އެކްސިޑެންޓަކަށްފަހު އެކްސިޑެންޓެކެވެ. މި ނިމިދިޔަ ހަފުތާއަށް އެކަނި ބަލައި ނަމަވެސް އެކްސިޑެންޓެއް ނުހިނގާ ދުވަހެއް މަދެވެ. ބަލަބަލައި ހުއްޓައި ވެސް އެކްސިޑެންޓުތައް ހިނގަނީއެވެ. ޓްރެފިކްގެ ނިޒާމު މުޅީންހެން ބޮއްސުންލައި، ކާރޫބާރޫ ބޮޑު މާލޭ ސަރަހައްދުގައި މިއީ އާންމު ކަމެކެވެ.
ކޮންމެ އެކްސިޑެންޓަކާއެކު ވެސް އެންމެ ގަދަޔަށް ދެކެވެނީ ފުލުހުން އެކްސިޑެންޓުތައް މަދުކުރުމަށް ޓަކައި އެކަށީގެންވާ ހަރުދަނާ ފިޔަވަޅު ނާޅާކަމުގެ ވާހަކައެވެ. ނުވަތަ ބާރަށް ދުއްވާ މީހުން ހިފަހައްޓައި، ހަރުކަށި އަދަބު ނުދެވޭކަމުގެ ވާހަކައެވެ. ހަމައެއާއެކު ދުއްވާ މީހުންގެ ފަރުދީ ޒިންމާ އަދައިނުކުރެވޭކަމުގެ ވާހަކައެވެ. މިއީ ވެސް ނުރައްކާތެރި އެކްސިޑެންޓުތަކަށް މަގުފަހިވާން ދޫކޮށްލެވިފައި ހުރި ސަބަބުތަކެވެ.
އެކަމަކު އެ ހުރިހާ ކަމެއްގެ ވާހަކަ އަޑަށް ބާރުލައިފައި ހަމަ އެންމެން ވެސް ދައްކާއިރު، ޓްރެފިކްގެ ނިޒާމު ބޮއްސުންލައިފައި މި އޮތް މާލެއަށް ހައްދެއް ނެތި ވެހިކަލް އިތުރުކުރާ ވާހަކަ ހަމަ ނުދައްކާ ވަރިހަމަ ކޮށްލަންވީ ހެއްޔެވެ؟ އެއްވެސް މީހަކު، ނުވަތަ އެއްވެސް އިދާރާއަކުން މި ވާހަކަދައްކަން ބޭނުންނުވަނީ ކީއްވެގެން ހެއްޔެވެ؟
މި ތޮއްޖެހިފައިވާ މާލެއަށް ހައްދެއް ނެތި ވެހިކަލް އިތުރުކުރުން ހުއްޓުމަކަށް ގެނައުމުގެ ވާހަކަ ދައްކަންވެއްޖެއެވެ.
ވެހިކަލްތައް އިތުރުވެ މާލޭ ޓްރެފިކް ބޮއްސުންލައިފި!
ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން ހަމައެކަނި ވެރިރަށް މާލެއަށް ބަލައިލަމާ ހިނގާށެވެ. ޖުމްލަ 211،908 މީހުން އެބަ ދިރިއުޅެއެވެ. އޭގެ ތެރެއިން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންގެ އަދަދު އުޅެނީ 54،141 އިން ފެށިގެން މަތީގައެވެ. މިއިން ކޮންމެ ޒުވާނަކު ސައިކަލެއް ގެންގުޅޭ ނަމަވެސް އެއީ މި ތޮއްޖެހިފައިވާ މާލެ، ހުޅުމާލެ ތެރޭ ދުއްވާ 54،000 އަށްވުރެ ގިނަ ސައިކަލެވެ. ހަމަ މި އަދަދާ އެއްވަރަށް ކާރާއި ޕިކަޕާއި ހެވީ ވެހިކަލް ވެސް ދުއްވާކަމަށް ބަލައިނަމަ، މުޅި ޖުމްލަ މާލޭގައި ދުއްވާ އެކި ބާވަތުގެ ވެހިކަލްގެ އަދަދު ލައްކައަކަށްވުރެ ގިނަވާނެއެވެ.
މާލޭގެ ބޮޑު މިނުގައި ކިރިޔާ ހަ ކިލޯމީޓަރު ހަމަނުވާއިރު މިހާ ގިނަ އަދަދެއްގެ ވެހިކަލް މާލެއާއި ހުޅުމާލެ ތެރޭ ދުއްވަން ބޭނުންކުރުމަކީ ކުޑަ ކަމެއް ނޫނެވެ. އެ ވަރުން ނުފުދިގެން އަދިވެސް ވެހިކަލް އެތެރެކުރާ ފަރާތްތަކުން އަންނަނީ މާލެ އެތެރެކޮށް ވެހިކަލް ވިއްކަމުންނެވެ. އެއްވެސް ކޮންޓްރޯލެއް ނެތެވެ. އެއާއެކު މާލެއާއި ހުޅުމާލޭގެ މަގުތަކަށް ނުކަތާ މިންވަރަށް ވެހިކަލް އިތުރުވެ ޓްރެފިކަށް އޮންނަ ލޯޑު އިންތިހާއަށް މިހާރު އޮތީ ބޮޑުވެފައެވެ.
މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، މާލެ ހުޅުމާލެ ހައިވޭގެ ޓްރެފިކް އިސްކޮށް ބަލަހައްޓަވާ، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ލުތުފީ "ސަން"އަށް ވިދާޅުވީ މާލޭ ސަރަހައްދުގައި ވެހިކަލް އިތުރުވަމުން އަންނަ އައުމަކީ ފުލުހުން ވެސް އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް އެ ކަންބޮޑުވުން ފާޅުކުރުމާއެކު އިދާރާތަކަށް ރެކޮމެންޑޭޝަން ފޯރުކޮށްދިނުން ފިޔަވައި ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ލުތުފީ ވިދާޅުވިއެވެ.
"މިއީ ހަމައެކަނި ފުލުހުންގެ ކަމެއް ނޫން. މީގައި ހަމަ ޕޮލިސީ ލެވެލްގައި ވަރަށް ސްޓްރޯންގް ޑިސިޝަނެއް ނަގަންޖެހޭ. އަޅުގަނޑުމެން ވެސް ހަމަ ވަރަށް ކަންބޮޑުވާ ކަމެއް މިއީ. މުޅި މާލޭގައި މިހާރު މިއޮތީ އަނެއްހެން ބުނަންޏާ ބޮއްސުންލައިފައި،" ލުތުފީ ވިދާޅުވިއެވެ.
ލުތުފީ ވިދާޅުވީ މާލޭގެ ކެޕޭސިޓީއަށްވުރެ ވެހިކަލް އިތުރުވެފައި އޮތުމަކީ އެކްސިޑެންޓުތަކަށް މަގުފަހިވާން މެދުވެރިވެފައިވާ އާންމު ސަބަބެއްކަމަށެވެ. އެއީ ކުޑަ ސަރަހަދެއްގައި އެ ޖާގައަށް ފެތޭ މިންވަރަށްވުރެ ގިނައިން ވެހިކަލް ބޭނުންކުރުމުން ޖާގަ ނެތުން ފަދަ ކަންކަމާއި، ރަނގަޅު އެކަށީގެންދާ ދުވެލީގައި ދުއްވުމުގެ ފުރުސަތު ނުލިބޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކިފަހަރު މަތިން އެކި އިދާރަތަކަށް އެކި ރިކޮމެންޑޭޝަންތައް މީގެ ކުރިން ވެސް ފުލުހުންގެ މުއައްސަސާއިން ފޮނުވައިފައިވާކަމަށެވެ. ނަމަވެސް މިއިން އެއްވެސް ހުށަހެޅުމެއްގައި އަދި މިހާތަނަށް އަމަލީ ސިފަ ނުޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު ލުތުފީ ވެސް އެއްބަސްވާ ކަމަކީ ވީ އެންމެ އަވަހަކަށް މާލެ، ހުޅުމާލެއަށް ވެހިކަލް ލިމިޓް ކަނޑައެޅުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް ކަމެވެ.
"މާލޭ ތެރޭ މި ހިނގާ އެކްސިޑެންޓުތައް ހުއްޓުވުމަށް ޓަކައި މި ވެހިކަލް ކޮންޓްރޯލް ލިމިޓެއް ކަނޑައަޅައިގެން ނޫނީ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މި މައްސަލައަކަށް ހައްލެއް އަންނާނެ ކަމަކަށް،" އޭނާ ވިދާޅުވިއެވެ.
ސަރުކާރަކަށްފަހު ސަރުކާރެއް ދެއްކީ ހޮޅި ވާހަކަ
މާލެ ސަރަހައްދަށް ވެހިކަލް ކޮންޓްރޯލް ލިމިޓެއްގެ ވާހަކަ ދައްކާތާ އެތައް އަހަރެއްވެއްޖެއެވެ. މާލޭގެ އެކި ދައުރުތަކުގެ ސިޓީ ކައުންސިލްތަކުންނާއި، އެކި ޓްރާންސްޕޯޓް މިނިސްޓަރުން ވެސް މި ވާހަކަ އައީ ދައްކަމުންނެވެ.
އެންމެފަހުން މި މައްސަލައިގައި ދެކެވުނު ވާހަކަތަކަށް ބަލައިލާއިރު، 2019ވަނަ އަހަރު އޮތް މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ މާލޭގެ ވެހިކަލް ލިމިޓް ކުރުމުގެ ވާހަކަދައްކައިފައެވެ. ހަމަ އެ އަހަރު އޭރު އޮތް ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވެހިކަލް ލިމިޓް ކަނޑައެޅުމާ ގުޅޭގޮތުން އެއިރުގެ ކެބިނެޓަށް ކަރުދާހެއް ހުށަހަޅުއްވައިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.
ސަރުކާރު ނިމުނުއިރު ވެސް އެ ކަރުދާހަށް ވީނުވީއެއް ނޭނގެއެވެ. އެހާ ހިސާބުން އެ ވާހަކަ ވެސް އޮއްބައިލެވުނީއެވެ.
އާ ސަރުކާރުގެ ހައްލަކީ ކޮބާ؟
"އަޅުގަނޑު އޮފީހަށް ގޮސް ބެލިބެލުމުގައި މި ޓްރެފިކްގެ މައްސަލަ ހައްލުކުރާކަށް މަސައްކަތްތަކެއް ކުރެވިފައި، މި ދެންނެވީ ޕްލޭނެއް ހެދިފައި އޮތް ތަނެއް ނެތް ފެންނާކަށް،" މީގެ ތިން ހަފުތާއެއްހައި ދުވަސް ކުރިން މަގާމާ ހަވާލުވި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު، މުޙައްމަދު އަމީން ވިދާޅުވިއެވެ.
ހައްދެއްނެތި ވެހިކަލް އިތުރުވަމުން އަންނަ އައުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށް މިނިސްޓަރު، އަމީން ވެސް އެއްބަސްވެވަޑައިގަންނަވައެވެ. އެއާއެކު ވެހިކަލް އިތުރުވުމުގެ މި މައްސަލައަށް ހައްލު ގެނައުމަކީ މި ސަރުކާރުން އެންމެ އިސްކަން ދީގެން ކުރާނެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ޓްރެފިކާ ގުޅުންހުރި ހުރިހާ ދާއިރާތަކެއް އިނގޭތޯ ކޮމިޓީއެއް މި ހަދަނީ އެއީ ޓެކްނިކަލް ދުރު ރާސްތާ ޕްލޭނެއް ހަދަންވެގެން މި އުޅެނީ، ކަސްޓަމްސާއި ސިފައިންނާއި ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ކޮމިޓީން ވަގުތުން ވަގުތަށް ކުރެވޭނެ ކަންތައްތަކެއް ރެކޮމެންޑުކުރުމުން އެ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.
އެ ކަމުގައި ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީ ވެސް ހޯދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގަބޫލުކުރަންޖެހޭ ހަގީގަތަކީ މާލެއާއި ހުޅުމާލެއަށް ދިމާވެފައި އޮތް ޓްރެފިކްގެ މައްސަލައިގެ އަސްލަކީ ނުކަތާ މިންވަރަށް ވެހިކަލްތައް މާލެ އެތެރެކޮށް ދުއްވުން ކަމެވެ. މި ކަމަށް ހައްލު ގެނެސް، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ހިންދެމިލުމުގެ ހަމަނޭވާއެއް ލައިގެން މަގުތަކުގައި ދުއްވޭނެ މިންވަރަށް ވެހިކަލްތަކުގެ އަދަދު އެބަ މަދުކުރަން ޖެހެއެވެ.
މިއީ މި ވަގުތު ޚާއްސަ އިސްކަމެއް ކޮންމެހެން ވެސް ދޭންޖެހޭ މުހިންމު ކަމެކެވެ.