ޓްރެފިކް ފްލޯ މެނޭޖުކުރުމުގައި އާ ލައިޓުތަކުގެ ނަތީޖާ ރަނގަޅު: ފުލުހުން

ކައުންޓްޑައުން އަކުން މެނޭޖުކުރާ ޓްރެފިކް ލައިޓް ސިސްޓަމް -- ފޮޓޯ/ ޕީއެސްއެމް

ބްރިޖާއި ހައިވޭގެ ޓްރެފިކް ފްލޯ އިތުރަށް ފުރިހަމައަށް މެނޭޖުކުރުމަށް ޓަަކައި މި އަަހަރުގެ ޖުލައި މަހު އަލަށް ހަރުކުރި "އެރޯ ޓްރެފިކް ލައިޓް" ސިސްޓަމުގެ ރަނގަޅުު ނަތީޖާ ފެންނަކަމަށް ފުލުހުން ބުނެފިއެވެ.

އޮފީސް ފެށޭ ވަގުތާއި ނިމޭ ވަގުތުގެ އިތުރުން ސްކޫލު ކުދިންގެ ކިޔެވުން ފެށި، ނިމޭ ވަގުތުތަކުގައި ޓްރެފިކް ލައިޓުތަކުގައި ދިގު ވެހިކަލް ކިއުތައް އަދިވެސް އޮވެއެވެ.

އެއާއެކު މި ފަހުން އެންމެ ގިނަ އެކްސިޑެންޓުތަކެއް ހިނގައިފައިވަނީ ވެސް މި ޓްރެފިކް ލައިޓުތައް ހަރުކޮށްގެން ޓްރެފިކް ފްލޯ މެނޭޖުކުރާ ބްރިޖާއި ހައިވޭގައެވެ. އާ ލައިޓުތައް ހަރުކުރި ދުވަސްކޮޅުގައި ވެސް ބައެއް އެކްސިޑެންޓުތައް ހިނގައިފައިވެއެވެ.

މި ކަމާ ގުޅިގެން މި ލައިޓުތަކުގެ ނަތީޖާ އެންމެ އެދެވޭ ގޮތެއްގައި ފެނޭތޯ "ސަން"އިން ސުވާލުކުރުމުން، ބްރިޖާއި ހައިވޭގެ ޓްރެފިކް ބެލެހެއްޓެވުމުގެ އިންޗާޖް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލުތުފީ ވިދާޅުވީ، ލައިޓުތަކުގެ ސަބަބުން ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ވަރަށް ބޮޑަށް ފަސޭހަވި ކަމަށެވެ.

ސަބަބަކީ ކުރިން، ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކުގައި އެ ކަން މެނޭޖުކުރަންޖެހެނީ ޓްރެފިކް ފުލުހުން ނެރެގެން މެނުއަލްކޮށްކަމަށް ވާތީކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް މިހާރު މެނުއަލްކޮށްގެން ބަލަހައްޓާކަށް އަޅުގަނޑުމެންނަކަށް ނުޖެހޭ. އެ ލައިޓުން ގެންނަ ބަދަލުން، ފުދޭވަރަކަށް އަވަހަށް ކްލިއާވޭ. ދެން ވަރަށް ބާރުބޮޑުކޮށް އޮތީ ނޫންވިއްޔާ މިހާރު ގެންގުޅޭ އުސޫލެއް ނޫން ލައިޓް މެނުއަލްކުރުމަކީ،" ލުތުފީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކްސިޑެންޓުތައް ހިނގުމުގައި ޓްރެފިކް ލައިޓަކީ މައްސަލައެއްގެ ގޮތުގައި ފާހަގަނުވާކަމަށެވެ. މައިގަނޑު ގޮތެއްގައި އެކްސިޑެންޓް ހިނގަން މެދުވެރިވާކަމަށް ފާހަގަކުރެވިފައި ހުރީ، ކޮންޓްރޯލް ނުކުރެވޭ ސްޕީޑުގައި ދުއްވައިގެންނާއި، އޯވާޓޭކް ކުރުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ދުއްވާއިރު ރަނގަޅަށް މަގަށް ސަމާލުކަން ނުދެވުމަކީ ވެސް ސަބަބެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަލަށް ބޭނުންކުރަން ފެށި ލައިޓް ސިސްޓަމްގައި ކައުންޓްޑައުންއެއް ހުރެއެވެ. އެހެންކަމުން މަޑުކުރަން ޖެހޭނީ ކިހާ ވަގުތެއްކަން އެނގޭނެއެވެ. އަދި މި ސިސްޓަމް މެދުވެރިކޮށް އެއް ފަހަރާ ދެ ލޭނެއްގެ ވެހިކަލް މޫވްމަންޓް، ފުށުނާރާ ގޮތަށް ކޮންޓްރޯލުކުރެވެއެވެ.

comment ކޮމެންޓް