ހައިކޯޓުގެ މުވައްޒަފުންނަށް ބޭއްވި ދިވެހިބަހުގެ ޚާއްޞަ ކޯސް ނިންމައިލައިފި

ހައިކޯޓުގެ މުވައްޒަފުންނަށް ބޭއްވި ދިވެހިބަހުގެ ޚާއްޞަ ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުން --- ސަންފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ހައިކޯޓުގެ މުވައްޒަފުންނަށް ބޭއްވި ދިވެހިބަހުގެ ޚާއްޞަ ކޯސް މިއަދު ނިންމައިލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީގައި ކުރިއަށް ގެންދިޔަ އެ ކޯސް ނިންމުމުގެ ގޮތުން އެ އެކެޑަމީގައި ބޭއްވި ރަސްމިއްޔާތުގައި، އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ ދިވެހިބަސް ބޭނުންކުރުމުގައި އިމްލާ ކުށް ބޭނުންކުރުން މަދުކުރުމަށް އިސްކަން ދޭންޖެހޭ ކަމަށެވެ. އެގޮތުން ލަފުޒު ބޭނުންކުރާއިރު ބޭނުންކުރާނީ ދިވެހިބަހުގެ ރަދީފުގައި އޮތް ގޮތަށް ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

ހަމައެއާއެކު ބަހަކީ ޒަމާނާއެކު ބަދަލުވަމުން އަންނަ އެއްޗެއްކަން ޑރ. އަޝްރަފް ފާހަގަކުރެއްވިއެވެ.

އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ---- ސަންފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

މުޖުތަމައުގައި ބޭނުންކުރަނީ އާ ޚިލާޔުތަކާއި އާ ފިކުރުތައް ކަމަށާއި އެކަމުގެ ސަބަބުން ދިވެހިބަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

ޒަމާނަށް އަންނަ ބަދަލާއެކު ރަސްމީ ލިޔުންތައް ލިޔާއިރު ދިވެހި ބަހުގެ އެކެޑަމީން ނިންމާފައި އޮންނަ އުސޫލަތަކަށް ތަބާވުމަށް އިސްކަމެއް ދިނުމަށް ޑރ. އަޝްރަފް އެދިވަޑައިގަތެވެ،

"ތިބޭފުޅުން ތި ނިންމަވާ ދެއްވަނީ ބައެއްގެ ދިރިއުޅުމުގެ ސަފުހާތަކެއް. އެހެންވެ ކޮންމެ ސުކުނެއްވެސް ލިޔުންތަކުގައި ވަރަށް މުހިންމު،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު ފަށައި، ޖުމްލަ 10 ގަޑިއިރަށް ކުރިއަށްގެންދިޔަ އެ ކޯސް ފުރިހަމަކޮށް، 41 ބައިވެރިން ކޯހުގެ ސެޓްފިކެޓް ހާސިލުކުރިއެވެ.

ކޯސް ނިންމުަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

އެ ކޯހުގެ ބައިވެރިންނަށްވަނީ އިއުލާން ލިޔާނެ ގޮތާއި ސިޓީ ލިޔާނެ ގޮތާއި އިބާރާތްކުރާނެ ގޮތް ދަސްކޮށްދީފައެވެ.

މިފަދަ އިތުރު ކޯސްތައް ކުރިއަށް ގެންދިޔުމަށް ހައިކޯޓުން އެދިފައިވާކަން ފާހަގަކުރައްވައި ޑރ. އަޝްރަފް ވިދާޅުވީ އެކެޑަމީން އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

comment ކޮމެންޓް