އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ސައުދީ އަރަބިއްޔާއިން ކުރާ މަސައްކަތްތަކަށް ރާއްޖެއިން ޝުކުރުއަދާކޮށްފިއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައުދީ ސަފީރު މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީއާ ބައްދަލުކުރެއްވި ކަމަށާއި ފަލަސްތީނާ ގުޅޭ ގޮތުން ރާއްޖެއިން ދެކޭ ގޮތް ސަފީރާ ހިއްސާކުރެއްވި ކަމަށެވެ.
ހަމައެއާއެކު، ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވުމަށާއި އެ ސަރަހައްދަށް އެހީ ފޯރުކޮށްދެވޭކަން ކަށަވަރު ކުރުމަށް ސައުދީން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވި ކަމަށް ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއާއި ސައުދީގެ ގުޅުން ވަރުގަދަ ކުރުމަށް ރާއްޖެއިން އަބަދުވެސް ބޭނުންވާކަން ފާހަގަކުރައްވައި، އެގައުމުން ރާއްޖޭގެ ތަރައްގީއަށް ކޮށްދޭ މަސައްކަތްތަކަށް ވެސް ޝުކުރު އަދާކުރެއްވި ކަމަށް ޒަމީރު ވިދާޅުވިއެވެ. އެގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމަށާއި ސަލްމާން މިސްކިތް ބިނާ ކުރުމަށް ސައުދީން ވެދިން އެހީ ޚާއްޞަކޮށް ފާހަގަކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ ޒަމީރު ވަނީ، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހޫގޯ ޔެންއާ ވެސް ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ، ޣައްޒާއަށް ހަމަލާ ދިނުން ހުއްޓުވުމަށް ގޮވާލައި އދ.އަށް ހުށަހެޅި ގަރާރު އެގައުމުން މިދިޔަ ހުކުރު ދުވަހު ވީޓޯކޮށްފައިވާތީ ރާއްޖެއިން ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.
އިސްރާއީލުން އޮކްޓޯބަރު ހަތެއްގެ ފަހުން މިހާތަނަށް ޣައްޒާއަށް ދިން ހަމަލާތަކުގައި ޣައްޒާއިން 18,200އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 7،700އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.