އައްޑޫ މާރާމާރީ: ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިތުރު ހަތިޔާރު ހޯދައިފި

ފުލުހުން ހަރަކާތްތެރި ވަނީ --

އައްޑޫ ސިޓީގައި ހިންގާ މާރާމާރީތަކާއި ގުޅޭ އިތުރު ބައެއް ހަތިރާރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދައިފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ހިންގި އޮޕަރޭޝަނެއްގައި އެ ތަކެތި ހޯދީ އައްޑޫގެ އުސްގަނޑު ބީޗު ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

ފުލުހުން ހޯދި އެއްޗެހީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރިކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކާއި، އަންގި ހިމެނެއެވެ. އަދި އަންނައުނާއި އެހެނިހެން ބައެއް އާލާތްތައް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަންގައި ހިތަދޫ ޕޮލިސް ސްޓޭޝަންގެ ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ އިތުރުން އިންޓެލިޖެންސްއިން ވަނީ ހަރަކާތްތެރިވެފައިވެއެވެ.

ފުލުހުން ބުނީ ގްރޫޕު މާރާމާރީތަކާ ގުޅިގެން، ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ތުހުމަތުކުރެވޭ ގޮތަށް ގްރޫޕު ހަދައިގެން އެއްވެ ތިބޭ މީހުންނާއި، އާންމުކޮށް މީހުން އެއްވާ ތަންތަނާއި ގޭބިސީތައް ވެސް އަންނަނީ ފާސްކުރަމުންނެވެ.

ހަމައެއާއެކު މިދިޔަ ބުދަ ދުވަހު ވެސް ފުލުހުން ވަނީ މާރާމާރީ ހިންގުމަށް ފޮރުވާފަ ހުރި ތޫނު ހަތިޔާރުތަކެއް ހޯދާފައެވެ.

ހިތަދޫގައި މިދިޔަ ހުކުރު ދުވަހާއި އާދިއްތަ ދުވަހު ހިންގި މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ 11 މީހަކު ހައްޔަރުކޮށް، އިއްޔެ ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން މިއަދު ވަނީ ބަންދުކޮށްފައެވެ.

ނަމަވެސް އޭގެ ތެރެއިން އެކަކު ބަންދުގައި ބަހައްޓަން ނުފެންނާތީ މިދިޔަ ބުދަ ދުވަހު އޭނާ ވަނީ ދޫކޮށްލައިފައެވެ.

އައްޑޫގައި މިދިޔަ ހުކުރު ދުވަހުގެ ރެއާއި އާދިއްތަ ދުވަހުގެ ރޭ ވަނީ ނުރައްކާތެރި ދެ މާރާމާރީއެއް ހިންފައިފައެވެ

އެ މާރާމާރީތަކާ ގުޅިގެން ކުރިން ހައްޔަރުކޮށްފައި ތިބި 10 މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަމާންކޮށް އޮތުމަށް ފަހު، މި ފަހުން އަނެއްކާ ވެސް ގޭންގު މާރާމާރީތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންވެ، ފުލުހުން އަންނަނީ މާލެއާއި އައްޑޫގައި ހާއްސަ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް