އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް ވިދާޅުވީ 2021ވަނަ އަހަރުން ފެށިގެން މިހާތަނަށް، ކެމިކަލް ހިމެނޭ 3،100 އެލާގޯ ބޭސް ފުޅި އެތެރެކޮށްފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.
ކެމިކަލްތަކެއް ހިމެނޭކަމަށް ބުނެ ގިނަ އަދަދެއްގެ ބޭސް މަނާކުރުމާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް ބުނީ ދެ އަހަރު ތެރޭ 3،100 ފުޅި އެތެރެކުރެވުނުކަމަށެވެ.
ނަމަވެސް އެ ބޭސް ބޭނުންކުރުން ހުއްޓައިލަން އެންގުމާއެކު މިހާތަނަށް ހުރިހާ ފާމަސީއަކުން ވެސް އެ ބޭސް ނަގައިފައިވާކަން ކަށަވަރު ކުރެވިފައިވާކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
ނަމަވެސް ހުރިހާ ފާމަސީއަކުން ބޭސް ނެގިއިރު އެއީ ޖުމްލަ ކިތައް ފުޅިކަން އަދި ދަންނަވަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ހުރި ޓެސްޓިން ނިޒާމުގައި މި ކެމިކަލްއަށް ޓެސްޓުކުރުމުގެ ކެޕޭސިޓީ ނެތްކަމަށެވެ. އެއީ ވަަރަށް އަގުބޮޑު މެތަޑަކުން ކުރާ ޓެސްޓަކުން ދެނެގަނެވޭ ކެމިކަލެއްކަމަށް ކޮމިޓީގައި ވާހަކަދެއްކި ސީނިއާ ފާމަސިސްޓް ވިދާޅުވިއެވެ.
ދެހާސް ބާވީސްވަަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވެސް މި ބޭސް ބޭނުންނުކުރުމަށް އިންޒާރު ދީފައެވެ. އެއީ ބައެއް ގައުމުތަކުން އެ ބޭސް ބޭނުންކޮށްގެން ލިބުނު ގެއްލުންތައް ރިޕޯޓުކުރުމުންނެވެ.
ނަމަވެސް އެހާތަނަށް ވެސް ރާއްޖެއަށް އެ ކަމުގައި ސީދާ ޔަގީންކަމެއް ނުލިބުނީ އެއީ ރާއްޖޭގައި ހުރި ބޭސް އުފެއްދި ކުންފުނީގެ ބޭސްތަކަކަށް ނުވުމުންކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުރި ބޭހުން ނަތީޖާއެއް ނުލިބުނީ ޓެސްޓް ކުރުމުގެ ހަރުދަނާ ނިޒާމެއް ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ.
"2023ވަނަ އަހަރުގެ 31 އޮކްޓޯބަރުގައި ޑަބްލިއުއެޗްއޯއިން އަޅުގަނޑުމެން މިހާރު މި ޓެސްޓުކުރާ މެތަޑް ޕަބްލިޝްކުރެއްވީ. އަޅުގަނޑުމެން ޓެސްޓިން ސްޓާޓްކޮށްފިން ހައެއް ނޮވެމްބަރުގައި. އަޅުގަނޑުމެން އެ ހުރިހާ ދުވަހު މެތަޑެއް ނެތިގެން އަޅުގަނޑުމެން ބޮޑަށް ފޯކަސްކުރީ ރާއްޖޭގެ ސަވަލެންސްއަށް މާކެޓަށް މިއިން އެއްވެސް ޕްރޮޑަކްޓެއް އަޔަ ނުދިނުމަށާއި އަޅުގަނޑު ކުރިން ފާހަގަކުރި ގޮތަށް އިމްޕޯޓުކުރާއިރު މި ބޭސްތައް ރިޒަލްޓާ އެކީގައި ރާއްޖެ އެތެރެކުރުމަށް،" އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުގައި އުފައްދާ މި ބޭސް މަނާކުރީ ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހުރިކަން ފާހަގަކުރެވިފައިވާކަމަށް ބުނެއެވެ.
އެ މާއްދާގެ ސަބަބުން ވިހަވެ، މަރުވުމާއި ސިއްހީގޮތުން އެ ނޫން ނުރައްކާތަކާ ކުރިމަތިވެއެވެ.