ރެކޯޑު އަގަކަށް އޮސިމްހެން ގެންދިއުމަށް ޗެލްސީ ތައްޔާރު!

ނަޕޯލީގެ ނައިޖީރިއާ ފޯވާޑް ވިކްޓާ އޮސިމްހެން -- ފޮޓޯ/ ގެޓީ

ފައިނޭންޝަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުތަކަށް ބެލުމެއްނެތި، ޗެލްސީން ރެކޯޑު އަގަކަށް ނައިޖީރިއާ ފޯވަޑް ވިކްޓާ އޮސިމްހެން ގެންދިއުމަށް ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީގެ ފޯވަޑް ލައިނަށް ކުރިމަތިވެފައިވާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އެ ކްލަބުން ޖެނުއަރީ ޓްރާންސްފާގައި އެންމެ އިސްކަމެއް ދޭނީ ނަޕޯލީގެ އޮސިމްހެން ހޯދުމަށެވެ. އަދި ޓްރާންސްފާ ރެކޯޑު މުގުރާލައި، އެފްއެފްޕީގެ ގަވާއިދުތަކަށް އެ ކްލަބުން ބަލަން ބޭނުން ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީގެ އިތުރުން އާސެނަލުން ވެސް ދަނީ އޮސިމްހެން ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޓިކްޓޮކްގައި ޕޯސްޓުކުރި ވީޑިއޯއެއްގެ މައްސަލައިގައި ނަޕޯލީއާ ދެމެދު މައްސަލަތަކެއް ޖެހުނު ނަމަވެސް، އެ ކްލަބުން ދަނީ އޮސިމްހެންގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޮސިމްހެން ކޮންޓްރެކްޓް އާކުރުމަށް އެއްބަސްވާނެ ކަމަށް ނަޕޯލީން ވެސް ދެކެއެވެ.

ނަޕޯލީއާއެކު އޮސިމްހެން މިހާރު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2025 ވަނަ އަހަރުއެވެ. އެހެންކަމުން އާ ކޮންޓްރެކްޓެއްގައި އޮސިމްހެން ސޮއި ނުކޮށްފި ނަމަ، އޭނާ ކުޑަ އަގެއްގައި ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު ނަޕޯލީއަށް އެބައޮތެވެ.

ޗެލްސީން އޮސިމްހެންގެ ހާލަތު ގާތުން ބަލަމުންދާ އިރު، އޭނާ ގެންދިއުމަށް ފައިސާ ހޯދުމަށް ވެސް ދަނީ ޕްލޭންތަކެއް ހަދަމުންނެވެ. އޭނާ ގެންދިއުމަށް ޗެލްސީން އެންމެ މަދުވެގެން 100 މިލިއަން ޕައުންޑް (126 މިލިއަން ޑޮލަރު) ހަރަދުކުރަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަޕޯލީއަށް 33 އަހަރަށްފަހު އިޓާލިއަން ސެރީއާގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދިން އެއް ކުޅުންތެރިޔަކީ އުމުރުން 24 އަހަރުގެ އޮސިމްހެންއެވެ. މިދިޔަ ސީޒަނުގެ ލީގުގައި އޭނާ ވަނީ ނަޕޯލީއަށް 22 ގޯލު ކާމިޔާބުކޮށްދީފައެވެ.

comment ކޮމެންޓް