ރައީސްގެ ޚާއްޞަ އެޑްވައިޒަރު އަބްދުއްރަހީމް އަނެއްކާވެސް ފޮނަދޫ ދާއިރާއަށް ވާދަކުރައްވަނީ

ސެޕްޓެމްބަރު 25، 2023: ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީ ދޫކުރެއްވުމަށް ފަހު ޕީޕީއެމާ ގުޅިވަޑައިގަތުން -- ފޮޓޯ/ ޕީޕީއެމް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްޞަ އެޑްވައިޒަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ޢަބްދުﷲ އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އަނެއްކާވެސް ވާދަކުރައްވާނެކަަން އިއުލާން ކުރައްވައިފިއެވެ.

އަބްދުއްރަހީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލ. ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް ނިންމަވާފައިވާ ކަމަށާއި އެ ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތާއީދަށް އެދިއްލަވާ ކަމަށެވެ.

ފޮނަދުއަށް އުފަން އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދެ ދައުރުގައި އެ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.

އޭނާ މި ދައުރަށް ވެސް ފޮނަދޫ ދާއިރާއަށް ވާދަކުރެއްވި ނަމަވެސް، އެ އިންތިޚާބުން ކުރި ހޯއްދެވީ އޭރުގެ އެމްޑީޕީގެ ކެންޑިޑޭޓު މޫސާ ސިރާޖެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރޭގައި ސިރާޖު ވަނީ އެމްޑީޕީ ދޫކުރައްވައި، ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މި މަހު އޭނާވަނީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުގެ ގޮތުގައި ހަމަޖައްސާފައެވެ.

ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރެއްވި އަބްދުއްރަހީމް އެ ޕާޓީން ވަކިވީ ޕީއެންސީ އުފެއްދުމަށް 2018ގައެވެ. ޕީއެންސީ އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި އެ މަނިކުފާނުގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެ، ޕީޕީއެމްގެ މިލްކުވެރިކަމާ މެދު ގާނޫނީ ބަހުސެއް އުފެދުމުންނެވެ.

މިދިޔަ ރިޔާސީ އިންތިޚާބަށް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި އެ ކޯލިޝަންގެ ކުރީގެ ލީޑަރު ޔާމީން ހަމަޖައްސާފައި އޮތް ނަމަވެސް، އެ މަނިކުފާނަށް ވާދަ ނުކުރެއްވިދާނެ ހާލަތަކަށް ބަލައި ޕީއެންސީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް މުއިއްޒަށް ޓިކެޓް އެރުވިއެވެ.

ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެ މަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ފަހުން، ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އަބްދުއްރަހީމް އިސްކޮށް ހުންނަވައި، އެ މަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވިއެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެ މަނިކުފާނާއި ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުން ރައީސް ޔާމީނާ ގުޅުން ކަނޑާލާފައިވާ ކަމަށް ރައީސް ޔާމީންގެ އަރިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ހުވާކުރެއްވިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.

comment ކޮމެންޓް