ދުނިޔޭގެ އެންމެ ބޮޑު ސޯލާ ޕާކު ދުބާއީގައި

މުހައްމަދު ބިން ރާޝީދު އަލް މަކްތޫމް ސޯލާގެ ހަތަރުވަނަ ފިޔަވަހީގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު ކޮންސެންޓްރޭޓެޑް ސޯލާ ޕަވަރު (ސީއެސްޕީ) މަޝްރޫއު ޔޫއޭއީގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝީދު އަލް މަކްތޫމް އިފްތިތާޙު ކޮށްދެއްވައިފިއެވެ.

ޖުމުލަ 950 މެގަވޮޓްގެ ހަތަރުވަނަ މަރުހަލާއަކީ ޕެރަބޮލިކް ބެސިން ކޮމްޕްލެކްސްއިން 600 މެގަވޮޓް، ސީއެސްޕީ ޓަވަރުން 100 މެގަވޮޓް އަދި ފޮޓޯވޮލްޓިކް ސޯލާ ޕެނަލްތަކުން 250 މެގަވޮޓް އުފައްދާ ތިން ހައިބްރިޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. އިންޑިޕެންޑެންޓް ޕަވާ ޕްރޮޑިއުސަރު (އައިޕީޕީ) މޮޑެލް ބޭނުންކޮށްގެން ހިންގާ މި މަޝްރޫޢަކީ 15.78 ބިލިއަން ދިރްހަމްގެ އިންވެސްޓްމަންޓެކެވެ. އަދި، މި މަޝްރޫޢަކީ ދުނިޔޭގެ އެންމެ އުސް ސޯލާ ޓަވަރު ހުންނާނެ މަޝްރޫއެވެ. ސޯލާ ޓަވަރުގެ އުސްމިނުގައި 263.126 މީޓަރު ހުންނާނެއެވެ. އެންމެ ގިނައިން ތާމަލް އެނާޖީ ރައްކާކުރެވޭ ޤާބިލުކަން ވެސް ހަތަރުވަނަ މަރުޙަލާގެ މަޝްރޫޢުގައި ހުންނާނެ ކަމަށް ނޭޝަނަލްސްއިން ރިޕޯޓުކުރެއެވެ.

މަޝްރޫޢު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް މުޙައްމަދު ވިދާޅުވި ގޮތުން މުޙައްމަދު ބިން ރަޝީދު އަލް މަކްތޫމް ސޯލާ ޕާކަކީ ދުބާއީއާއި ޔޫއޭއީއިން ބިނާކުރާ ތިމާވެއްޓާއި ރައްޓެހި ބިނާއެކެވެ. އަދި، ސޯލާ ޕާކުގެ ހަތަރުވަނަ މަރުހަލާ އިފްތިތާހު ކުރުމަކީ ތާރީޚީ މުހިންމު ކަމެއް ކަމަށް ވެސް ޝެއިހް މުޙައްމަދު ވިދާޅުވިއެވެ.

މި މަޝްރޫއުގައި އިރުގެ ހަރަކާތްތައް ބަލައި 70،000 ހެލިއޮސްޓޭޓް ހިމެނެއެވެ. ސޯލާ ޕަވާ ޓަވަރުގެ މަތީގައި ހުންނަ މޮލްޓެން ސޯލްޓް ރިސީވަރު (އެމްއެސްއާރު) އަކީ ސީއެސްޕީ ޕްލާންޓްގެ މައިގަނޑު އަދި އެންމެ މުހިންމު ބައެވެ. އެއީ، އިރުގެ ރޭޑިއޭޝަން ލިބި ހޫނު ހަކަތައަކަށް ބަދަލުކޮށްދޭ އެއްޗެކެވެ.

މި މަޝްރޫޢުގެ ސަބަބުން ގާތްގަނޑަކަށް 320،000 ގެއަށް ސާފު އަދި ދެމެހެއްޓެނިވި ހަކަތަ ލިބިގެންދާނެއެވެ. އަދި، ކާބަން ދޫކުރާ މިންވަރު އަހަރަކު ގާތްގަނޑަކަށް 1.6 މިލިއަން ޓަނު މަދުވާނެއެވެ. މިއީ ސާފު އަދި އިއާދަކުރަނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ދުނިޔޭގެ ކުރިއަރާފައިވާ ހަބެއްގެ ގޮތުގައި ދުބާއީގެ މަގާމު އިތުރުވެގެންދާނެ މަޝްރޫޢެއް ވެސް މެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް