މާލޭ މަގުމަތީގައި ބަހައްޓާފައި ހުރި 400އަށް ވުރެ ގިނަ ވެހިކަލް ހަތަރު ދުވަސްތެރޭ ފުލުހުން ނަގައިފިއެވެ.
މާލެ ތެރޭގައި ބޭނުންނުކޮށް ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ ހޮނިހިރު ދުވަހެވެ.
އެ މަސައްކަތާ ގުޅުވައި މިއަދު ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އިއްޔެއާ ހަމައަށް ޖުމުލަ 468 ވެހިކަލް މާލެއިން ނަގާފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، ދެ ފުރޮޅުލީ 432 ވެހިކަލާއި ހަތަރު ފުރޮޅުލީ 33 ވެހިކަލް އަދި ތިން ބައިސްކަލެވެ.
މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު ފަހުކޮޅުގައެވެ.
ވެރިރަށް މާލޭގެ މަގުތަކުގެ 65 ޕަސެންޓު އަބަދު ވެސް ހިފައިފައި އޮންނަނީ ޕާކުކޮށްފައި އޮންނަ އުޅަނދުތަކުން ކަމަށާއި، މިކަމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
ދާދިފަހުން ފުލުހުންނާއި އެޗްޑީސީ ގުޅިގެން ވަނީ ހުޅުމާލޭ މަގުތަކުގައި ހުރި ބާ އުޅަނދުތައް ވެސް ނަގައިފައެވެ.