އެންޗެލޮޓީގެ ޖޯކެއް: ސައުދީން ބޮޑު މުސާރައެއް ދޭ ނަމަ، ފައިމަގުގައި ދާނަން!

ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ -- ފޮޓޯ/ ގެޓީ

ސަައުދީ އަރަބިއާއިން އަހަރަކަށް 450 މިލިއަން ޕައުންޑް ދޭ ނަމަ، ފައިމަގުގައި އެގައުމަށް ދާނެ ކަމަށް ބުނެ، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ޖޯކެއްގެ ގޮތުގައި އެ ވާހަކަދައްކައިފިއެވެ.

ފުޓުބޯޅައާއެކު އެހެން ކުޅިވަރުތަކަށް ވެސް ބޮޑު ހަރަދެއް ކުރަމުންދާ ސައުދީން ވަނީ ދާދި ފަހުން އެގައުމުގެ "ލިވް ގޮލްފް"އަށް ސްޕެއިންގެ ގޮލްފް ކުޅުންތެރިޔާ ޖޯން ރާމް އަހަރެއްގެ މައްޗަށް 450 މިލިއަން ޕައުންޑް (566 މިލިއަން ޑޮލަރު) ދޭ ގޮތަށް ގެންގޮސްފައެވެ. އެއާއެކު ދެން އޭނާ ޕީޖީއޭ ޓުއާ އަދި ޓީޖީއެލް ލީގުން ނުފެންނާނެއެވެ. އެފަދަ ހުށަހެޅުމެއް ލިބިއްޖެ ނަމަ، ސައުދީއަށް ދާނެތޯ ނޫސްވެރިން ވަނީ ރެއާލްގެ ކޯޗު އެންޗެލޮޓީއާ ސުވާލުކޮށްފައެވެ.

"އަހަރެން އޭރުން ފައިމަގުގައި ދާނަަން، ފުލައިޓެއް ވެސް ބޭނުމެއް ނުވާނެ. އެއީ އެކަމަކު ޖޯކެއް. ހަގީގަތަކީ ދުނިޔެ މިދަނީ ބަދަލުވަމުން. ހުރިހާ ކަމެއް ވެސް ބަދަލުވެގެންދާނެ. އެއީ އެއްވެސް މީހަކު ހައިރާންވާނެ ކަމެއް ނޫން. ޖޯން ރާމްއަކީ ވަރަށް މޮޅު ގޮލްފް ކުޅުންތެރިއެއް،" އެންޗެލޮޓީ ބުންޏެވެ.

އެންޗެލޮޓީ ބުނީ ސައުދީގެ ކްލަބަކުން އޭނާއަށް އަދި އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް ވެސް ގުޅާފައި ނުވާ ކަމަށެވެ.

ރެއާލްއާއެކު އެންޗެލޮޓީ ހަދާފައިވާ ކޮންޓްރެކްޓް މިސީޒަންގެ ނިޔަލަށް ނިމުމަކަށް އަންނަ އިރު، އޭނާ ގެންދިއުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަނީ ބްރެޒިލް ގައުމީ ޓީމުންނެވެ. ނަމަވެސް ރަސްމީކޮށް އެއްވެސް ނިންމުމެއް ނިންމާފައިވާ ކަމެއް އަދި އިއުލާންްކޮށްފައެއް ނުވެއެވެ. ރެއާލުން ވެސް ދަނީ އެންޗެލޮޓީގެ ބަދަލުގައި އާ ކޯޗެއް ހޯދުމަށް މަަސައްކަތްކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް