ފަހު ވަގުތު ޕެލަސް ބަލިކޮށް، ލިވަޕޫލް އެއްވަނައަށް

ޕެލަސް ކޮޅަށް ޖެހި ލަނޑާ އެކު ސަލާހް ވަނީ ލިވަޕޫލަށް 200 ލަނޑު ޖަހައިދީފައި -- ފޮޓޯ/ ޔޫރޯސްޕޯޓް

އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލުން ކްރިސްޓަލް ޕެލަސް ބަލިކޮށް، ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 1-2 އިންނެވެ.

ލިވަޕޫލުން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައި އެ ޓީމަށް ޕެލަސްގެ ޑިފެންސް ފޫއަޅުވައިލެވޭ ގޮތެއްނުވިއެވެ. މެޗުގައި ލިވަޕޫލަށް ޕެލަސްގެ ގޯލަށް އަމާޒުކޮށް ފުރަތަމަ ހަމަލާ ފޮނުވާލެވިފައިވަނީ ވެސް މެޗުގެ 76 ވަނަ މިނެޓުގައެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ޖަހައި ލީޑު ނަގައިފާވަނީ ޕެލަސްއިންނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔަބު ކޮށްދީ ލީޑު ނަގައިދިނީ ޖޮން ފިޕީލޭ މަޓޭޓާއެވެ.

ޕެލަސްއިން ވަރަށް ރަނގަޅަށް ޑިފެންޑުކޮށް ލިވަޕޫލަށް މައްސަލަތައް ކުރިމަތި ކުރުވަމުން ދަނިކޮށް ޕެލަސްގެ މަސައްކަތަށް ބުރޫ އަރައިގެން ދިޔައީ މެޗުގެ 75 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާ އެކު ޕެލަސްގެ ޖޯޑަން އަޔޫއަށް ރަތްކާޑު ދެއްކުމާ އެކުވެއެވެ. މި ކާޑު ދައްކާ އަޔޫ ފޮނުވާލިތާ 98 ސިކުންތުގެ ތެރޭގައި ލިވަޕޫލުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ލިވަޕޫލަށް ޖަހާދިނީ މުހައްމަދު ސަލާހެވެ. މިއީ އޭނާ އެ ޓީމަށް ކާމިޔާބުކޮށްދިން 200 ވަނަ ލަނޑެވެ. މިއާ އެކު ސަލާހް ވެފައިވަނީ ލިވަޕޫލަށް 200 ލަނޑު ކާމިޔާބު ކޮށްދިން ފަސްވަނަ ކުޅުންތެރިޔާއަށެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 150 ވަނަ ލަނޑެވެ. މެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހާވީ އެލިއޮޓެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ މިއީ ފުރަތަމަ 76 މިނެޓު އެހާ ދައްކޮށް ކުޅުމަށް ފަހު މެޗު ކާމިޔާބު ކުރި ފުރަތަމަ ޓީމަށް ވާނެ ކަމަށެވެ. ނަމަވެސް ސީޒަންގެ މި ދުވަސްވަރު ބޭނުންވަނީ މޮޅު ކުޅުން ނޫން ކަމަށާއި ބޭނުންވަނީ ނަތީޖާ ނެރެން ކަމަށް ކުޅުންތެރިން ގާތު ބުނިން ކަމަށް ކްލޮޕް ބުންޏެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް މިހާރު ވަނީ 16 މެޗުން ލިބިފައިވާ 37 ޕޮއިންޓާ އެކު ތާވަލްގެ އެއްވަނައަށް އަރައިފައެވެ. ޕެލަސް އޮތީ 16 ޕޮއިންޓާ އެކު ތާވަލުގެ 15 ވަނައިގައެވެ.

comment ކޮމެންޓް