ފުރާނައަށް ނުރައްކާ ބޭސް ވިއްކާއިރު އެކަން ބެލޭނެ ގޮތެއް ނެތް!

އެޕްރޫވްޑް ޑްރަގް ލިސްޓެއްގައި ބޭސްތަކެއް އެތެރެކުރުމުގެ ހުއްދަ ދީފައި އޮތަސް، ރާއްޖޭގައި ބޭސް ޓެސްޓުކުރެވޭނެ ނިޒާމެއް ނެތެވެ. -- ސަން ގެރެފިކްސް/ އިބްރާހިމް ފަހީމް

ހަމަ މިހާރު ތި ކާން ގެންގުޅޭ ބޭސްތައް ކެއުން ހުއްޓައިލާށެވެ! ތީގައި ވެސް ނުރައްކާތެރި ކެމިކަލެއް ނުވަތަ ވިހައެއް ހުރެގެން ހަމަ މިއަދު ވެސް ބޭނުންކުރުން ހުއްޓައިލަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގަފާނެއެވެ.

ނުރައްކާތެރި ކެމިކަލާއި ވިހަ ހުރިކަމަށް ފާހަގަވާކަމަށް ބުނެ އެ ފަދަ އެތައް ބޭހެއް ބޭނުންކުރުން ހުއްޓަައިލަން މި ފަހުން އެ އޮތޯރިޓީން އެންގިއިރު އެއީ ދިވެހީން އެ ބޭސް ބޭނުންކުރަމުން އަންނަތާ އެތައް ދުވަހެއް ވީ ބޭހެކެވެ. ހަމަ ބޭނުންކޮށްކޮށް ތިއްބައި ބޭހަކުން ފުރާނައަށް ގެއްލުންހުރި މާއްދާއެއް ފާހަގަވީމާ މިއީ ދެން ކިހާ ބޮޑު ކަންބޮޑުވުމެއް ހެއްޔެވެ؟ މި ބޭސްތައް އެތެރެކުރާއިރު އެ ވަރު ނުބަލަނީ ހެއްޔެވެ؟ ނުވަތަ މިއީ ފަރުދާގެ ފުރަގަހުގައި މި ދާއިރާގެ ވިޔަފާރިވެރިންގެ ޖީބަށް ބަރުުކުރަން ގަސްތުގައި ހަމަ ދޫކޮށްލައިފައި އޮތް ކަމަކީ ބާވައެވެ؟

ޔަގީންވާ އެއްކަމެއް މިހާރު އެބައޮތެވެ. އެއީ މި ރާއްޖޭގެ ފާމަސީތަކުގައި ވިއްކަން މިހުރީ އެންމެ އާދައިގެ، ދަށް ކޮލިޓީ ބޭސްކަމެވެ.

އެޕްރޫވްޑް ޑްރަގް ލިސްޓެއްގައި ބޭސްތަކެއް އެތެރެކުރުމުގެ ހުއްދަ އޮތެއް ކަމަކު، މިއިން އެއްވެސް ބޭހަކީ ރާއްޖެ އެތެރެކުރުމަށްފަހު، އޭގައި ވިހައެއް ނުވަތަ އެ ނޫން ގެއްލުންކުރަނިވި ބާވަތެއް ހުރި ބޭހެއްތޯ ދިވެހި އިދާރާތަކަށް ކަށަވަރުނުވާ ބޭސްތަކެކެވެ.

އެސްޓީއޯ ބޭސް ފިހާރައެއް -- ސަން ފައިލް ފޮޓޯ

ފުލުފުލުގައި ގިނަ ބޭސްތަކެއް މަނާވުމާއެކު އިންތިހާ ކަންބޮޑުވުން

މާ އާދަޔާ ޚިލާފު ބޮޑު ކަމަކަށް މި ފަހުން ފާހަގަވީ ކުއްލިއަކަށް ބޭނުންކުރަމުން އައި ބޭސްތަކެއް މަނާކުރީމައެވެ. މިއީ މިހާރު ވެސް ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ބޭސްތަކެކެވެ. ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހުރިކަން ފާހަގަކުރެވިގެން ގިނަ އަދަދެއްގެ ބޭސް ބޭނުންކުރުން ހުއްޓައިލިއިރު މިއީ ހައްތަހާ ވެސް ކުޑަކުދިންގެ ބަލިތަކަށް ދޭން ވެގެން ބޭނުންކުރި ބޭސްތަކެވެ. ފުރާނަ ސަލާމަތް ކުރުމަށް އެ ކުދިން ބޭނުން ކުރަމުން އައި ބޭސްތަކުން ފުރާނައަށް ނުރައްކާ ވަނީއެވެ.

ކުއްލި ގޮތަކަށް ބޭސްތައް ބޭނުންކުރަން ހުއްޓަން އެންގުންވީ ގިނަ ބައެއްގެ ބޮޑު ކަންބޮޑުވުމަކަށެވެ.

https://sun.mv/185477

"އަޅުގަނޑު މީގެ ހަފުތާއެއްކުރިން ދަރިފުޅަށް އެލާގޯ ސިރަޕް ދޭން ފެށީ. ދެން އެކަމު ހަމަ ކުއްލިއަކަށް ނޫސްތަކުން ފެނިއްޖެ އޭގައި ފުރާނައަށް ގެއްލުން ހުރި ކެމިކަލެއް ހުރީމާ ބޭނުންކުރުން ހުއްޓައިލާށޭ. ބަލަ އެއިރު މީތި ބޭނުންކޮށް ނިމުނީއޭ މި. ދެން އަަޅުގަނޑު ކިހިނެއް ދަރިފުޅަށް ހަދާނީ،" ކަންބޮޑުވުމާއެކު އާންމު ރައްޔިތެއްކަމަށްވާ ފާތިމަތު އަހްމަދު އޭނާގެ ވާހަކަ "ސަން"އާ ހިއްސާކުރިއެވެ.

މީގެ އިތުރުން ވެސް ރާއްޖެ އެތެރެކުރާ ބޭސްތަކުން މި ފެންމަތިވާ މައްސަލަތަކުގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަ އެތައް ބަޔަކު އެބައުޅެއެވެ. އެގޮތުން އެ ފަދަ ބޭސްތައް އެތެރެވާއިރު ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ހަމަ ނޭނގެނީތޯއާއި ކޮންމެ ކަމެއްގައި ވެސް ބޭރުގެ އެޖެންސީއަކުން އެލާޓެއް ނެރެ އަންގަންދެން ބަރޯސާވަނީތޯ، މިއީ އާންމުން ޖަވާބު ބޭނުންވާ ސުވާލުތަކެވެ.

"މި ދެން ކިހާ ބޮޑު ނުރައްކަލެއް. އަހަރުމެން މި ލެބޯޓްރީއެއްގައި ޓެސްޓުކުރަން ބައިތިއްބާފައި ތިބޭ 'ލެބް ރެޓް'ތަކެއް ނޫންދޯ. އެ އެތެރެކޮށް، ބޭނުންކޮށް، ބަޔަކު ނުރައްކަލަށް ކިރިޔަ ކިރިޔަ ހުށަނޭޅެނީސް މި ބުނަނީ ހުއްޓައިލަން،" އިތުރު ރައްޔިތަކު ކިޔައިދިނެވެ.

މިއީ އިންތިހާއަށް ކަންބޮޑުވުން ހުރި ކަންކަމެކެވެ. މިފަދަ އެތައް ކަންބޮޑުވުމެއް އެބަހުއްޓެވެ.

ރާއްޖެ އެތެރެކުރާ ބޭސް ޓެސްޓުކުރެވޭނެ ގޮތެއް ނެތް!

ރާއްޖެ އެތެރެކުރާ ބޭހުގައި ހުންނަ ކޮލިޓީ ބަލައި، އެ ބޭހުގައި ނުރައްކާތެރި މާއްދާތަކެއް ހުރިތޯ, ނެތްތޯ ޔަގީންކުރުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ޒިންމާއެކެވެ.

ނަމަވެސް މި ރާއްޖޭގައި ބޭސް ޓެސްޓުކޮށްލާނެ ނިޒާމެއް ގާއިމުކުރެވިފައެއް އަދި ނުވެއެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ނަތީޖާއަކަށް ވަނީ އަވަށްޓެރި ގައުމަކުން އެ ބޭހެއް ވިއްކަން ހުއްދަ ދޫކޮށްފައި ހުރިއްޔާ ރާއްޖޭގައި ވެސް އެ ބޭހެއް ވިއްކަން ހުއްދަ ދިނުމެވެ. އެކަމަކު، އެ ފަދައިން ނިންމާ ނިންމުންތަަކަށް އާންމު ރައްޔިތުންގެ އިތުބާރު އެއްގޮތަކަށް ވެސް ހައްގު ނޫންކަން މި މަދު ދުވަސްކޮޅުގެ ތެރޭގައި ހާމަވެއެވެ.

މި ކަމާ ގުޅޭގޮތުން މެޑިކަލް ޑައިރެކްޓަރު ޑރ. އުސާމާ އަލީ އުމަރު "ސަން"އަށް ވިދާޅުވީ، އެމްއެފްޑީއޭގައި ބޭސް ޓެސްޓުކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތުމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ.

އެގޮތުން އެ ބޭހެއް އެތެރެކޮށް ރޭންޑަމް ސާމްޕަލް ނަގައި އެ ބޭހެއްގެ އިފެކްޓިވް އިންގްރީޑިއަންޓް ނުވަތަ އަސަރުކުރުވާ ބާވަތް ދެނެގަނެ ޓެސްޓުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އުސާމާ ވިދާޅުވިއެވެ. އަދި ބޭހުގައި ހިމެނެންވީ މާއްދާތައް ހުރީ ރަނގަޅު މިންވަރަށް، ރަނގަޅު މިންގަނޑުގައިތޯ ވެސް ޔަގީންކުރަން ޖެހެއެވެ.

އެމްއެފްޑީއޭ ހިންގާ އިމާރާތް --

އެ ކަމަކު މިއިން އެއްކަމެއް ކުރެވޭ ފެންވަރު ވެސް އެމްއެފްޑީއޭގައި ނެތެވެ. އެހެންވީމާ ޖެހެނީ ކަނު ލޮލަކުން، ހިތުލަފައަށް ނިންމާ ނިންމުމެއްގައި ބޭސްތަކެއް ބޭނުންކުރުމުގެ ހުއްދަ ދޭށެވެ.

"އެފަދަ ފެސިލިޓީތައް، ލެބޯޓަރީތައް ގާއިމްކުރެވިފައި ނުވާތީ މި ކަހަލަ ކަންތައްތައް މި ގޮތަށް ދިމާވަނީ. އެހެންވެ ހަދާ އެއް ގޮތަކީ ބޭރު އެހެން ގައުމުތަކުގައި މިސާލަކަށް އެ ގައުމުގައި ސެޓިފިކޭޝަނެއް ހުރިއްޔާ ނޫނީ އެ ގައުމުގައި ބޭސް ވިކިފައި ހުރީ ވެއްޖެއްޔާ މި ތަނުގައި އެ ބޭސް ދޫކުރުން،" އުސާމާ ވިދާޅުވިއެވެ.

ރާއްޖޭގައި، ރާއްޖެ އެތެރެކުރާ ބޭސް ޓެސްޓުކުރެވޭނެ ނިޒާމެއްް ގާއިމުކުރުމަކީ ހަމަ މިހާރުން މިހާރަށް ސަރުކާރުން އެންމެ އިސްކަންދީގެން ކުރަންޖެހޭ މަސައްކަތްކަން މި ކަމުން އެބަ ހާމަވެއެވެ. މިއީ ދަށް ފެންވަރުގެ ބޭހުން، ދިވެހިންގެ ފުރާނަ ނުރައްކަލަށް އެއްލައިލައިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ކޮންމެހެން މުހިންމު ކަމެކެވެ.

ހާމަވީ ކޮލިޓީއެއް ނެތް އަގުހެޔޮ ދަށްފެންވަރު ބޭސްކަން!

މި ފަހުން ބޭނުންކުރަން މަނާކުރި ބޭސްތަކުން ހާމަވާ ދެ ކަމެއް އެބައޮތެވެ. އެ ބޭސްތަކަކީ ގިނަ ދުވަހަށް، އޭގެ މުއްދަތު ހަމަނުވެ ބެހެއްޓުމަށް ޓަކައި ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް އަގުހެޔޮ ކެމިކަލް ބޭނުންކޮށްފައި ހުރި ބޭސްތަކެއް ކަމެވެ.

އެގޮތުން އެމެރިކާގެ، ޓެނެސީގައި ހުންނަ ވެންޑާ ބިލްޓް ޔުނިވާސިޓީން އާންމުކޮށްފައިވާ މައުލޫމާތެއްގައިވާ ގޮތުން ޑައިތަލީން ގްލައިކޯލާއި އިތެލީން ގްލައިކޯލަކީ ނުރައްކާތެރި ވިހަ މާއްދާއެކެވެ. އާންމު ގޮތެއްގައި މިއީ ގަރާޖުތަކުން ފެންނަ މާއްދާއެއްކަމަށް ވެސް އެ މައުލޫމާތުގައިވެއެވެ.

ވެންޑާ ބިލްޓް ޔުނިވާސިޓީން އާންމުކޮށްފައި ހުރި މައުލޫމާތު --

ހަމައެއާއެކު އެ މާއްދާގެ ސަބަބުން ވިހަވެ، މަރުވުމާއި ސިއްހީގޮތުން އެ ނޫން ނުރައްކާތަކާ ކުރިމަތިވެފައިހުރީ އެ މާއްދާ، ބޭހުގައި ހިމަނަންޖެހޭ ވިހަ ނޫން ގްލައިކޯލްގެ ބަދަލުގައި އަގުހެޔޮކޮށްލުމުގެ ގޮތުން ބޭނުންކޮށްފައި ހުރުމުންކަމަށް ވެސް އެ މައުލޫމާތުން ހާމަވެއެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން އާންމުކޮށްފައިވާ މައުލޫމާތެއްގައިވާ ގޮތުން އިތެލީން ގްލައިކޯލަކީ އެންޓި ފްރީޒާއި، ހައިޑްރޯލިކް ބްރޭކް ފްލުއިޑްސް، ގަލަމު ދެއްޔާއި، ޕްލާސްޓިކާއި ކޮސްމެޓިކުގެ ބާވާތްތަކުގައި ހިމެނޭ މާއްދާއެކެވެ.

ވަރަށް ސާފެވެ. އަގުހެޔޮ ކެމިކަލް ބޭނުންކުރުމުން ބޭހުގެ އަގު ހެޔޮވެއެވެ. އަދި ކޮލިޓީ ގެއްލޭހެން އުފައްދައިފައި ހުންނަ އެ ފަދަ އަގުހެޔޮ ބޭސް ރާއްޖެ އެތެރެކޮށް، ބޮޑު އަގުގައި ވިއްކުމުގެ ފުރުސަތު، މެޑިކަލް ދާއިރާގެ ވިޔަފާރިވެރިންނަށް މި އޮތީ ހުޅުވައިލެވިފައެވެ. މިއީ ހެޔޮ އަގުގައި ބޭސް އެތެރެކޮށް ބޮޑު އަގުގައި ވިއްކުމަށް ސަރުކާރުން މަގުފަހިކޮށްދީފައި އޮތް ކިހާ ބޮޑު ވިޔަފާރިއެއް ހެެއްޔެވެ!

ރަނގަޅު ނިޒާމެއްގެ ތެރެއިން ބޭހުގެ ކޮލިޓީއާއި ފެންވަރު ކަށަވަރުކުރެވެން ނެތްހާ ހިނދަކު މި ވިޔަފާރި އޮންނާނީ މި ގޮތަށެވެ. ފުރާނައަށްވުރެ އިސްކަން ދޭނީ ފައިސާއަށެވެ. ތަންމިނަށް ހުޅުވިފައި އޮންނާނީ ކޮރަޕްޝަނަށެވެ.

އަވަސް ހައްލު ކޮންމެހެން މުހިންމު

ކޮލިޓީ ކަށަވަރުކޮށް، ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމުގައި އިދާރާތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭން މިވަނީ ޖެހިފައެވެ. ޚާއްސަކޮށް މައްސަލަތައް ފެންމަތިވި ބޭސްތައް އުފައްދާ ގައުމުތަކާއި ކުންފުނިތަކުގެ ބޭސް އެތެރެކުރުވުން މަނާކޮށް ދުނިޔޭގެ ފެންވަރުގައި ވެސް އިތުބާރު ލިބިފައިހުރި ކުންފުނިތަކުން އުފައްދާ ބޭސް އެތެރެކުރަން ބާރު އަޅަން ޖެހެއެވެ.

ކޮންމެ ކޮންމެ ގައުމެއްގެ، ހަމަ ކުންފުންޏަކުން އުފައްދާ ބޭހެއް އެތެރެކުރުމުގެ ހުއްދަ ދީގެން ނުވާނެއެވެ. ބޭހުގެ ވިޔަފާރިކުރެވޭނެ ގައުމުތަކާއި ކުންފުނިތައް ބަޔާންކުރާ 'އެޕްރޫވްޑް ޑްރަގް' ލިސްޓު ގަވައިދުން ރިވިއުކުރުން މުހިންމެވެ.

މީގެ އިތުރުން ބޭހާ ބެހޭ ގަވައިދުގައިވާ ގޮތަށް ގަނޑުކޮށް، އަދި ވަކިން ވިއްކަން ރާއްޖެ އެތެރެކުރާ ބޭހެއްގައި ދިމާވާ މައްސަލަތަކުގެ ފުރިހަމަ ޒިންމާ އެ ބޭސް އެތެރެ ކުރި ފަރާތަކުން އުފުލާތޯ ޔަގީންކޮށް، އަދަބު ދިނުމަކީ ކުރަންޖެހޭ ކަމެކެވެ.

މި ކަންބޮޑުވުންތަކާ ގުޅޭގޮތުން ހެލްތް މިނިސްޓްރީއާއި އެމްއެފްޑީއޭގެ ބަހެއް ހޯދުމަށް ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެ ފަރާތުން ޖަވާބެއް ދީފައެއް ނުވެއެވެ.

އާންމު ސިއްހަތާ ގުޅުންހުރި މި ފަދަ ސީރިއަސް ކަންކަމަކީ ދޫކޮށްލެވޭވަރު ކުދިކުދި ކަންކަމެއް ނޫނެވެ. ބަލި ރަނގަޅުކުރަން ބޭނުންކުރާ ބޭހުގެ ކޮލިޓީ ދަށްވެ، އެހެން ނުރައްކާތެރި ބައްޔަކަށް ހުށަހެޅުނީމާ މާ ގެއްލުން ބޮޑެވެ. އެހާ ހިސާބުން އެ ގެއްލެނީ ސިއްހީ ނިޒާމާމެދު އާންމުންކުރާ އިތުބާރެވެ.

comment ކޮމެންޓް