އެންމެ ފަހުގެ އަމިއްލަ ސިއްހީ މައުލޫމާތު ޑިޖިޓަލްކޮށް ބަލައިލެވޭގޮތަށް މޯލްޑިވްސް އިންޓެގްރޭޓޭޑް ހެލްތް އިންފޮމޭޝަން ސިސްޓަމް (މިހިސް) ޕަބްލިކް ޕޯޓަލް އިފްތިތާހުކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ، މިއަދު އެ ކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މިއީ ހެލްތު މިނިސްޓްރީއާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން އިފްތިތާހު ކުރެވުނު ޕޯޓަލެކެވެ.
"މިހިސް ޕޯޓަލް" ގާއިމުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ މައުލޫމާތުު އެއްކުރުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކުގައި ހިމެނޭ މައުލޫމާތު އެއްހަމަކޮށް، ސިއްހީ މައުލޫމާތު ހާމަކަންބޮޑު ގޮތެއްގައި ރައްކާތެރިކަމާއެކު، އަދި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
މި ޕޯޓަލްގައި އަންނަ ޖެނުއަރީން ފެށިގެން އުފަންވާ ތުއްތު ކުދިންނަށް ދެވޭ ވެކްސިންގެ މައުލޫމާތު ފެންނަން ހުންނާނެއެވެ. އެ ގޮތުން ޑިޖިޓަލް ވެކްސިނޭޝަން ކާޑާއި، ހެދިބޮޑުވުމުގެ ޗާޓާއި، ހެދިބޮޑުވަމުންދާ މިންވަރު ދެނެގަނެވޭނެ ހަރުފަތްތަކާއި، ކުއްޖާއަށް ދެވޭ ވިޓަމިން އޭ އަދި ފަނިބޭހުގެ މައުލޫމާތު ބެލެނިވެރިންނަށް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ.
މީގެ އިތުރުން، ހެދިބޮޑުވަމުންދާ މިންވަރު މޮނިޓާކޮށް، ވެކްސިން ޖަހަންޖެހޭ ދުވަސް ކައިރިވުމުން، ބެލެނިވެރިންނަށް ހަނދާންކޮށްދިނުމަށް މި ސިސްޓަމް މެދުވެރިކޮށް، އެސްއެމްއެސްގެ ޒަރިއްޔާއިން ނޮޓިފިކޭޝަން ލިބިގެންދާނެއެވެ.
މީގެ އިތުރުން ޕްރައިމަރީ ހެލްތް ކެއާ ނިޒާމުގެ ތެރެއިން މި ޚިދުމަތް ޚާއްސަ ކުރެވިފައިވާ މޮޑިއުލް ތަންފީޒު ކުރަމުންދާ އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެ ފަރާތެއްގެ ގައިންގަޔަށް ނާރާ ބަލިތަކާއި، އޭގެ ހިރާސްތަކުގެ މައުލޫމާތު މި ޕަބްލިކް ޕޯޓަލުން ފެންނަން ހުންނާނެއެވެ.
އަދި މީގެ އިތުރުން، ޕްރައިމަރީ ހެލްތް ކެއާ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ފޮލޯއަޕް ހަދަންޖެހޭ ފަރާތްތަކަށް ޑޮކްޓަރަށް ދައްކަންޖެހޭ ދުވަސް ކައިރިވުމުން ވެސް ނޮޓިފިކޭޝަން ލިބިގެންދާނެއެވެ.
ކުރިމަގުގައި މި ޕޯޓަލް އިތުރަށް ފުޅާކޮށް، އާންމު ސިއްހަތާ ގުޅުންހުރި މައުލޫމާތުތަކުގެ އިތުރުން ޑޮކްޓަރަށް ދައްކައިގެން ހޯދަމުންދާ ފަރުވާއާއި ޑައިގްނޯސްޓިކްސް ޓެސްޓުތަކުގެ ނަތީޖާތައް ވެސް ފެންނަން ހުންނާނެ ކަމަށް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.