަށް އެދިފައިވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

"ކުލާހުގެ އެހެން ކުދިންނަށް ވެސް ބުލީ ކުރާ ކުދިންގެ ފުށުން އެކި ވަރުގެ އުނދަގޫ ކުރިމަތިލާން ޖެހޭ ކަމަށް ބެލެނިވެރިން ބުނި،" އާއިލާއިން ހިއްސާކުރިއެވެ.

އާއިލާއިން ބުނީ، ކުއްޖާއަށް އަނިޔާކުރާކަން ފާހަގަކުރެވުނީ ބައެއް ދުވަސްދުވަހު ސްކޫލަށް ދާއިރު ގެންދާ ފަންސޫރާއި ކުލަ ފަދަ ތަކެތި، އަނބުރާ ގެއަށް އަންނައިރު ނުހުންނާތީ ކަމަށެވެ.

"ބައެއް ދުވަސް ދުވަހު އަންނައިރު ހުންނަނީ ފަންސުރު ކޫރު އެޅުވީމަ ފިއްގަނޑު ނަގާފައި. މި ކަހަލަ ކުދި އަނިޔާ ލިބިފައި ހުންނަނީ ކުއްޖާ ސުކޫލުން އަންނައިރު،" އައިލާއިން ފާހަގަކުރިއެވެ.

އެކަމަކުގެ ސަބަބުން ކުއްޖާ ސްކޫލަށް ގެންދަން ވެސް އުނދަގޫވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

މި މައްސަލަ ފެންމަތިވުމުން ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް