ކުރިމަގާ ގުޅޭގޮތުން މިދަނީ މެސީއާ ވާހަކަދައްކަމުން: ސްކަލޯނީ

އާޖެންޓީނާގެ ކޯޗު ސްކަލޯނީ އާއި ކެޕްޓަން ލިއޮނެލް މެސީ -- ފޮޓޯ/ ގެޓީ

އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ދެމިހުރުމާ މެދު ގޮތެއް ނިންމުމަށް ކެޕްޓަން ލިއޮނެލް މެސީއާ ވާހަކަދައްކަމުންދާ ކަމަށް ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

ދާދި ފަހުން ސްކަލޯނީ ވަނީ އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާދޭން އުޅޭކަމުގެ އިޝާރާތެއް ކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އާޖެންޓީނާއަށް ބޭނުންވަނީ ދާއިމީގޮތެއްގައި ޓީމާއެކު ހުރެވޭނެ ކޯޗެކެވެ. އޭގެ ފަހުން ދިން އިންޓަވިއުއެއްގައި އެކަމާ ގުޅޭގޮތުން މިހާރު މެސީއާ ވާހަކަދައްކަމުންދާ ކަމަށް ސްކަލޯނީ ވަނީ ބުނެފައެވެ.

"އަހަރެން ވާނެ މެސީއާ ވާހަކަދައްކާފައި. އަދިވެސް މެސީއާ ވާހަކަދައްކާނަން، އެއަށްފަހު ނިންމުމެއް ނިމިގެންދާނެ. އެންމެ މުހިންމީ އާޖެންޓީނާ ގައުމީ ޓީމަށް އެންމެ ރަނގަޅު ނިންމުމެއް ނިންމުން. އާޖެންޓީނާ ފެޑެރޭޝަންއާ މައްސަލައެއް ނެތް،" ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ބުނީ ކުރިއަށްއޮތް ދުވަސްތަކަށް ތައްޔާރުވުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށާއި ކުރިއަށްއޮތީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ދުވަސްތަކެއް ކަމަށެވެ. އަދި ނިންމަން އޮތީ އަމިއްލަ ނިންމުމެއްކަން ވެސް އޭނާ ފާހަގަކުރިއެވެ.

ދާދި ފަހުން ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ސްކަލޯނީ ގެންދިއުމަށް ރެއާލް މެޑްރިޑުން ވެސް މަސައްކަތްކުރެއެވެ. އަދި ރެއާލުން ގެންނާނެ ކޯޗެއް ނިންމާނީ ސްކަލޯނީ ހިމެނޭގޮތަށް ޝޯޓްލިސްޓުކޮށްފައިވާ ހުރިހާ ކޯޗުންނާ މަޝްވަރާކުރުމަށްފަހު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕާއި 2021ގެ ކޮޕާ އެމެރިކާ، އާޖެންޓީނާއިން ކާމިޔާބުކުރީ ސްކަލޯނީގެ އިރުޝާދުގެ ދަށުންނެވެ. ވޯލްޑް ކަޕަށްފަހު މިހާތަނަށް އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗަކުން އާޖެންޓީނާ ވަނީ މޮޅުވެފައެވެ. ވޯލްޑް ކަޕް 2018އަށް ފަހު އާޖެންޓީނާ ގައުމީ ޓީމާ ހަވާލުވި ސްކަލޯނީ އިރުޝާދު ދިން މެޗުތަކުގެ ތެރެއިން ބަލިވެފައިވަނީ އެންމެ ހަ މެޗުންނެވެ.

comment ކޮމެންޓް