މާލޭގެ ވެހިކަލް ތޮއްޖެހުން ހައްލުކުރަން ބޭރު ތަޖުރިބާކާރުންނާއެކު ކޮމިޓީއެއް އެކުލަވައިލަނީ

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން --

ވެރިރަށް މާލެއަށް ދިމާވެފައި އޮތް ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ބޭރުގެ ޚާއްސަ ތަޖުރިބާކާރު ބޭފުޅުންނާއެކު ކޮމިޓީއެއް އެކުލަަވައިލައިގެން މަސައްކަތްކުރުމަށް މި ސަރުކާރުން ނިންމައިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެެއްޖެއެވެ.

މާލެއާއި ހުޅުމާލޭގައި ކާރޫބާރޫ ބޮޑުވެ، އެކްސިޑެންޓުތައް ހިނގުން މިހާރުވަނީ އާންމު ކަމަކަށްވެފައެވެ. މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަމުން ފުލުހުން ފާޅުކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ މާލެއަށް ވެހިކަލް އެތެރެކުރެވޭ މިންވަރުގައި ހައްދެއް ނެތުމެވެ.

https://sun.mv/185839

އެއާއެކު މިހާރު ވެސް މުޅި މާލޭގެ ޓްރެފިކް ނިޒާމު އޮތީ ބޮއްސުންލައިފައިކަމަށް ފުލުހުން ބުނެއެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މާލޭ ސަރަހައްދުގައި ކަންބޮޑުވާ ދަރަޖައަަކަށް ވެހިކަލް އިތުރުވެފައިވާކަމަށް ގަބޫލުކުރައްވާކަމަށެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ވެސް ވެހިކަލް އިތުރުވުމާއި އޭގެ ސަބަބުން ދިމާވާ ޓްރެފިކް މައްސަލަ ހައްލުކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ކޮށްފައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު މިއީ މި ސަރުކާރުން އެންމެ ޚާއްސަ ސަމާލުކަމެއް ދޭނެ އެއް މައްސަލަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މި ކަން ހައްލުކުރުމުގެ މަސައްކަތް ފެށުމަށް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭ ޓްރާންސްޕޯޓް މިނިސްޓްރީއާއި، ސިފައިންނާއި ފުލުހުންނާއި، ކަސްޓަމްސް ހިމެނޭހެން ކޮމިޓީއެއް އެކުލަވައިލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެ ކޮމިޓީގައި މަޝްވަރާކޮށް، މި ވަގުތުން ވަގުތަށް ތަންފީޒުކުރެވޭނެ ހައްލުތައް ދެނެގަނެ، އެ ކަންކަން ތަންފީޒުކުރައްވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ޓްރެފިކާ ގުޅުންހުރި ހުރިހާ ދާއިރާތަކެއް އިނގޭތޯ ކޮމިޓީއެއް މި ހަދަނީ އެއީ ޓެކްނިކަލް ދުރު ރާސްތާ ޕްލޭނެއް ހަދަންވެގެން މި އުޅެނީ، ކަސްޓަމްސާއި ސިފައިންނާއި ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގައި، ޚާއްސަކޮށް ވެރިރަށް ހިމެނޭ މާލޭ ސަރަހައްދުގައި ވެހިކަލާއި ޓްރެފިކް ހާލަތު އޮތް ގޮތުން ވަރަށް ރަނގަޅަށް އޮޑިޓެއް ހަދަން ޖެހޭކަމަށެވެ. އެ ކަން ކުރަންޖެހޭނީ އެންމެ ތަޖުރިބާކާރު މީހުންނާއެކު ކަމަށް ވެސް ވިދާޅުވިއެވެ.

އެ ކަމަށް ޓަކައި ބޭރުގެ ޖަމިއްޔާތައްކަމަށްވާ ޔޫއެންޑީޕީ އާއި އެ ނޫން ވެސް އެކުވެރި ގައުމުތަކުން އެހީތެރިކަން ހޯއްދަވައިގެން މިހާރު މަސައްކަތް ފަށައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު އެ މަސައްކަތް ފެށިއްޖެ. އިރާދަކުރެއްވިއްޔާ ޕްރޮފެޝަނަލްކޮށް މި ކަން ކުރެވޭނެ ވަރުގެ އެކްސްޕަޓީޒް ޓީމެއް ރާއްޖެ ގެންނާނަން. ރާއްޖެއަށް އެ މީހުން ގެނެސްގެން އެ މީހުން ޑިއުޑެލިޖެންސް އެސެސްމަންޓުތަކެއް ހަދައިފައި މާލޭ ސަރަހައްދަށް ދޭ ރެކޮމެންޑޭޝަންތަކެއް އިމްޕްލިމެންޓްކުރުމުގެ މަސައްކަތްތަކެއް އަޅުގަނޑުމެން ފަށާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ކަމަށް ހައްލު ހޯދަން މި ސަރުކާރުން މަސައްކަތްކުރާނެކަމަށެވެ.

މާލޭގެ ވެހިކަލް ލިމިޓް ކަނޑައެޅުމުގެ ވާހަކަ އެކި ސަރުކާރުތަކުން ދައްކައިފައިވީ ނަމަވެސް މިހާތަނަށް އެކަމުގައި އޮތީ އަމަލީ ސިފައެއް ނުޖެހިއެވެ.

comment ކޮމެންޓް