ފިޔާގެ އަގު މަތިނުކުރަން އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފި

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާ ބަސްތާތަކެއް. ފިޔާގެ އަގު އިންތިހާއަށްވަނީ އުފުލިފައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

ރާއްޖެއަށް ފިޔާއާއި އެހެނިހެން ޒަރޫރީ ބާވަތްތައް އިމްޕޯޓު ކުރުމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށް ބުނެ، ފިޔާގެ އަގު މަތި ނުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިންޑިއާއިން ފިޔާ ބޭރުކުރުން މަނާ ކުރުމާއެކު ރާއްޖޭގައި ފިޔާގެ އަގު އުފުލިފައިވަނިކޮށް އެ މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ވަނީ، މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓު ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވީ ނަމަވެސް ދިވެހިންނަށް ފިޔާ ލިބުމުގައި ދަތިކަމެއް ދިމާވާނެ ފަދަ އެއްވެސް ފިޔަވަޅެއް އެގައުމުން އަޅާފައިނުވާ ކަމަށެވެ.

ހަމައެއާއެކު، ރާއްޖެއަށް ފިޔާ އިމްޕޯޓްކުރާ ބައެއް ފަރާތްތަކާ އެ މިނިސްޓްރީން ކުރި މަޝްވަރާތްތަކުގައި އެ ފަރާތްތަކުން ވަނީ ރާއްޖެއަށް ދަތިކަމެއް ނެތި ފިޔާ އިމްޕޯޓް ކުރެވޭނެ ކަމުގައ ޔަގީންކަން ދީފައި ކަމަށް އެ ބަޔާނުގައިވެއެވެ.

ނަމަވެސް އެ މިނިސްޓްރީން ތަފާތު 23 ވިޔަފާރިއަކުން އަގުބަލައި ކުރި ދިރާސާއިން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 23އާ އަޅާބަލާއިރު މިއަދު ބާޒާރުގައި 20 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަގަކަށް ފިޔާގެ އަގު އުފުލިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެހެންވެ، މިނިސްޓްރީން ވަނީ ފިޔާ އާއި އެހެނިހެން ޒަރޫރީ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް އެއްވެސް ނެތް ކަމަށް ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

"އަދި، ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓް ކުރުމަށް އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތެއްގައި މިކަމަށް އެކަށޭނަ ހައްލެއް ސަރުކާރުން ހޯދައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ. ވީމާ، އާންމުންނަށް ދަތިވާފަދަ ގޮތަށް ބާޒާރުގައި ފިޔާގެ އަގު މަތިނުކުރުމަށް މި މިނިސްޓްރީން އިލްތިމާސް ކުރަމެވެ." ބަޔާނުގައިވެއެވެ.

މީގެ ކުރިން ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 200 ރުފިޔާއާ 350 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ނަމަވެސް މިހާރު 500 ރުފިޔާއަށް ވެސް ބައެއް ފިހާރަތަކުން އަގު ބޮޑުކޮށްފައިވާއިރު، ގިނަ ފިހާރަތަކުގައި ފިޔާ ވިއްކަނީ 800 ރުފިޔާއާއި 900 ރުފިޔާއާ ދެމެދުގެ ބޮޑު އަގެއްގައެވެ.

ކުރީގެ އަގުތަކަށްވުރެ މިހާރުގެ އަގު ތިން ގުނަ ބޮޑުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ވިޔަފާރިވެރިން ފާހަގަކުރަނީ އިންޑިއާއިން އެހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ވަގުތީ ގޮތުން ހުއްޓައިލުމެވެ.

https://sun.mv/185886

މާލޭ ބާޒާރުމަތީ ސަރަހައްދުގައި ހޯލްސޭލްކޮށް މި ވިޔަފާރީ ކުރާ ބައެއް ފަރާތްތަކާ "ސަން"އިން ވާހަކަދައްކައިލުމުން އެ މީހުން ބުނީ، ކުރީގެ އަގުތަކަށްވުރެ މިހާރުގެ އަގު ތިން ގުނަ ބޮޑުވުމުގެ މައިގަނޑު ސަބަބަކީ އިންޑިއާއިން އެހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ވަގުތީ ގޮތުން ހުއްޓައިލުން ކަމަށެވެ.

comment ކޮމެންޓް