ރާއްޖޭގެ ގިނަ އަދަދެއްގެ އަންހެނުން ތަހަންމަލު ކުރާ ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސްގެ ފަދަ މައްސަލަތަކުގެ ފަރުވާއަށް އާސަންދައިގެ ފުލް ކަވަރޭޖް ލިބޭނެ ގޮތް ހަދަން ސަރުކާރުން ނިންމައިފިއެވެ.
މިއަދު ކެބިނެޓުން ބޭއްވި ބައްދަލުވުމުގައި އެކަން ނިންމާފައިވާކަން އިއުލާން ކުރެއްވީ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބަލި ދެނެގަނެވޭ ގޮތެއްގެ ސަބަބުން ފަރުވާ ހޯދުމަށް މިހާރު އާސަންދައިން ފުލް ކަވަރޭޖް ނުލިބޭކަން ފިރުޒުލް ފާހަގަ ކުރެއްވިއެވެ.
މިދިޔަ ހަފުތާގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ދަރިމައިނުވުމުގެ މައްސަލަތަކަށް އާސަންދައިން ފަރުވާ ކުރެވޭގޮތަށް ނިންމާފައެވެ. ފިރުޒުލް ވިދާޅުވީ، މިއަދުގެ މި ނިންމުމަކީ އެ ނިންމުންތަކަށް އިތުރުވާ ބޮޅެއް ކަމަށެވެ.
ޕީސީއޯއެސް އަދި އެންޑޯމެޓްރިއޯސިސް ފަދަ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން މަޝްވަރާކޮށްފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
"މިއަދުގެ ހާލަތަށްބަލާއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަމަކީ، ދެ ދިމާލަކުން މިފަދަ މައްސަލަތަކާ މެދު ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަން. އެއް ކަމަކަށް ރާއްޖޭގަ މަސައްކަތް ކުރައްވާ ސިއްހީ ޚިދުމަތްތެރިންގެ މެދުގައި ވެސް މިކަމުގެ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރެވިގެން ދާނެ. އަދި ހަމަ އެހެންމެ އާންމުންގެ ތެރޭގައި ވެސް ސިއްހީ ހޭލުންތެރިކަން މި މައްސަލަތަކާ މެދު ވަކިން ހާއްސަކޮށް އިތުރު ކުރުމަށް ހާއްސަ މަަސައްކަތް ކުރުމަށް ނިންމާފައި ވޭ،" ފިރުޒުލް ވިދާޅުވިއެވެ.
މިދިޔަ ހަފުތާގައި ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނީ ދަރިމައިނުވުމުގެ މައްސަލަތަކަށް އާސަންދަ ދިނުމުގެ އިތުރުން އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމުތައް ވެސް ހަމަޖެއްސުމަށެވެ.
މީގެ އިތުރުން، މިހާރު އާސަންދަ ލިބޭ ބޭރުގެ ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ގުރޭޑުގެ ހޮސްޕިޓަލަކުން އަނެއް ގުރޭޑުގެ ހޮސްޕިޓަލަކަށް ބަދަލުވާއިރު އިތުރަށް ދައްކަން ޖެހޭ ފައިސާ ވެސް އާސަންދައިން ހަމަޖެހޭނެ އިންތިޒާމުތައް ހަމަޖައްސަން ވެސް މިދިޔަ ހަފުތާގެ ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ.