ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާ ދޭތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީން) ތަފާތުކޮށް، 'މޮޅުގޮތް' ހަދައިދޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ފަސްޓްލޭޑީއަކަށް ވެވަޑައިގަތުމަށް ފަހުގައި މެޑަމް ސާޖިދާ ވަނީ އެ ކަމަނާ އަދާކުރައްވަމުން ގެންދެވި ސީއެސްސީގެ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް ހަތަރު އަހަރުގެ ޗުއްޓީއެއް ނަންގަވައިފައެވެ. އެކަމަކު، އޭގެ ފަހުން ސިއްހީ ވުޒާރާއާއި އެ ކަމަނާ ވަޒީފާ އަދާކުރައްވަމުން ގެންދެވި މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްއެންޑީއޭ)ގެ އެދުމުގެ މަތިން ކޮންޓްރެކްޓު އުސޫލުން ވަޒީފާ އަދާކުރަން މެޑަމް ސާޖިދާ މި މަހު ހަތްވަނަ ދުވަހު ވަނީ އެއްބަސްވުން ހަދައިފައެވެ.
އެ އެއްބަސްވުމުގެ ދަށުން އެ ކަމަނާ މަހަކު މަސައްކަތް ކުރައްވަނީ 40 ގަޑިއިރެވެ. އަދި، އެ ކަމަނާ އުޖޫރައެއް ބޭނުންނުވި ނަމަވެސް ގާނޫނުން ލާޒިމުކުރާތީ ގަޑިއިރަކަށް 75 ރުފިޔާގެ އުޖޫރައެއް ދޭން ސީއެސްސީން ވަނީ ނިންމައިފައެވެ.
އެ މައްސަލައިގައި ސީއެސްސީން އަމަލުކުރަނީ ގާނޫނާ ހިލާފަށް ކަމަށާއި އެގޮތަށް މަސައްކަތްކުރުމުގެ ހުއްދަ ސާޖިދާއަށް ދެނީ ނުފޫޒާއި ބާރުން ކަމަށް ތުހުމަތު ކުރައްވައި މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބު އަބްދުﷲއެވެ. އޭނާ ވަނީ ސީއެސްސީން 'ރައީސްގެ އަނބިކަނބަލުންނަށް ވީތީ މޮޅުގޮތް' ހަދައިދޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
"އެ ކަމަނާ މަގާމުގެ ނުފޫޒު ބޭނުންކުރެއްވުމުގެ ސަބަބުން އެ ކޮމިޝަނަށް މިނިވަންކަމާ އެކު ގޮތް ނިންމުމަށް ނުކުޅެދިފައިވާކަން އެނގެން އޮތް ހިނދު މިއަދު އެ ކަމަނާއަށް ހާއްސަ ކުރައްވައިގެން ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ސިވިލް ސާވިސް ގަވާއިދު މާނަ ކުރައްވައި، ވަކި ގޮތަކަށް އަމަލު ކުރެއްވުމަކީ ގާނޫނާ ހިލާފު [އަމަލެއް]،" އެ މައްސަލައިގައި ބުނެފައިވެއެވެ.
ޔައުގޫބް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ދޭދޭ މުވައްޒަފުންނާ ދޭތެރޭގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް އެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، މެޑަމް ސާޖިދާއާ ދޭތެރޭގައި ނިންމަވާފައިވާ ނިންމެވުމަކީ ގަވާއިދާ ހިލާފު ނިންމެވުމެއް ކަމަށެވެ.
އަދި، އެ ކަމަނާ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނަންގަވާފައިވަނީ ވެސް ގަވާއިދާ ހިލާފަށް ކަމަށް އެ މައްސަލައިގައި ވަނީ ތުހުމަތުކޮށްފައެވެ.
"އެ ނިންމެވުމަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަނޑައެޅިގެން ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ހ. އަދި 20 ވަނަ މާއްދާއާ ހިލާފު އަމަލެއް ކަމުގައި ވީހިނދު އެ އިދާރާތަކުން ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން ގިނަ އަދަދެއްގެ ސިވިލް ސާވަންޓުންނަށް ނަފުސާނީގޮތުން ކުރާ ނޭދެވޭ އަސަރު ބޮޑުވާނެ ކަމަށް ގަބޫލުކުރެވޭތީ،" މައްސަލައިގައި ބުނެފައިވެއެވެ.
އެހެންވެ، އެ ކުއްލި މައްސަލައިގައި ވަނީ މެޑަމް ސާޖިދާއާ އެކު މި މަހުގެ ހަތްވަނަ ދުވަހު ހެދި އެއްބަސްވުން އުވައިލަން ސިވިލް ސާވިސް ކޮމިޝަނަށް ގޮވާލައިފައެވެ.
ކުއްލި މައްސަލައަށް މަޖިލީހުގެ ބަހުސް ކުރުމާ މެދު މިއަދު ވޯޓަށް އެހުމުން، އެ ވަގުތު ހާޒިރުވެ ތިއްބެވި 25 މެންބަރުންގެ ތެރެއިން 21 މެންބަރުން ވަނީ އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ. މައްސަލައަށް ބަހުސްކުރަން ނުފެންނަކަމަށް ވޯޓުދެއްވީ އެންމެ ހަތަރު މެންބަރުންނެވެ.
މެޑަމް ސާޖިދާއާ ދޭތެރޭގައި ހާއްސަ އުސޫލެއް ގެންގުޅޭ ކަމަށް ބުނެ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަން ވެސް މަޖިލީހަށް ހާޒިރު ކުރިއެވެ. އެ ދުވަހު، އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ފަސްޓްލޭޑީއާ ދޭތެރޭގައި ހާއްސަ އުސޫލެއް ނުގެންގުޅޭ ކަމަށާއި އަމަލުކޮށްފައިވާނީ އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމަށެވެ. އަދި، ވުޒާރާއަކުން މީހެއްގެ ފަންނީ ލަފާ ބޭނުންވާ ކަމަށް އެދުމުން، ގާނޫނާއި ގަވާއިދުގެ ތެރެއިން އެ ފުރުސަތު ދެވެން އޮތްނަމަ އެއީ ރައީސްގެ އަނބިކަނބަލުން ވިޔަސް އެ ފުރުސަތު ދެއްވަން ޖެހޭނެ ކަމަށެވެ.
އެ ދުވަހު ކޮމިޝަނުން ފާހަގަކުރި ގޮތުގައި ސާޖިދާ ފުރަތަމަ ބޭނުންފުޅުވީ މަގާމުގައި ދެމިހުންނާށެވެ. އެކަމަކު، އެ ފުރުސަތު ގަވާއިދުން ނުލިބޭތީ ނުދޭ ކަމަށާއި އަދި ފަސް އަހަރުގެ ޗުއްޓީއެއް ނެގުމުގެ ފުރުސަތު ވެސް އެ ކޮމިޝަނުން ނުދޭކަން ފާހަގަކުރިއެވެ.