ޣައްޒާ ގަރާރާ ދެކޮޅަށް ދިން ވޯޓާ ގުޅިގެން ރާއްޖޭގެ ނުރުހުން އެމެރިކާއާ ހިއްސާކޮށްފި

ފޮރިން މިނިސްޓަރު ޒަމީރާއި އެމެރިކާގެ ސަފީރު ހޫގޯ ޔޮން ބައްދަލުކުރައްވަނީ-- ފޮޓޯ/ޒަމީރު

އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރާ ދެކޮޅަށް އެމެރިކާއިން ވޯޓް ދީފައިވާތީ، އެކަމުގެ ނުރުހުން ރާއްޖެއިން އެމެރިކާއާ ހިއްސާކޮށްފިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހޫގޯ ޔެންއާ ބައްދަލުކުރައްވައި، ވޯޓު ދިނުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރެއްވުމުގެ އިތުރުން، ހަމަލާތައް ވަގުތުން މެދުކަނޑާލުމަށް ގޮވާލެއްވި ކަމަށެވެ. އަދި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގުތައް ހުޅުވުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދިފާއީ ގޮތުންނާއި ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ އެއްބާރުލުން އިތުރު ކުރުމަށާއި ދެ ގައުމުގެ ރައްޔިތުންގެ ގުޅުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ސަފީރާ މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު އެމެރިކާއިން ވީޓޯ ކުރީ މިދިޔަ ހުކުރު ދުވަހުއެވެ.

އެ ގަރާރުގައި ގޮވާލާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ލަޝްކަރުތަކުން ޣައްޒާއާ ދެކޮޅަށް ދެމުންގެންދާ ހުރިހާ ބާވަތެއްގެ ހަމަލާތަކެއް މިހާރުން މިހާރަށް ހުއްޓާލުމަށެވެ. އަދި ހަމާސް އާއި އިސްރާއީލާ ދެމެދުގައިވާ އަސީރުންގެ މައްސަލަ އެއްބަސްވުމެއްގެ ދަށުން ހައްލުކުރުމަށް ވެސް އެ ގަރާރުގައިވެއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އެދިިވަޑައިގަތުމަކަށް ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިސްވެ އޮވެގެން ސަލާމަތީ މަޖިލީހަށް ހުށަހެޅި އެ ގަރާރަށް އެ މަޖިލީހުގައި ހިމެނޭ 15 ގައުމުގެ ތެރެއިން 13 ގައުމަކުން ތާއީދުކުރިއެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ ހަމައެކަނި އެމެރިކާއިންނެވެ.

އިސްރާއީލުން އޮކްޓޯބަރު ހަތެއްގެ ފަހުން މިހާތަނަށް ދިން ހަމަލާތަކުގައި ޣައްޒާއިން 17،900އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 7،700އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

comment ކޮމެންޓް