އަންނަ އަހަރަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް ބަޖެޓުގައި އިންޑައިރެކްޓް ސަބްސިޑީ އުވާލައި، ކޮންމެހެން ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ދިނުމަށް ނުވަތަ ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމަށް ބަޖެޓު ކޮމިޓީން މިރޭ ފާސްކޮށްފިއެވެ.
މިހާރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތެލާއި، ކަރަންޓާއި، ކާޑުގެ ބާވަތްތަކާއި، ފެނާއި ނަރުދަމާގެ ޚިދުމަތުން ސަބްސިޑީ ލިބެމުން އާދެއެވެ. އިންޑައިރެކްޓްކޮށް ދެވޭ މި ސަބްސިޑީ ދިނުމުގައި އެ މީހެއްގެ ދިރިއުޅުމުގެ ފެންވަރާއި އާމްދަނީއަށް ނުބަލައެވެ.
އެހެންކަމުން އެންމެ މުއްސަނދި ނުވަތަ އެންމެ ފުދުންތެރި މީހާއަށް ވެސް، އެންމެ ނިކަމެތި ފަގީރު މީހާއަށް ދައުލަތުން ޚަރަދުކުރާ ސަބްސިޑީ އެއް ހަމައެއްގައި އެއްވަރަކަށް ލިބެއެެވެ.
ނަމަވެސް މި ކަން ދިރިއުޅުމުގެ ފެންވަރަށް ބަލައި ދެވޭ ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމަށް ފިނޭންސް މިނިސްޓްރީން އޮތީ ހުށަހަޅައިފައެވެ. މިއީ އަންނަ އަހަރު ދައުލަތުން ކުރާ ރިކަރެންޓް ޚަރަދު ވީހާ ވެސް ކުޑަކުރުމުގެ ގޮތުން ހުށަހެޅި ކަމަކެވެ.
އެއާއެކު މިރޭ އޮތް ބަޖެޓު ކޮމިޓީގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ އެކަން ފާސްކުރުމަށް ހުށަހަޅައިފައެވެ. އެ ކަމަށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާވަނީ ތާއީދުކުރައްވައިފައެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.
އެއާއެކު ސަބްސިޑީގެ ގޮތުގައި ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރުން ނިމުމަކަށް އަންނާނެއެވެ.
މި ބަދަލާއެކު އަންނަ އަހަރު ހުއްޓައިލާ ހަތަރު ސަބްސިޑީއަށް ކުރާ ޚަރަދު އެ އަހަރުގެ ތެރޭގައި ދެބައިކުޅަ އެއްބައި ކުޑަވާނެ ކަމަށާއި 2025 ގައި ވަރަށް ބޮޑަށް ކުޑަަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ.
އެހާ ހިސާބުން އިންޑައިރެކްޓް ސަބްސިޑީއަކަށް ހިނގާ ހަމައެކަނި ޚަރަދަކަށް ވާނީ މަސްވެރިންނަށް ދެމުންދާ ފިއުލް ސަބްސިޑީއެވެ.
މި އަހަރަށް ސަރުކާރުން ސަބްސިޑީއަށް ފާސްކުރީ 2.28 ބިލިއަން ރުފިޔާއެވެ. އެކަމަކު، މި އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި ސަބްސިޑީގެ ބަޖެޓުން 1.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށް ސަޕްލިމެންޓްރީ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި އިތުރު އެއް ބިލިއަން ރުފިޔާ ވަނީ ހިމެނިއެވެ،