އައްޑޫ މާރާމާރީ: އިތުރު ޒުވާނަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދަށް

އައްޑޫ ސިޓީ --

އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން އިތުރު ޒުވާނަކު އިއްޔެ ހައްޔަރުކުރުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެ މާރާމާރީއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި އިއްޔެ 29 އަހަރުގެ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހިތަދޫގައި މިދިޔަ ހުކުރު ދުވަހާއި އާދިއްތަ ދުވަހު ހިންގި މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ 11 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ބަންދުގައި ބަހައްޓަން ނުފެންނާތީ އިއްޔެ އޭނާ ވަނީ ދޫކޮށްލައިފައެވެ.

އައްޑޫގައި މިދިޔަ ހުކުރު ދުވަހުގެ ރެއާއި އާދިއްތަ ދުވަހުގެ ރޭ ވަނީ ނުރައްކާތެރި ދެ މާރާމާރީއެއް ހިންފައިފައެވެ

ހުކުރު ދުވަހުގެ ރޭ ހިންގި މާރާމަރީގައި ވަނީ 30 އަހަރުގެ ފިރިހެނަކަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އާދިއްތަ ދުވަހުގެ މާރާމަރީގައި ޒަޚަމް ކޮށްލާފައި ވަނީ 20 އަހަރުގެ ޒުވާނެކެވެ.

އެ މާރާމާރީތަކާ ގުޅިގެން ކުރިން ހައްޔަރުކޮށްފައި ތިބި 10 މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަމާންކޮށް އޮތުމަށް ފަހު، މި ފަހުން އަނެއްކާ ވެސް ގޭންގު މާރާމާރީތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންވެ، ފުލުހުން އަންނަނީ މާލެއާއި އައްޑޫގައި ހާއްސަ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންދަމުންނެވެ.

ހުޅުމާލޭގައި މިދިޔަ ބުދަދުވަހުގެ ރޭ ވެސް ވަނީ މާރާމާރީއެއް ހިންގައިފައެވެ. އާއިލީ ހަމަނުޖެހުމެއްގައި ހިނގި އެ މާރާމާރީއާ ގުޅިގެން ވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް