މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޑީއީޑީ އޮފިސަރު ވަޒީފާއިން ވަކިނުކުރަން ނިންމައިފި

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފުލުހުންގެ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގެ އޮފިސަރު ވަޒީފާއިން ވަކި ނުކުރުމަށް ޕޮލިސް ޑިސިޕްލިނަރީ ބޯޑުން ނިންމައިފިއެވެ.

މަސްތުވާތަކެތި ބޭނުން ކޮށްގެން ޕާޓީކުރި މައްސަލައިގައި އިތުރު ބަޔަކާއެކު ޑީއީޑީ އޮފިސަރު ހަސަން ޝުޖާއު ހައްޔަރު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހުގެ ރެއެވެ.

މީގެ ކުރިން އެ ނިންމުން އޭނާ ވަނީ އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅައިފައެވެ. އިސްތިއުނާފީ މައްސަލައާމެދު ގޮތެއް ނިންމަންދެން އޭނާ ހުރީ ވަޒީފާގައި ބަހައްޓައިފައެވެ.

ފުލުހުންގެ މީޑިއާއިން "ސަން"އަށް މައުލޫމާތު ދެމުން ބުނީ ޑިސިޕްލިނަރީ ބޯޑުން ޝުޖާއު ވަޒީފާއިން ވަކިކުރަން ނިންމުމުން އޭނާ އެ މައްސަލަ އިސްތިއުނާފު ކޮމިޓީގައި އިސްތިއުނާފް ކުރީކަމަށެވެ.

އެއާއެކު އެ ކޮމިޓީން ނިންމާފައި ވަނީ ޝުޖާއު ވަޒީފާއިން ވަކިނުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ މަގާމު ދަށްކުރުމަށް ނިންމައިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލައޮގައި ހައްޔަރުކުރި މީހުންގެ ތެރެއިން ޑީއީޑީ އޮފިސަރު ޝުޖާއުގެ މައްސަލަ ބެލުމަށް އޭނާ މީގެ ކުރިން ހުރީ ސަސްޕެންޝަނުގައެވެ.

އޭރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައަކާއި އިދާރީ މައްސަލައެއް ތަހުގީގުކުުރަމުން އައިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ

https://sun.mv/174616

އެނގިފައިވާ ގޮތުގައި ޝުޖާއުއާއި އިތުރު ބަޔަކު ހައްޔަރުކޮށްފައި ވަނީ ހ. ސޯސަންމަންޒިލް ގެއިންނެވެ. އަދި އެ މީހުން ތިބި ތަނުން އެރޭ ގާތްގަނޑަކަށް އެއް ކިލޯގެ ޕާޓީ ޑްރަގްސް ފެނިފައިވާކަމަށް ވެސް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ.

އެ މައްސަލައިގައި ހަތަރު އަންހެނަކާއި އަށް ފިރިހެނަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ އައިމިނަތު ރިޝްފާއާއި ހުނޭސާ އާދަމް ނަސީރު (ހުނޫ) ހިމެނެއެވެ.

އެ ދެ މީހުންގެ މައްޗަށް ވެސް ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރި ކުރުމުގެ ތުހުމަތެވެ. ނަމަވެސް ފަހުން އެ ދެ މީހުން ވަނީ ދޫކޮށްލައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް